ގައުމީ ސަލާމަތަށް ނުރައްކާވެ، ސުލްހަ މަސަލަސްކަން ގެއްލި ހަމަނުޖެހުމަށް މަގުފަހިވެދާނެ ކޮންޓެންޓް ނުފޮނުވުމަށް ބްރޯޑްކާސްޓަރުންނަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އަންގާ އިންޒާރު ކޮށްފި އެވެ. އެ އިންޒާރު އައީ އެ ކޮމިޝަނުން މިރޭ ނެރުނު ސާކިއުލާއެއްގަ މެދުވެރިކޮށެވެ. އެ އިންޒާރުގައި އެފަދަ ފަރާތްތަކުގެ ލައިސެންސް ހިފައްޓާނެ ކަމަށް ބުނެފައި ވެއެވެ.
ބްރޯޑްކޮމްގެ ސާކިއުލާގައި ބުނަނީ 1 ފެބުރުއަރީގެ އަމުރާ ގުޅިގެން ބައެއް ޗެނަލްތަކުން ގައުމުގެ ސަލާމަތީ ބާރުތަކުގެ އަގުވެއްޓޭ ގޮތަށާއި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ތަކުރާރުކޮށް ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުން ގެންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެއީ ކޮން ޗެނަލްތަކެއް ކަމެއް އެއަކު ނުއެއް ބުނެ އެވެ.
ރާއްޖޭގެ ސިފައިންނާ ހަނގުރާމަ ކުރަން ބޭރުގެ ސިފައިންގެ އެހީ ހޯދުމަށް ކަމަށް ބުނެ އެކަމަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ޓީވީ ސްޓޭޝަން ތަކުން ކޮންޓެންޓް ގެނެސްދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ސާކިއުލާގައި ބުނެ އެވެ. އަދި ބުނެފައި ވަނީ ގައުމަށް ދިމާވެފައިވާ މި ހައްސާސް ދަނޑިވަޅުގައި ހުރިހާ ބްރޯޑްކާސްޓަރުން ވެސް ކޮންޓެންޓް ގެނެސްދިނުމުގައި އިތުރަށް ސަމާލުވުމަށް އަންގާ ކަމަށެވެ.
ސާކިއުލާގައި އިތުރަށް ބުނީ، ބްރޯޑްކޮމްގެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ގައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓް ކޮށްފިނަމަ، ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ އިހްތިޔާރު ކޮމިޝަަށް ލިބިގެންވާ ކަމަށާއި އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ކަމަށެވެ.
ކޮމިޝަނުން މިފަދަ ބަޔާނެއް ނެރެފައިވަނީ، 1 ފެބްރުއަރީގެ އަމުރަށްފަހު ރާއްޖެޓީވީއިން ގެނެސްދޭ ހަބަރުތަކާ ގުޅިގެން އެ ޓީވީ ސްޓޭޝަން ބަންދުކުރަން ޖެހޭ ކަމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެ އެކަމަށް މުއައްސަސާތަކަށް ގޮވާލާފައި ވެސް ވަނިކޮށެވެ. އޭގެ ފަހުން އަބްދުއް ރަހީމް މިއަދު ވެސް ވަނީ ލަސްނުކޮށް ރާއްޖެޓީވީ ބަންދު ކުރުމަށް ގޮވާލާފަ އެވެ.