ގަދަބާރުން ސްޕްރީމް ކޯޓު ތެރެއަށް ވަދެގަތް ފުލުހުންނާއި ސިފައިން ޖަލަށްލާން ހުކުމް ކުރައްވާފައިވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވުމުން އެކަމާ ދެކޮޅަށް ސުޕްރީމް ކޯޓުން ދެންމެ އަމުރެއް ނެރެފި އެވެ.
އުއްތަމަ ފަނޑިޔާރުގެ ވަކީލުން ރޭ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ރަޔަޓް ގިޔަރުގައި ތިބި ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަދެގަތީ ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށްގެން ކަމަށާއި އެއްވެސް ހުއްދައެއް ވެސް ހޯދުމަކާ ނުލާ ކަމަށެވެ. އަދި ދޮރުތައް ހަލާކުކޮށް، އުއްތަމަ ފަނޑިޔާރުގެ ހަށިކޮޅަށް އަތްލި ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ، އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ތެރެއަށް ވަދެގަތް ސިފައިންނާއި ފުލުހުންގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި ކަމަށް އެ ބަޔާނުގައިވެ އެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ހަވީރު ނެރުނު އަމުރުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން މައްސަލަތައް ބަލައި ނިންމަންވާނީ އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުންކަމާއި ސުޕްރީމް ކޯޓުން ބަލާ ކޮންމެ މައްސަލައެއް ނިންމާންވާނީ މަދުވެގެން އެ މައްސަލައެއް ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަގުލަބިއްޔަތުންކަން ގާނޫނުއަސާސީގެ 141 ވަނަ މާއްދާއާއި 145 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން އެއްވެސް ބާވަތެއްގެ ހުކުމެއް ނުވަތަ އަމުރެއްވިޔަސް ނެރެވޭނީ މަދުވެގެން ސުޕްރީމް ކޯޓުގައި އެ ވަގުތަކު ތިބި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އަގުބިއްޔަތުންކަން ވެސް ސާފުކޮށް އެނގެން އެބަ އޮތް ކަމަށެވެ.
އޮތުމުން، ސުޕްރީމް ކޯޓުގެ ވަކިވަކި ފަނޑިޔާރުންނަށް ފަރުދީ ގޮތުން އެއްވެސް ބާވަތެއްގެ ހުކުމެއް ނުވަތަ އަމުރެއްވިޔަސް ނެރުމުގެ އިހްތިސޯސް ދުސްތޫރީ ގޮތުންނާއި ގާނޫނީ ގޮތުން ލިބިގެންނުވާ ކަމަށް އަމުރުގައިވެ އެވެ. އެހެންވެ، ފަހެއް ފެބުރުއަރީ ވަނަ ދުވަހުގެ ރޭ އެއްވެސް ފަރާތެއް ބަންދުކުރުމަށް ނުވަތަ ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމެއް ނުވަތަ އަމުރެއްވިޔަސް ނެރެފައި ނުވާނެ ކަމުގައި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށާއި އަދި އެންމެހައި ފަރުދުންނަށް އެންގާ ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން މި އަމުރު ނެރުމުގެ ކުޑަ އިރުކޮޅެއް ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކޮށްފަ އެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ، ވަކި ބަޔަކު ބޭނުންވާ ގޮތަށް ހުކުމް ކުރުމަށް ރިޝްވަތުގެ ފައިސާ ނެގުމާއި ބަޔަކާ ބައިވެރިވެގެން ސަރުކާރު ވައްޓާލަން އުޅުން ފަދަ ތުހުމަތުތަކެކެވެ. އެ މައްސަލައިގައި އުއްތަމަ ފަނޑިޔާރާ އެކު ހައްޔަރުކުރި، ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ މިހާރު ސަސްޕެންޑްކޮށްފަ އެވެ. އަލީ ހަމީދުގެ މައްޗަށް ވެސް ކުރަނީ ހަމަ މިފަދަ ތުހުމަތުތަކެކެވެ.
އެބޭފުޅުން ހައްޔަރުކޮށްގެން ދޫނިދުއަށް ގެންދިޔައީ، ގައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އެބޭފުޅުންނަށް ލިބިފައިވާ އިމްތިޔާޒުތަކުގެ ގާނޫނާއި އެކޯޓްގެ ބާރުތައް ހިފެހެއްޓުމަށް ފަހު ސިފައިންނާއި ފުލުހުންގެ ބަޔަކު ފާރުމަތިން ސުޕްރީމް ކޯޓްގެ ތެރެއަށް ވަދެ ގަދަކަމުން އެވެ. އެބޭފުޅުންގެ ވަކީލުން ވިދާޅުވެފައި ވަނީ އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރީ ބިން މައްޗަށް ވައްޓާލައި ދަމައި ކޫއްތައިގެން ކަމަށެވެ.