ރައީސް މައުމޫން އަބްދުލްގައްޔޫމް

ސްޓޭޓް އޮފް އެމެޖެންސީ އޮތުމުން މައުމޫންގެ މައްސަލަ ބަލައިނުގަތް

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިވަގުތު އަމަލު ނުކުރާ ކަމަށް ބުނެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތްޕުޅުން ކުރިމިނަލް ކޯޓަށް ހުށަހަޅުއްވަން މަސައްކަތް ކުރެއްވި، ހެބިއަސް ކޯޕަސް މައްސަލަ ބަލައި ނުގަންނަން އެ ކޯޓުން ނިންމައިފި އެވެ.

ރައީސް މައުމޫންގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމި ސަބަބެއް ކަމަށް ބުނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިވަގުތު އަމަލުކުރަމުން ނުދާތީ އެވެ. ހެބިއަސް ކޯޕަސްގެ މައްސަލަތަކަކީ ގާނޫނާ ހިލާފަށް ބަންދު ކޮށްފައިވާ މީހެއް ބަންދުން ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާ މައްސަލަ އެވެ. މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުށަހެޅޭ މައްސަލައެކެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ބާރުތައް ސަސްޕެންޑް ކުރާށެވެ. އިތުރު އެއްވެސް ބިރެއް އޮވެގެން ނޫނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އެންމެ ފުރަތަމަ ވެސް ހައްޔަރުކުރީ އަމިއްލަ ބޮޑުބޭބޭފުޅު، ރައީސް މައުމޫނެވެ. ރައީސް މައުމޫންގެ ގިނަ ހައްގުތަކެއް ވެސް ވަނީ ހިފަހައްޓާފަ އެވެ.

ރައީސް މައުމޫނަށް ފުލުހުން ކުާ ތުހުމަތުތަކުގެ ތެރޭގައި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުން ހިމެނެ އެވެ. އެކަމާ ގުޅޭ ހެކިބަހާއި ހެލި ލިބިފައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ރައީސް މައުމޫން ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.

މައުމޫން ހަމީދު ވިދާޅުވީ، ފުރިހަމަ ތަހުގީގެއް "ކުއްލި ނުރައްކަލުގެ ހާލަތުގެ" ނިވަލުގައި ނުހިންގާނެ ކަމަށެވެ. އަދި ކުރާ ތުހުމަތުތަކަކީ ހަގީގީ ތުހުމަތުތަކަށްވާނަމަ ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރަން ފުރުސަތު ނުދީ އެކަމަށް ބިރުން ތިބެގެން ހިންގާ ތަހުގީގެއް ނުހިންގާނެ ކަމަށެވެ. އިންސާފުވެރި ޝަރީއަތްތެއް ދެކެ ވެސް ބިރުން ނޫޅޭނެ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރާ މީހުންނާއި ބަންދުކުރެވޭ މީހުންގެ ގިނަ ހައްގުތަކެއް ވަނީ ހިފަހައްޓާފަ އެވެ. އެގޮތުން ގާނޫނު އަސާސީގެ މުހިންމު މާއްދާތަކެއް ހިފެހެއްޓި އެވެ. މި މާއްދާތަކަކީ ސީދާ ރައީސް މައުމޫން އާއި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް ޓާގެޓްކޮށް ހިފަހައްޓާފައިވާ ހައްގުތަކެވެ.

އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރޭ މާއްދާތަކަކީ، 45 ވަނަ މާއްދާ (ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން) އާއި 46 ވަނަ މާއްދާ (ހައްޔަރުކުރުމާއި، ބަންދުކުރުމުގެ ބާރު) އާއި 49 ވަނަ މާއްދާ (ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން) އާއި 56 ވަނަ މާއްދާ (އިސްތިއުނާފުކުރުމުގެ ހައްގު) އެވެ. އޭގެއިތުރުން، 65 ވަނަ މާއްދާ (ހައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްގު) ވެސް ވަނީ ހިފަހައްޓާފަ އެވެ.

މީގެއިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ވެސް ވަނީ ހިފަހައްޓާފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޝަރީއަތް ހިންގާނެ އުސޫލުތަކާއި މަރުހަލާތައް ބަޔާންކުރާ ގާނޫނެވެ. އެ ގާނޫނު ހިފެހެއްޓުމުން ޝަރީއަތް ހިންގުމުގެ ވަރަށް އަސާސީ ހައްގުތައް ހަނިވެގެން ދާނެ އެވެ. ހައްޔަރުކުރާ މީހާ އާއި ދައުވާކުރެވޭ މީހާގެ ވެސް ހައްގުތައް ހަނިވެގެން ދާނެ އެވެ.

ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުމާއި ހައްޔަރުކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތަކާއި ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތައް އެއްވެސް ވަރަކަށް ހަނި ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.