ހަބަރު

ރައީސް ޔާމީނާއި ސިފައިން އަދި ފުލުހުންގެ ދިފާއުގައި ދުންޔާ

ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި، ކުއްލި ނުރައްކަލުގެ ހާލަތަކީ ގައުމުގެ ހަމަޖެހުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަ ކުރައްވައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސިފައިންނާއި ފުލުހުންނަށް ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ބާރުތައް ސަސްޕެންޑް ކުރާށެވެ. އިތުރު އެއްވެސް ބިރެއް އޮވެގެން ނޫނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރާ މީހުންނާއި ބަންދުކުރެވޭ މީހުންގެ ގިނަ ހައްގުތަކެއް ވަނީ ހިފަހައްޓާފަ އެވެ. ހައްގުތައް ހިފަހައްޓައި އެންމެ ފުރަތަމަ ވެސް ހައްޔަރުކުރީ، ދުންޔާގެ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމެވެ. އެއަށްފަހު ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމެވެ.

"އިންޑިއަން އެކްޕްރެސް"އަށް ދިން އިންޓަވިއުއެއްގައި ދުންޔާ މައުމޫން ވިދާޅުވެފައިވަނީ، "ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ކަންބޮޑުވުންތައް ހުރިކަން އެނގޭ، އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި އެ ފިޔަވަޅަން އަޅަން ރައީސް ޔާމީނަށް ޖެހިވަޑައިގަތީ ގައުމުގެ ހަމަޖެހުމަށް،" ކަމަށެވެ.

"އަހަރެން އުފާކުރަން ސިފައިންނާއި ފުލުހުން މި ނާޒުކު ދަނޑިވަޅުގައި ޒިންމާދާރުކަމާއެކު އާންމު ރައްޔިތުންގެ ހަމަޖެހުމާއި އަމާންކަން ކަށަވަރުކުރުމަށް އަމަލުކޮށްފައިވާތީ، އުއްމީދުކުރަނީ ވަރަށް އަވަހަށް ރަނގަޅު ހާލަތެއް އަންނާނެ ކަމަށް،" ދުންޔާ އެ ނޫހަށް ފޯނުން ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

"އިންޑިއަން އެކްޕްރެސް"އިން ވަނީ ބައްޕާފުޅު، ހައްޔަރުކުރުމުން ވެސް ދުންޔާ އަދިވެސް ސަރުކާރުގައި ހުންނެވުމުން އެކަމާ ސުވާލުކޮށްފަ އެވެ. އެއަށް ހެލްތް މިނިސްޓްރީގެ ނައިބެއްގެ މަގާމުގައި ހުންނެވި ދުންޔާ ދެއްވާފައިވާ ޖަވަބަކީ، "ރައީސް ޔާމީނަކީ ވެސް އޭނާގެ އާއިލާ" ކަމަށެވެ.

ދުންޔާ ވިދާޅުވެފައިވަނީ، "ރައީސް މައުމޫން ޖަލުން މިނިވަންވެވަޑައިގަތުމަށް އުއްމީދު ކުރައްވާ" ކަމަށެވެ. އެހެން ނަމަވެސް ރައީސް މައުމޫން އެ ހުންނެވި ހާލަތުގެ ޒިންމާ ދުންޔާ އެޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގަ އެވެ. ދުންޔާ ވިދާޅުވީ، ރައީސް މައުމޫން ހުންނެވީ ރައީސް ނަޝީދު އުފެއްދި "މެސްއެއްގެ" ތެރޭގަ ކަމަށެވެ.

މި ވާހަކަތައް އެ ނޫހަށް ދުންޔާ ކިޔައިދެއްވި ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވެފައިވަނީ ރާއްޖެޓީވީއިން އޭނާއަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކާ ހުރެ މާޔޫސްވެގެންނެވެ. ރައީސް މައުމޫން ހައްޔަރުކޮށް ހައްގުތައް ހިފަހައްޓާފައިވާތީ، އާންމުންގެ ފާޑުކިޔުން ވެސް ދުންޔާއަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ.

"އިންޑިއަން އެކްޕްރެސް"އަށް ދެއްވި އިންޓަވިއުއާ ގުޅޭ ގޮތުން ވެސް ސޯޝަލް މީޑިއާގައި މިހާރު ދުންޔާއަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. މި ހާލަތުގައި ވެސް ރައީސް ޔާމީނާއި ފުލުހުން އަދި ސިފައިންގެ ދިފާއުގައި ވާހަކަ ދައްކަވާތީ ފާޑުކިޔާ މީހުން ތިބީ ރުޅިގަދަވެފަ އެވެ. އެ ނޫހަށް ދުންޔާ ދެއްވާފައިވާ އިންޓަވިއުގައި ވެސް ރައީސް މައުމޫންއާމެދު އަމަލުކޮށްފައިވާ ގޮތް ގޯސް ކަމަށް ވިދާޅުވެފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ދިފާއު ކުރެއްވީ ރައީސް ޔާމީނެވެ.

ދުންޔާ ވަނީ ރައީސް ނަޝީދު، އިންޑިއާގެ ސިފައިން ރާއްޖެ ފޮނުވުމަށް ގޮވާލެއްވާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ދުންޔާ ވިދާޅުވީ، އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮވާލެއްވުމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ގައުމު ހަމަޖެހުމަށް މަޝްވަރާއަށް އޭނާ ގޮވާލައްވާތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި ރާއްޖޭގެ މައްސަލަތައް ހައްލުކުރަން ޖެހޭނީ އަމިއްލައަށް ވާހަކަ ދައްކައިގެން ކަމަށެވެ.

ދުންޔާ މައުމޫން އަދިވެސް ސަރުކާރުގައި ހުންނެވިއިރު، އޭނާގެ ކޮއްކޮ އަހުމަދު ފާރިސް މައުމޫން ވެސް ހައްޔަރުކޮށް ދޫކޮށްލާފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ. ޔުމްނާ މައުމޫންގެ ފިރިކަލުން ވެސް ހައްޔަރުކޮށްފައިވާއިރު ގައްސާން މައުމޫން ވެސް ހުންނެވީ ސަރުކާރުގަ އެވެ. ޔުމްނާ އާއި ފާރިސްއަކީ މިހާރު އިދިކޮޅުގެ އެންމެ ކުރީ ސަފުގައި ތިއްބަވައި ދެވަނަ ޖީލުގެ ލީޑަރުންނެވެ. ފާރިސްއަށް ދިމާވި ކަންކަމުގައި އެންމެ ގާތުގައި ހުންނެވީ ޔުމްނާ އެވެ. ފާރިސް ޔުމްނާ ސިފަ ކުރައްވަނީ "ސުޕަހީރޯ"އެއްގެ ގޮތުގަ އެވެ.