ހަބަރު

ރައީސްގެ މަންދޫބެއް އިންޑިއާއަށް ވަޑައި ނުގެންނެވީ އެ ގައުމުން އަންގައިގެން

ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުގެ ގޮތުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އިންޑިއާއަށް މިއަދު ކުރައްވަން އުޅުއްްވި ދަތުރުފުކު ކެންސަލް ކުރެއްވީ އިންޑިއާ ސަރުކާރުން އެދިގެން ކަމަށް ސަރުކާރުން ބުނެފިއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމުގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައި އޮތީ އިންޑިއާއަށް ކަމަށެވެ. އޭ އިންޑިއާއަށް ވަޑައިގަންނަވަން އޮތީ މިއަދު ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

".. އެކަމަކު އެ ޒިޔާރަތް ކެންސަލް ކުރެއްވީ އިންޑިއާ ސަރުކާރުން އެދިގެންނެވެ،" ބަޔާނުގައި ވެއެވެ.

ރާއްޖޭގެ އެމްބަަސީން ބަޔާނެއް ނެރުނީ ފޮރިން މިނިސްޓަރު ވަޑައިގެންނެވީ އިންޑިއާ 'ބައިޕާސް ކުރައްވާފައި' ކަމަށް އިންޑިއާގެ މީޑިއާތަކުން ހަބަރު ފެތުރުމުންނެވެ.

އެމްބަސީން މިހެން ބުނި އިރު ރާއްޖޭގެ މަޝްރަހު މިހާތު އޮތް ގޮތާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭރު ގައުމުތަކަށް މަންދޫބުން ފޮނުއްވިކަން ހާމަ ކުރެއްވުމަށް ރައީސް އޮފީހުގެ ސައިޓުގައި ރޭ ޖެހި ހަަބަރުގައި ބުނެފައި ވަނީ ޑރ. އާސިމް ވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާއަށް ކަމަށެވެ. ފޮރިން މިނިސްޓަރު ހިމެނޭ ގޮތުން ތިން ބޭފުޅަކު ރައީސްގެ މަންދޫބުންގެ ގޮތުގައި ފޮނުއްވާނެ ކަމަށް ޖެހި އެ ހަބަރުގައި އެއްވެސް ބޭފުޅަކު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ބުނެފައެއް ނުވެއެވެ.

ރައީސް އޮފީހުން ރޭ ބުނީ ރައީސްގެ ހާއްސަ މަންދޫބުންގެ ގޮތުގައި އެ ތިން ގައުމަށް ފޮނުއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކަމަށެވެ.

ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު ސައީިދު ވަޑައިގެންނެވީ ޗައިނާއަށެވެ. ފޮރިން މިނިސްޓަރު ޑރ. އާސިމް ވަޑައިގެންނެވީ ޕާކިސްތާނަށެވެ. ފިޝަރީޒް މިނިސްޓަރު ޝައިނީ ވަޑައިގެންނެވީ ސައުދީ އަރަބިއްޔާއަށެވެ.

ސުޕްރީމްކޯޓުގެ 1 ފެބުރުއަރީގެ އަމުރާ ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގެ ސުޕްރީމް ކޯޓަށް ސަލާމަތީ ބާރުތައް ވައްދައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ. އަދި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ބޭފުޅުން ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ސުޕްރީމްކޯޓުގެ ބާރުތައް ނަގައިގެނެވެ.

އެކަންކަން ރާއްޖޭގައި ހިނގުމުން ދުނިޔޭގެ ބައެއް ގައުމުތަކުންނާއި އދ. އިން ވަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ