ވިޔަފާރި

ބީއެމްއެލްގެ ގިނަ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭ ގޮތް ހަދައިފި

ގައުމީ ބޭންކުގެ، ހިދުމަތް ހޯދަން ކިޔޫގައި ތިބި ދުވަސްތައް މާޒީ ވެއްޖެ އެވެ. މިކަމުގެ ފެށުން އައީ "ބީއެމްއެލް އިންޓަނެޓު ބޭންކިން" ގެ ހިދުމަތް ފެށުމާއެކުގަ އެވެ. ބޭންކުން މިއަދު މި ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. އިތުރު ހިދުމަތްތަކެއް އޮންލައިންކޮށް ދޭން ފަށާފަ އެވެ.

"އަހަރެންގެ ބޭންކް- ދިވެހިންގެ ބޭންކް" ކެމްޕޭންގެ ދަށުން، ގައުމީ ބޭންކުގެ މައި އިމާރާތުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އިންޓަނެޓު ބޭންކިން މެދުވެރިކޮށް އާ ހިދުމަތްތަކެއް ތައާރަފު ކުރުމާއެކު ކަސްޓަމަރުންނަށް އިތުރު ލުއި ތަކެއް ގެނެސްދޭނެ ކަމަށެވެ.

"މިއަދު މި ތައާރަފު ކުރަނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު އަދި ލުއި ލޯނު ފަދަ ހިދުމަތްތަކަށް އެޕްލައި ކުރުން ފަދަ ހިދުމަތްތައް މިހާރު ލިބޭނެ. މި ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންގެ މައުލޫމާތު ގޭގައި ތިބެ ފުރިހަމަ ކޮށްލުމުން ހިދުމަތް ލިބޭނެ،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ އިންޓަނެޓު ބޭންކިން މެދުވެރިކޮށް އާ ހިދުމަތްތަކެއް ތައާރަފު ކުރިއިރު، އެ ބޭންކުން ހޯދާ ހިދުމަތްތަކުގެ 90 ޕަސެންޓް ހޯދަނީ އޮންލައިންކޮށް ކަމަށެވެ.

"ޓްރާންސްސެކްޝަންތަކުގެ 90 ޕަސެންޓަކީ އޮންލައިންކޮށް. ބޭންކަށް އައި ހިދުމަތް ހޯދަނީ އެންމެ 10 ޕަސެންޓް ނޫނީ އެއަށްވުރެ ދަށް މިންވަރެއް. އެހެންވެ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ހިދުމަތް ތައާރަފު ކުރުމުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެ،" ޝަރީފު ވިދާޅުވި އެވެ.

ބީއެމްއެލް އިންޓަނެޓުގެ ބޭންކިން ހިދުމަތަށް މީގެ ކުރިންވެސް ވަނީ ގިނަ ފަސޭހަތަކެއް ގެނެސްދީފަ އެވެ. އަދި އޮންލައިން ހިދުމަތްތަކުގެ އިތުރުން ބޭންކުން ދަނީ ހިދުމަތް ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.