ހަބަރު

އީޔޫއިން ރާއްޖެއާ ބެހޭ ގޮތުން ވަރަށް އަވަހަށް ގޮތްތަކެއް ނިންމާނެ: ސަފީރު

ޔޫރަޕިއަން ޔޫނިއަން ( އީޔޫ) ގެ ފޮރިން އެފެއާޒް ކައުންސިލްގެ ބައްދަލުުވުމެއް ކުރިއަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބާއްވާނެ ކަމަށާއި އެ ބައްދަލުވުމުގައި ރާއްޖެއާ ބެހޭ ގޮތުން ގޮތްތަކެއް ނިންމާނެ ކަމަށް އެ ޖަމާއަތުން ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެެ.

ސުޕްރީމްކޯޓުން ނެރުނު އަމުރެއް ތަންފީޒުނުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރުމުން ރާއްޖޭގެ މަޝްރަހު އޮތް ގޮތް ބެއްލެވުމަށް މިހާރު ކުރައްވާ ދަތުރުފުޅުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އީޔޫ ސަފީރު ޓުން ލައި މާގީ ވިދާޅުވީ ފޮރިން އެފެއާޒް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖެއާ މެދު ގޮތްތަކެއް ނިންމާނެ ކަން ވަރަށް ބޮޑަށް ޔަގީން ވެވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ޔަގީން ދިވެހި ރާއްޖެއާ ބެހޭ ގޮތުން ނިންމުންތަކެއް ނިންމަވާނެކަަން. އެ މަޝްވަރާތައް އަދި ނުކުރާތީ އެއަކަށް އަޅުގަނޑު އެއްޗެއް ނުބުނާނަން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ސުޕްރީމްކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރަށް ޔޫރަޕިއަން ޔޫނިއަނުން ކުރިން ވަނީ މަރުހަބާ ކިޔާފައެވެ. އެ ޖަމާއަތުން އޭރު ނެރުނު ބަޔާނުގައި ސަރުކާރަށް ގޮވާލާފައި ވަނީ އެއަމުރު ތަންފީޒު ކުރުމަށެވެ.

އެކި އެކި ހުކުމްތައް ކޮށް ޖަލަށް ލާފައިވާ ނުވަ ބޭފުޅަކު މިނިވަން ކުރާށާއި ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ އެއްބައި އެކޯޓުން މިހާރު ވަނީ ބާތިލުކޮށްފައެވެ. އެ އަމުރުގައި މީހުން މިނިވަން ކުރަން އޮތް ބައި ސުޕްރީމް ކޯޓުން ބާތިލު ކުރީ ކުއް ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރު އަބުުދުﷲ ސައީދާއި ފަނޑިިޔާރު އަލީ ހަމީދު ހައްޔަރުކުރި ފަހުންނެވެ. ވެރިކަން ވައްޓައިލަން އުޅުއްވި ކަމުގެ ތުހުމަތު ފުލުހުން މިހާރު ވަނީ އެ ދެބޭފުޅުންނަށް ކޮށްފައެވެ.

ސަފީރުންގެ ވަފުދެއް ރާއްޖެ ވަޑައިގެންފައިމިވަނީ، ރާއްޖޭގެ ހާލަތު ބެލުމަށް ބޭރުގެ ފަރާތްތަކަށް ފޮރިން މިނިސްޓްރީން ދައުވަތު ދީފައިވަނިކޮށެވެ.

ގައުމަތަކުން ކަންބޮޑުވުން ފާޅުކުރާއިރު އދ.އިން ވެސް ވަނީ ކަންބޮޑުވެފަ އެވެ. އދ ގެ ސަލާމަތީ މަޖިލީހުގައި ރާއްޖެއާ ބެހޭ ގޮތުން މަޝްވަރާ ކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ. އދ ގެ އިސް ޑިޕްލޮމެޓުންނާ ހަވާލާދީ އޭއެފްޕީ ނިއުސްއެޖެންސީ އިން ބުނީ މިއަދު ބާއްވާ ސިއްރު އެ ބައްދަލުވުމުގައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ހާއްސަ ރިޕޯޓެއް ހުށަހަޅައި މަޝްވަރާ ކުރާނެ އެވެ. އަދި ސްޓޭޓް އޮފް އެމެޖެންސީ އިއުލާންކޮށް އާންމު ރައްޔިތުންނަށް ލިބިދޭ އެތައް ހައްގުތަކެއް ހިފަހައްޓާފައި ވާތީ އެކަމާ މަޝްވަރާ ކުރާނެ ކަމަށް ވެސް އޭފްޕީ އިން ބުންޏެވެ.

ރާއްޖޭގެ މައްސަލަ އދގެ ސަލާމަތީ މަޖިލީހުގެ ރަސްމީ އެޖެންޑާގައި ހިމަނަނާނެ ކަމަށް ވެސް ޑިޕްލޮމެޓުން ބުނެ އެވެ. އދ އިން ވަނީ ރާއްޖޭގެ ސްޓޭޓް އޮފް އެމެޖެންސީ އުވާލައި ވަގުތުން ވަގުތަށް ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒުކޮށް ކުރީގެ ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު ވަގުތުން މިނިވަން ކުރުމަށް ގޮވާލައިފަ އެވެ. އދ ގެ ސަލާމަތީ މަޖިލީހަށް ދުނިޔޭގެ ގައުމުތަކުގައި ސުލްހަ ގާއިމްކުރުމަށް ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ 15 މެންބަރު ގައުމު ހިމެނޭ އދ ގެ އެންމެ ބާރުގަދަ ގުނަވަނެވެ. އެ ގުވަނަމުން ނިންމާ ކަންކަން ތަންފީޒުކުރުން ގައުމުތަކުގެ މައްޗަށް ލާޒިމް ކުރެ އެވެ.