ހަބަރު

އީޔޫ،ޔޫކޭ އަދި ޖަރުމަނުގެ ސަފީރުންނަށް ރާއްޖޭގެ ހާލަތާ ބެހޭ މައުލޫމާތު ދީފި

ރާއްޖޭގެ މަޝްރަހު މިހާރު އޮތް ގޮތާ ބެހޭ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިނގިރޭސިލާތް އަދި ޖަރުމަނުގެ ސަފީރުންނަށް ސަރުކާރުން މައުލޫމާތު ދީފި އެވެ.

މީހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އެ ސަފީރުންނަށް ސަރުކާރުގެ ފަރާތުން މައުލޫމާތު ދެއްވީ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރެވެ. ފޮރިން މިނިސްޓްރީން އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނީ އުނދަގޫ ހާލަތްތަކުގައި އެ ތިން ގައުމުން ރާއްޖެއަށް ދޭ އެހީތެރި ކަމަށް ޓަކައި ފޮރިން ސެކްރެޓަރީ ޝުކުރު އަދާ ކުރެއްވި ކަމަށެވެ.

ސަފީރުންގެ ވަފުދެއް ރާއްޖެ ވަޑައިގެންފައިމިވަނީ، ރާއްޖޭގެ ހާލަތު ބެލުމަށް ބޭރުގެ ފަރާތްތަކަށް ފޮރިން މިނިސްޓްރީން ދައުވަތު ދީފައިވަނިކޮށެވެ.

ގައުމަތަކުން ކަންބޮޑުވުން ފާޅުކުރާއިރު އދ.އިން ވެސް ވަނީ ކަންބޮޑުވެފަ އެވެ. އދ ގެ ސަލާމަތީ މަޖިލީހުގައި ރާއްޖެއާ ބެހޭ ގޮތުން މަޝްވަރާ ކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. އދ ގެ އިސް ޑިޕްލޮމެޓުންނާ ހަވާލާދީ އޭއެފްޕީ ނިއުސްއެޖެންސީ އިން ބުނީ މިއަދު ބާއްވާ ސިއްރު އެ ބައްދަލުވުމުގައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ހާއްސަ ރިޕޯޓެއް ހުށަހަޅައި މަޝްވަރާ ކުރާނެ އެވެ. އަދި ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކޮށް އާންމު ރައްޔިތުންނަށް ލިބިދޭ އެތައް ހައްގުތަކެއް ހިފަހައްޓާފައި ވާތީ އެކަމާ މަޝްވަރާ ކުރާނެ ކަމަށް ވެސް އޭފްޕީ އިން ބުންޏެވެ.

ރާއްޖޭގެ މައްސަލަ އދގެ ސަލާމަތީ މަޖިލީހުގެ ރަސްމީ އެޖެންޑާގައި ހިމަނަނާނެ ކަމަށް ވެސް ޑިޕްލޮމެޓުން ބުނެ އެވެ. އދ އިން ވަނީ ރާއްޖޭގެ ސްޓޭޓް އޮފް އެމެޖެންސީ އުވާލައި ވަގުތުން ވަގުތަށް ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުކޮށް ކުރީގެ ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު ވަގުތުން މިނިވަން ކުރުމަށް ގޮވާލައިފަ އެވެ. އދ ގެ ސަލާމަތީ މަޖިލީހަށް ދުނިޔޭގެ ގައުމުތަކުގައި ސުލްހަ ގާއިމްކުރުމަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ 15 މެންބަރު ގައުމު ހިމެނޭ އދ ގެ އެންމެ ބާރުގަދަ ގުނަވަނެވެ. އެ ގުވަނަމުން ނިންމާ ކަންކަން ތަންފީޒުކުރުން ގައުމުތަކުގެ މައްޗަށް ލާޒިމް ކުރެ އެވެ.