ހަބަރު

ބައްޕަ ދަސްކޮށް ދެއްވީ ގައުމު އިސްކުރަން: ޔުމްނާ

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތަށް މިހާރު ހައްޔަރުގައި ހުންނެވި ކުރީގެ ރައީސް، ނިޝާން ޣާޒީގެ އިތްތެރި ވެރިޔާ، މައުމޫން އަބްދުލް ގައްޔޫމް އަބަދުވެސް ދަސްކޮށް ދެއްވީ ގައުމު އިސްކުރަން ކަމަށް ދަރިކަނބަލުން ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން އާއި ރައީސް އަބްދުﷲ ޔާމީންގެ ހިޔާލު ތަފާތުވެ ދެ ބޭފުޅުން ވާދަވެރިންގެ ގޮތުގައި މަސައްކަތް ކުރަން ފެއްޓެވި ހިސާބުން ރައީސް މައުމޫންގެ އެންމެ ގާތުގައި ހުންނެވި، ދަރިކަނބަލުން ޔުމްނާ މައުމޫން މިހެން ވިދާޅުވީ، ރައީސް މައުމޫންއާ މިއަދު ދޫނިދޫގައި ބައްދަލުކުރެއްވުމަށްފަހު އެވެ.

ރައީސް މައުމޫންއާ މިއަދު ބައްދަލުކުރެއްވުމަށްފަހު ޔުމްނާ މައުމޫން ވަނީ ފުން ހިތާމައެއްގައި ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. ޔުމްނާ މައުމޫން ވިދާޅުވީ، ރައީސް މައުމޫންގެ ބޭފުޅަކަށްވާތީ ފަހުރުވެރިވާ ކަމަށާއި ބައްޕާފުޅުގެ ހިތްވަރާއި ކެރުމާމެދު އިންތިހާއަށް އުފާކުރައްވާ ކަމަށެވެ.

ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ޔުމްނާ މިއަދު ވަނީ ފިރިކަލުންނާ ވެސް ބައްދަލުކުރައްވާފަ އެވެ. އެކަމަނާއަށް ތައުރީފް ކުރައްވާ ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން ކުރެއްވި ޓްވީޓަށް ވެސް ޔުމްނާ ވަނީ ޖަވާބު ދެއްވާފަ އެވެ.

ޖަލުން މިނިިވަން ވެވަޑައިގަތުމަށްފަހު ފާރިސް ފުރަތަމަ ފަހަރަށް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އޭނާގެ ދައްތާފުޅު ޔުމްނާއަކީ އިންސާނުންގެ ތެރެއިން ވަރަށް ވަރުގަދަ ޝަހުސިއްޔަތެއް ކަމަށެވެ. އަދި އެއީ އޭނާގެ ސުޕަހީރޯ ކަމަށް ފާރިސް ވިދާޅުވި އެވެ.

އެއަށް ޖަވާބު ދެއްވަމުން ޔުމްނާ މައުމޫން ވިދާޅުވީ، ފާރިސް ގެންދަވަނީ ގައުމަށްޓަކައި ބޮޑެތި ގުރުބާނީތަކެއް ވަމުން ކަމަށެވެ.

"މިއީ އަހަރެމެންގެ ބައްޕަ، ރައީސް މައުމޫން އަދި މަންމަ އަބަދުވެސް ދަސްކޮށް ދެއްވި ކަމަކީ، އަބަދުވެސް ފުރަތަމަ ގައުމު،" ޔުމްނާ ވިދާޅުވި އެވެ.

މިހާރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު އެންމެ ފުރަތަމަ ވެސް ހައްޔަރުކުރީ ރައީސް މައުމޫނެވެ. ރައީސް މައުމޫންގެ ގިނަ ހައްގުތަކެއް ވެސް ވަނީ ހިފަހައްޓާފަ އެވެ.

ރައީސް މައުމޫން ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދިޔަ ފަހުން ސަރުކާރުން އިސްތިއުފާ ދެއްވުމަށް ފަހު ޔުމްނާ މައުމޫން އުޅުއްވީ އިދިކޮޅު ހަރަކާތްތަކުގައި ވަރަށް އިސްކޮށް މަސައްކަތް ކުރެއްވުމުގަ އެވެ. އަދި ބައެއް އިދިކޮޅު ބައްދަލުވުމުގައި ރައީސް މައުމޫން ތަމްސީލު ކުރެއްވުމަށް ވަޑައިގަންނަވާނީ ވެސް ޔުމްނާ އެވެ.

އަދި ރައީސް މައުމޫން ހައްޔަރު ކުރި ރޭ އެމަނިކުފާނާއެކު ޔުމްނާގެ ފިރިކަލުން އަހުމަދު ނަދީމް ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ދުވަހު ޔުމްނާގެ ހިތްވަރަށް ގިނަ ބަޔަކު އައީ ތައުރީފް ކުރަމުންނެވެ. އެގޮތުން ބައްޕަ އާއި ކޮއްކޮ އަދި ފިރިމީހާ ބަންދުގައި ހުއްޓާ ވެސް ވަރުގަދަ އަންހެނެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެކި މީހުން ޔުމްނާއަށް ވަރަށް ބޮޑަށް ތައުރީފު ކުރި އެވެ.