ރައީސް އަބްދުﷲ ޔާމީން

މާލެ ފޭބުމުގެ ކުރިން ލޯންޗު ގޮއްވާލީ އަދީބުކަން އިލްހާމްވި: ރައީސް

ދެހާސް ފަނަރަ ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އައި ދުވަހު "ފިނިފެންމާ" ގޮއްވާލައިގެން ރައީސް އަބްދުﷲ ޔާމީން މާލެ ފޭބި އިރު ވެސް އެ ހަމަލާ ދިނީ އޭރުގެ ނައިބު ރައީސް ކަން ކުރެއްވި އަހުމަދު އަދީބު ކަން އިލްހާމް ކުރެއްވި ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. -- އިލްހާމު ގެ ތިން މާނައެއް އޮވެ އެވެ. ފުރަތަމަ މާނައަކީ ރަސޫލް ބޭކަލުންނާއި ނަބީ ބޭކަލުންނަށް ވަހީ އާ ހިލާފު ގޮތަށް މާތް ﷲ އަންގަވާ އެންގެވުމެވެ. ދެވަނަ މާނައަކީ އިންސާނުންގެ ހިތަށް ގުދުރަތީ ގޮތުން އެނގޭ އެކުމެވެ. ތިން ވަނަ މާނައަކީ ކަމަކާމެދު ފިކުރު ކުރުމުން އެނގޭ ރަނގަޅު ގޮތެވެ. --

މާފަންނު ވެސްޓް ޕާކްގައި ހަދާފައިވާ ރައީސް ޔާމީންގެ ކެމްޕެއިން އޮފީސް ހިމެނޭ ބިމުގައި މިރޭ ބޭއްވި ޕީޕީއެމްގެ އަންހެނުންގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ 1 ފެބުރުއަރީގެ އަމުރާއެކު ހިނގައި ދިޔަ ކަންކަމާ ގުޅޭ ތަހުލީލީ ދިރާސާތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް އަމުރު ނެރުނު ރޭ އެކަން ހިނގައިދިޔަ ގޮތް ﷲ ގެ ރަހުމަތުން އެ މަނިކުފާނަށް އިލްހާމްވި ކަމަށެވެ. އަދި ވިދާޅުވީ ހަމަ އެގޮތަށް "ފިނިފެންމާ" ލޯންޗު ގޮއްވާލުމުން ފުލުހުންގެ ލޯންޗަށް ބަދަލުވި އިރު ވެސް އެ ހާދިސާގެ މުޅި މަންޒަރު އިލްހާމްވި ކަމަށެވެ. އަދި އެ ވާހަކަތައް އޭރު ހުންނެވި ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދާއި އޭނާ އެސިސްޓަންޓަކު ކިޔައި ދެއްވަން ފެށުމުން "މުޅި މަންޒަރު ސިފަވެއްޖެ" ކަމަށް އެ ދުވަހު ވެސް ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ލޯންޗުކޮޅުގައި ހުންނަވައިފައި އެމަނިކުފާނު މާލެ ފައިބައި ވަޑައިގަތުމުގެ ކުރިން އެ އަމަލު ހިންގީ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ކަމަށާއި އޭނާ ދިން އުދުވާނީ ހަމަލާއެއްކަން އެނގި ވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑު އެއް ލޯންޗުން އަނެއް ލޯންޗަށް ބަދަލުވި އިރު އަޅުގަނޑު ބެލިން ފާލަން މަތި، އަޅުގަނޑު ބެލިން ކަންކަން ހިނގީ ކިހިނެތްތޯ، އެހިސާބުން އަޅުގަނޑަށް އޭގެ ހަގީގަތް އެނގިއްޖެ، އެއީ ކޮން ބައެއްގެ ރޭވުމެއްކަން، ކޮންބައެއްގެ އެހީތެރިކަމާއި މަދަދުވެރިކަމާއި ކިހާ ބާރުވެރި ބައެއްގެ ނުފޫޒު އޭގެ ތެރެއަށް ވަދެގެން ނޫނީ ނުވާނެ ކަމެއްކަން އޭރު ވެސް އަޅުގަނޑަށް އެނގޭ، އެހެންވެ އޭރު ވެސް އެކަން ﷲ އަޅުގަނޑަށް އިލްހާމް ކުރެއްވި، އޭރުވެސް އަޅުގަނޑަށް އެނގޭ، މާލެ ނުފައިބަނީސް އަޅުގަނޑަށް އެނގޭ އަހުމަދު އަދީބުކަން އެކަން ކުރީ، މިއީ ލޯންޗުގައި ގޮވި ގޮވުމެއް ނޫން ކަމާއި އެއީ ގޮއްވާލި ނުރައްކާތެރި އުދުވާނީ ހަމަލާއެއްކަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ފަޅެއް ގަންނަ ގޮތަށް ރާއްޖޭގެ ވެރިކަން ގަތުމަށް މަހުޖަނަކު މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު އުންމީދު ނުކުރައްވާ ކަމަށެވެ. އަދި ފަޅާއި ގޯއްޗާއި މުދާ ލިބިފައި ހުރި ނަމަވެސް ނުގަނެވޭ އެއްޗެހި ހުންނާނެ ކަމަށާއި އެގޮތުން އެ ފަރާތްތަކަށް ގައުމާއި ވެރިކަން ނުގަނެވޭނެ ކަމަށެވެ.