ބޮލީވުޑް

ތައުރީފު ލިބުނުވަރާ ގާތަށްވެސް "ޕީކޫ" ނުހިނގި

May 10, 2015

ހުކުރު ދުވަހު ރިލީޒްކުރި "ޕީކޫ"އަށް ވަނީ ފިލްމު ކްރިޓިކްސް އާއި ބޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތައުރީފު ވަނީ ލިބިފަ އެވެ. ނަމަވެސް، މިފިލްމް ބެލުންތެރިންނަކަށް ކަމަކު ނުދިޔަ އެވެ.

ދިޕިކާ ޕަދުކޯން އާއި އަމީތާބް ބައްޗަން އަދި އިރްފާން ޚާން މުހިންމު ރޯލުން ފެނިގެންދާ މިފިލްމަށް ފުރަތަމަ ދުވަހު5.32 ކުރޯޑް(53.2މިލިއަން ރުޕީޒް) ކަމަށް ފިލްމް ކްރިޓިކް އިން ވަނީ އަންދާޒާކޮށްފަ އެވެ.

އެހެންކަމުން އަސަރު ގަދަ ފިލްމުތައް ހަދަން މަޝްހޫރު ޑައިރެކްޓަރު ސުޖިތް ސިރްކާރް ޑައިރެކްކޮށްފައިވާ މިފިލްމު ބަލަން ގިނަ ބަޔަކު ވަންނާނެ ކަމަށް ލަފާކުރެވުނު ނަަމަވެސް، ހީކުރި ވަރާ ގާތަށްވެސް މީހުން ނުވަންނަ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

ފުރަތަމަ ދުވަހުގެ އާމްދަނީ ހީކުރިވަރާގާތް ނުވި ނަމަވެސް އަދި މިފިލްމުގެ ވިޔަފާރި ރަނގަޅު ވެދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށްވެސް ތަރަން ބުނެފައިވެ އެވެ.

ބައްޕަ އާއި އަންހެން ދަރިފުޅެއްގެ ގުޅުމާއި ބެހޭގޮތުން އުފައްދާފައިވާ މިިފިލްމުން ދޭން ބޭނުންވި މެސެޖް ބެލުންތެރިންނާއި ހަމައަށް ފޯރާ ފައި ވިޔަސް، މިފިލްމަކީ 32 ކުރޯޑް (320 މިލިއަން ރުޕީޒް) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމަކަށް ވާތީ، މި ހަފްތާ ބަންދުގައި ފިލްމު ރަނގަޅށް ހިނަގއިގެން ނޫނީ ކުރި ހަރަދު ފޫ ނުބެދޭނެ އެވެ.

މިއަހަރުގެ މިހާތަނަށް ރިލީޒްކޮށްފައިވާ ފިލްމުތަކުގެ ތެރެއިން "އޭކް ޕަހޭލީ ލީލާ" "ޑިޓެކްޓިވް ބްޔޮމްކޭޝް ބަކްޝީ" އަދި "އެން އެޗް 10" އަށް ފުރަތަމަ ދުވަހު ލިބުނު އާމްދަނީ އަށް ވުރެން ގިނައިން "ޕީކޫ" އަށް ވަނީ ލިބިފަ އެވެ.

"ޕީކޫ" އާއި އެކު ހިންދީ ފިލްމު "ކުޗް ކުޗް ލޯޗާ ހޭ" ވެސް ވަނީ ހުކުރު ދުވަހު ރިލީޒްކޮށްފަ އެވެ.

ސަނީ ލިއޯނީ އާއި ރާމް ކަޕޫރް ލީޑްރޯލުން ފެނިގެންދާ މިފިލްމަށް ފިލްމު ކްރިޓިކްސް އިންވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. މިފިލްމަށް ފުރަތަމް ދުވަހު ކުރޯޑް އެއްވެސް ލިބިފައިނުވާއިރު، މިހާރު ވަނީ ބޮކްސް އޮފީހުގައި ފްލޮޕްވެފަ އެވެ.

ގިނަބަޔަކު ގަބޫލުކުރާގޮތުގައި ބޮޑެތި ތަރިންތަކެއް ހިމެނޭ ފިލްމު "ޕީކޫ" އާއި އެއްދުވަހެއްގައި ރިލީޒްކުރުމަކީ މިފިލްމު ނުހިނގުމަށް މެދުވެރިވި އެންމެ ބޮޑު އެއް ސަބަބެވެ. އަދި ފުރަތަމަ ދުވަހުގެ އާމްދަނީ އަށް ބަލައި، ކުރިއަށް ހުރި ދުވަސްތަކުގައި މިފިލްމަށް ރަނގަޅު އާމްދަނީ އެއް ނުލިބޭނެ ކަމަށްވެ އެވެ.

މީގެއިތުރުންވެސް މި މަހުގެ އެއްވަނަ ދުވަހު ރިލިޒްކުރި އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ފިލްމު "ގައްބަރު އިޒް ބެކް" އަށް އަދިވެސް ގިނަ ބަޔެއްގެ ތާއީދު ލިބެމުން ދާތީ މި ދެފިލްމަށް ވަނީ އެކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ.

މިއަހަރުގެ މިހާތަނަށް ރިލިޒްކުރި ފިލްމުތަކުގެ ތެރެއިން ރިލީޒްކުރި ދުވަހު އެންމެ ގިނަ އާމްދަނީ ލިބިގެންދިޔަ ފިލްމަކީ ވެސް "ގައްބަރު އިޒް ބެކް" އެވެ. އަދި މިފިލްމަށް މިހާރު ވަނީ 62.66 ކުރޯޑް (626 މިލިއަން ރުޕީޒް) ލިބިފަ އެވެ.

އެޕްރީލް 24 ވަނަ ދުވަހު ރިލީޒްކުރި ހޮލީވުޑް އެކްޝަން ފިލްމް "އެވެންޖާސް:އޭޖް އޮފް އަލްޓްރަން" އަށް ލިބެނުންދާ ތަރުހީބަކީ މިފިލްމަށް އެޅެމުން އަންނަ ހިޔަންޏެކެވެ. ރިލީޒްކުރިތާ ތިން ހަފްތާ ވެފައިވީ ނަމަވެސް މިފިލްމަށް ހުކުރު ދުވަހު ވަނީ 70 ލައްކަ ރުފީޒް ލިބިފަ އެވެ. 

މިއަދަކީ އިންޑިއާ އަށް ބަންދު ދުވަހަކަށް ވެފައި، މިފިލްމާއި ބެހޭގޮތުން ބޮލީވުޑްގެ ތަރިންނާއި ފިލްމް ކްރިޓިކްސްއިން ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން ހަފްތާ ބަންދުގައި މިފިލްމު ރަނގަޅަށް ހިނގުމުގެ ފުރުސަތު ބޮޑެވެ. "ގައްބަރު އިޒް ބެކް" ރިލީޒްކުރިތާ މިއީ ދެވަނަ ހަފްތާ ނަމަވެސް މިފިލްމަށް މި ހަފްތާ ތެރޭގައި "ޕީކޫ"އަށް ވުރެން ގިނައިން އާމްދަނީ ލިބިނޭ ކަމުގެ ފުރުސަތުވެސް ބޮޑުކަމަށްވެ އެވެ.

މުސްކުޅި ބައްޕަ އަކު ބަލަހައްޓާ އަންހެން ކުއްޖެއްގެ ރޯލުން ދިޕިކާ ފެނިގެންދާއިރު، ދިޕިކާގެ ބައްޕްގެ ރޯލު ކުޅެފައިވަނީ އަމީތާބް ބައްޗަން އެވެ. ބައްޕަ އާއި އަންހެން ދަރިފުޅު ކަލްކަތާ އަށް ކުރާ ދަރުތުގައި، އެދެމީހުންގެ ދޭތެރޭގައި ޖެހޭ މައްސަލަތަކުގެ މެދުގައި ތާށިވާ ޓެކްސީ ޑްރައިވަރެއްގެ ރޯލުން ފެނިގެންދަނީ އިރްފާން ޚާން އެވެ.

ޔާޝް ރާޖް ފިލްމްސް އިން ޑިސްޓްރިބިއުޓްކުރާ މިފިލްމު ޕްރޮޑިއުސްކޮށްފައިވަނީ އެން ޕީ ސިންގް، ރޯނީ ލަހިރީ އަދި ސްނޭހާ ރަޖާނީ އެވެ.