ހަބަރު

ދައުވަތު ދިނީމަ އައި ވަފުދާ ސަރުކާރުން މަޝްވަރާއެއް ނުކުރި

ބޭރު ގައުމުތަކުން ރާއްޖޭގެ ހާލަތު ބަލަން ބޭފުޅުން އައުމަށް ސަރުކާރުން ދިން ދައުވަތަށް އައުމުން ވެސް ސަރުކާރުުން ވާހަކައެއް ނުދެއްކި ކަމަށާއި ދިނީ ބީރު ކަންފަތެއް ކަމަށް ޔޫރަޕިއަން ޔޫނިއަން ( އީޔޫ) އާއި އިނގިރޭސިވިލާތާއި ޖަރުމަނުގެ ސަފީރުން ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ހާލަތު ބައްލަވަން މިއަދު ވަޑައިގެންނެވި ތިން ބޭފުޅުންގެ ތެރޭގައި އީޔޫގެ ސަފީރަކު ހިމެނިވަޑައިގަންނަވާ އިރު އީޔޫއަކީ ޔޫރަޕްގެ މުއްސަނދި 28 ގައުމެއް ހިމެނޭ ޖަމާއަތެކެވެ. އަދި އެއީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެެއް ސަރަހައްދެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތިން ސަފީރުން ވެސް ވިދާޅުވީ، ސަރުކާރުން ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީނު އެބޭފުޅުންނާ ވާހަކަފުޅު ދައްކަވަން ދެކޮޅު ހެއްދެވި ކަމަށެވެ.

ތިން ސަފީރުންް ރާއްޖެއަށް ވަޑައިގެންނެވީ މިދިޔަ ބުރާސްްފަތި ދުވަހު ސުޕްރީމްކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި އަމުރެއް ސަރުކާރުންް ތަންފީޒު ނުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާުރު އަލީ ހަމީދު ހައްޔަރު ކުރުމުން ރާއްޖޭގެ ހާލަތު ބެއްލެވުމަށެވެ. އެބޭފުޅުން ވަޑައިގެންނެވުމުގެ ކުރިން ސަރުކާރުން ބުނެެފައި ވަނީ ރާއްޖޭގެ ހާލަތު ބަލަން އައުމަށް ގައުމުތަކަށް ދައުވަތުދޭ ކަަމަށެވެ.

ޖަރުމަނު ސަފީރު ޖޯން ރޯޑް ވިދާޅުވީ ދައުވަތު ދީގެން އައުމުން ވެސް ސަރުކާރުން ހާއްސަކޮށް ރައީސް އެބޭފުޅުންނާ ވާހަކަފުޅު ނުދެއްކެވީތީ ވަރަށް ބޮޑަށް މާޔޫސްވެއްޖެ ކަމަށެވެ. އަދި އެބޭފުޅުން އަބަދުވެސް ބޭނުން ފުޅުވަނީ މަޝްވަރާގެ މަތިން ކަންކަން ހައްލު ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ސަރުކާރުން ވާހަކަ ދައްކަން ދެކޮޅު ހެދި ފުރަތަމަ ފަހަރެއް ނޫން. މިދިޔަ އަހަރަށް ވުރެ ގިނަ ވަގުތު މިއަހަރު އަޅުގަނޑު ރާއްޖޭގައި ހޭދަކުރިން. ރައީސާ ވާހަކަ ދައްކަން. އެކަމަކު އެކަމަށް އެދުމުން ވަނީ ދެކޮޅު ހައްދަވާފައި. އަޅުގަނޑަކަށް ހިއެއް ނުވޭ މިއީ ކުރިއަށް ދެވޭނެ ގޮތެއް ހެނެއް،" ރޯޑް ވިދާޅުވިއެވެ.

އީޔޫގެ ސަފީރު ޓުން ލާއި މާގީ ވިދާޅުވީ ސަރުކާރުން ދައުވަތު ދިނުމުން ވަޑައިގެންނެވި ނަމަވެސް އެ ވާހަކަފުޅު ދައްކަވާނެ ބޭފުޅަކު ނެތް ކަމަށެވެ. އޭނާ ވިދާޅުވީ އީޔޫގެ ފޮރިން މިނިސްޓަރުން ދެތިން ދުވަހުގެ ތެރޭގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި ރާއްޖޭގެ މައްސަލައިގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީން ދިވެހި ރާއްޖެއާ ބެހޭ ގޮތުން ނިންމުންތަކެއް ނިންމަވާނެކަަން. އެ މަޝްވަރާތައް އަދި ނުކުރާތީ އެއަކަށް އަޅުގަނޑު އެއްޗެއް ނުބުނާނަން،" އޭނާ ވިދާޅުވިއެވެ.

އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ވިދާޅުވީ ޔޫއެން ހައިކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ރާއްޖެއާ ބެހޭ ގޮތުން އިއްޔެގައި ދެއްކެވި ވާހަކަފުޅާއި ޔޫއެން ސެކިއުރިޓީ ކަައުންސިލުގައި ރާއްޖެއާ ބެހޭ ގޮތުން މިއަދު މަޝްވަރާ ކުރަން ނިންމުމަކީ ކުޑަޔަސް ބޮޑަސް ބައިނަލް އަގުވާމީ މުޖުތަމައުން ގައުމުތަކުގެ ހާލަތު ބަލާނެކަން ދޭހަވާ ކަމެއް ކަމަށެވެ.

އީޔޫގެ ވަފުދެއް ރާއްޖެ ވަޑައިގެންފައިމިވަނީ، ރާއްޖޭގެ ހާލަތު ބެލުމަށް ބޭރުގެ ފަރާތްތަކަށް ފޮރިން މިނިސްޓްރީން ދައުވަތު ދީފައިވަނިކޮށެވެ.

ގައުމަތަކުން ކަންބޮޑުވުން ފާޅުކުރާއިރު އދ.އިން ވެސް ވަނީ ކަންބޮޑުވެފަ އެވެ. އދ ގެ ސަލާމަތީ މަޖިލީހުގައި ރާއްޖެއާ ބެހޭ ގޮތުން މަޝްވަރާ ކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. އދ ގެ އިސް ޑިޕްލޮމެޓުންނާ ހަވާލާދީ އޭއެފްޕީ ނިއުސްއެޖެންސީ އިން ބުނީ މިއަދު ބާއްވާ ސިއްރު އެ ބައްދަލުވުމުގައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ހާއްސަ ރިޕޯޓެއް ހުށަހަޅައި މަޝްވަރާ ކުރާނެ އެވެ. އަދި ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކޮށް އާންމު ރައްޔިތުންނަށް ލިބިދޭ އެތައް ހައްގުތަކެއް ހިފަހައްޓާފައި ވާތީ އެކަމާ ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް ވެސް އޭފްޕީ އިން ބުންޏެވެ.

ރާއްޖޭގެ މައްސަލަ އދގެ ސަލާމަތީ މަޖިލީހުގެ ރަސްމީ އެޖެންޑާގައި ހިމަނަނާނެ ކަމަށް ވެސް ޑިޕްލޮމެޓުން ބުނެ އެވެ. އދ އިން ވަނީ ރާއްޖޭގެ ސްޓޭޓް އޮފް އެމެޖެންސީ އުވާލައި ވަގުތުން ވަގުތަށް ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުކޮށް ކުރީގެ ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު ވަގުތުން މިނިވަން ކުރުމަށް ގޮވާލައިފަ އެވެ. އދ ގެ ސަލާމަތީ މަޖިލީހަށް ދުނިޔޭގެ ގައުމުތަކުގައި ސުލްހަ ގާއިމްކުރުމަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ 15 މެންބަރު ގައުމު ހިމެނޭ އދ ގެ އެންމެ ބާރުގަދަ ގުނަވަނެވެ. އެ ގުވަނަމުން ނިންމާ ކަންކަން ތަންފީޒުކުރުން ގައުމުތަކުގެ މައްޗަށް ލާޒިމް ކުރެ އެވެ.