ޣައްސާން މައުމޫން

ޣައްސާން ނޫން އެހެން ބޭފުޅުން މައުމޫންއާ ބައްދަލުކޮށްފި

ރައީސް މައުމޫންގެ އާއިލާއިން އެ މަނިކުފާނާ ބައްދަލު ކުރެއްވުމަށް ދޫނިދޫއަށް ވަޑައިގެންފި އެވެ.

ރައީސް މައުމޫންއާ ބައްދަލު ކުރެއްވުމަށް ދޫނިދޫއަށް މިއަދު ވަޑައިގަތީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނާއި އެކަމަނާގެ ފިރިކަލުނާއި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އެވެ. ނަމަވެސް ރައީސް މައުމޫންގެ ހަގު ދަރިކަލުން ގައްސާން މައުމޫން ވަޑައި ނުގަންނަވަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް މިދިޔަ ހޯމަ ދުވަހުގެ ރޭ ހައްޔަރު ކުރި ރައީސް މައުމޫން އަރިހަށް ވަޑައިގަތުމަށް ފަހު ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވަނީ ބައްޕާފުޅުގެ ހާލު ރަނގަޅު ކަމަށެވެ.

ރައީސް މައުމޫން ހައްޔަރު ކުރީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން ވެރިކަން ވައްޓާލުމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނު ހައްޔަރު ކުރުމުގެ ކުރިން ވިދާޅުވީ ހައްޔަރު ކުރާ ސަބަބެއް ނޭންގޭ ކަމަށާއި ގާނޫނާ ހިލާފަށް އެއްވެސް ކަމެއްކޮށްފައި ނުވާނެ ކަމަށެވެ. އަދި ސާބިތުކަމާއެކު އިސްލާހީ މަސައްކަތުގައި ދެމި ހުންނާނެ ކަމަށެވެ.