ކޮންމެގެން ކުރަން ޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރެއް ރާއްޖެއަށް ނުކުރަން ސިންގަޕޫރު މީހުންނަށް އެ ގައުމުގެ ސަރުކާރުން އިރުޝާދު ދީފިއެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ޓްރެވެލް އެޑްވައިޒަރީގައި ބުނެގައި ވަނީ ރާއްޖެއަށް ހަމަޖެހުން އަންނަންދެން ، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް އިރުޝާދުދޭ ކަމަށެވެ. އެގޮތަށް އިރުޝާދު ދިނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސަލާމަތީ ބާރުތައް މާލެ ތެރެއަށް ނެރެފައިވާތީ އެވެ.
ސިންގަޕޫރުގެ ޑިޕްލޮމެޓިކް މިޝަނެއް ރާއްޖޭގައި ނެތުމުން އެގައުމުގެ މީހަކަށް ކުއްލި ހާލަތެއް މެދުވެރިވިޔަސް ކޮންސިއުލާ އެހީދޭން އުނދަގޫ ވާނެކަން ވެސް އެޑްވައިޒަރީގައި ފާހަގަކޮށްފައި ވެއެވެ. ރާއްޖޭގައި މިހާރު ތިބި ސިންގަޕޫރު މީހުންނަށް އެ އެޑްވައިޒަރީގައި އިރުޝާދުދީފައި ވަނީ ލޯކަލް ހަބަރުތައް ކިޔައި ވަމުންދާ ގޮތް ދެނެ ތިބުމަށާއި އެއްވުންތައް އޮންނަ ތަންތަނަށް ނުދިއުމަށާއި ބޭނުންވާ ތަކެތި ގަނެގެން ތިބުމަށެވެ.
ރާއްޖޭގައި މިދިޔަ ހޯމަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން އެމެރިކާ އާއި ޗައިނާ އާއި ޔޫކޭ އާއި ކެނެޑާ އަދި އިންޑިއާއިން ވެސް މިހާރު ވަނީ އެގައުމުތަކުގެ ރައްޔިތުން ސަމާލުވާން އަންގާފަ އެވެ.