ހަބަރު

ޓްރެވިންޑްރަމްގައި އުޅޭ ބެލެނިވެރިންނަށް ވިސާ ނުދޭ މައްސަލަ ބޮޑުވެއްޖެ

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ވެރިރަށް ތިރުވަނަންތަޕޫރަމް( ޓްރިވެންޑްރަމް) ގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ވިސާ އާކޮށް ނުދީ ފުރަން އަންގާ ކަމަށް ބުނެ ބައެއް ބެލެނިވެރިން ރާއްޖޭަގެ ފޮރިން މިނިސްޓްރީއަށް ޝަކުވާ އުފުލައިފިއެވެ.

ޓްރިވެންްޑްރަމް އަކީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް ފަހު ބޭރު ގައުމެއްގައި އެންމެ ގިނަ ދިވެހިން އުޅޭ ރަށެވެ.

ޓްރިވެންޑްރަމްގައި ތިބޭ ދިވެހިން ފޮރިން މިނިސްޓަރް ޑރ. މުހައްމަދު އާސިމަށް އެޑްރެސްކޮށް، އެރަށުގައިވާ ރާއްޖޭގެ ކޮންސިއުލޭޓާ ހަވާލުކުރި ޝަކުވާގެ ސިޓީއެއްގެ ކޮޕީއެއް އަވަސް އަވަސް އަށް ވަނީ ލިބިފައެވެ. އެސިޓީގައި ބުނެފައި ވަނީ ދަރިވަރުންގެ ބެލެނިވެރިންނަށް ކުރިއްސުރެ ދޫކުރަމުން އައި ޑިޕެންޑެންޓް ވިސާ އާ ކުރަން ޓްރިވެންޑްރަމްގައި ހުންނަ ފޮރިން ރީޖަނަލް ރެޖިސްޓްރޭޝަން އޮފީސް ( އެފްއާރްއާރްއޯ) އަށް ދިއުމުން " ޑިޕެންޑެންޓް ވިސާ ދޫކުރުން މިހާރު ހުއްޓާލާފައިވާ ކަމަށް " ބުނެ ޖަވާބު ދެމުންދާ ކަމަށެވެ.

މިހާރު ދޫކޮށްފައިވާ ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން އިންޑިއާއިން ފުރަން ވެސް އެ އޮފީހުން ދިވެހިންނަށް އަންގަމުންދާ ކަމަށް ވެސް ސިީޓީގައި ބުނެފައި ވެއެވެ.

" ނަމަވެސް ކިޔެވުމަށް މަދުރަސާއަށް ދާ ކުދިންނަށް ސްޓޫޑެންޓް ވިސާ ކުރިންް ދޫކުރަމުންދާ ގޮތަށް ލިބޭނެ ކަމަށާއި އެގޮތުން ކިޔަވަން ތިބޭ ކުދިން ބޯޑިން ސްކޫލުގައި ބޭތިއްބުމަށް ފަހު ބެލެނިވެރިން ރާއްޖެ ފުރުމަށެވެ،" އެފްއާރްއާރްއޯއިން ދޭަ ޖަވާބާ ބެހޭ ގޮތުން ސިޓީގައި ބުނެފައި ވެއެވެ.

އެގޮތަށް ކަންތައް ކުރުމަކީ ބެލެނިވެރިންނަށް ކުޅަދާނަވާނެ ކަމެއް ނޫން ކަމަށާއި ކުއްލިއަކަށް ރާއްޖެއަށް ބަދަލުވުމަކީ މާލީގޮތުންނާއި ނަފުސާނި ގޮތުން ބޮޑެތި ގެއްލުންތައް ވާނެ ކަމަށް ވެސް ބެލެނިވެރިންގެ ސިޓީގައި ބުނެފައި ވެއެވެ.

"... އަޅުގަނޑުމެންގެ ގިނަ ކުދިންގެ ވިސާ، އިމްތިހާނުގެ މެދެއްހާ ހިސާބުން ހަމަވެއެވެ. އަނެއްބައި ކުދިންގެ ވިސާ، އިމްތިހާނު ފެށުމުގެ ކުރިން ހަމަވެއެވެ. އަޅުގަނޑުމެން އެދެނީ ދެސަރުކާރުން ވާހަކަ ދައްކައިގެން އާއްމު ރައްޔިތުންނަށް ނކަމެތިކަން ނުލިބޭނެ ގޮތަކަށް ވިސާގެ މައްސަލަ ހައްލުކޮށްދިނުމަށެވެމ" ސިޓީގައި ބުނެފައި ވެއެވެ.

އެނގިފައިވާ ގޮތުގައި ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން އެ ސިޓީ ވަނީ މިއަދު ބަލައިގެންފައެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.