ރޭގައި ރާއްޖެއަށް ވަޑައިގެންނެވި ސަފީރުންގެ ވަފުދު އެނބުރި ވަޑައިގަންވަން ނިންމެވީ ރާއްޖޭގެ މިނިސްޓަރުންނައި އެބޭފުޅުން ބަައިވެރިވަޑައިގަންނަވާ ބައްދަލުުވުމެއް މިއަދު މެންދުރު ފަހު 3.00 އަށް ތާވަލުކޮށްފައި ވަނިކޮށް ކަމަށް ސަރުކާރުން ބުނެފިއެވެ.
ރޭގައި ރާއްޖެއަށް ވަޑައިގެންނެވީ ޔޫރަޕިއަން ޔޫނިއަން ( އީޔޫ)ގެ ސަފީރާއި އިނގިރޭސިވިލާތުގެ ސަފީރާއި ޖަރުމަނު ސަފީރެވެ.
ރައީސް އޮފީހުގެ ބަައިނަލް އަގުވާމީ ތަރުޖަމާނު އިބުރާހީމް ހުސައިން ޝިހާބު ކުރެއްވި އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީޔޫ/ޔޫކޭ ވަފުދާއި އެކު ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރު ބިނާކުރަނިވި ބައްދަލުވުމެއް ބޭއްވެވި ކަމަށެވެ. އަދި ވިދާޅުވީ އެބޭފުޅުން އެދިވަޑައިގެންނެވީ ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކުރައްވަން ކަމަށެވެ.
"... ކެބިނެޓް ކޮންސަލްޓޭޝަންސް ނިމޭއިރަށް، ތިނެއް ޖަހާ އިރު ބައްދަލުވުންތައް ބާއްވަން އޮތީ ތާވަލުކޮށްފައި. އެކަމަކު ވަފުދުން އޭރު އިހުތޔާރުކުރައްވާފައި ވަނީ އެނބުރި ވަޑައިގަންނަވަން،" ޝިހާބު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
ސަފީރުން މިއަދު ވިދާޅުވީ ބޭރު ގައުމުތަކުން ރާއްޖޭގެ ހާލަތު ބަލަން ބޭފުޅުން އައުމަށް ސަރުކާރުން ދިން ދައުވަތަށް އައުމުން ވެސް ސަރުކާރުުން ވާހަކައެއް ނުދެއްކި ކަމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތިން ސަފީރުން ވެސް ވިދާޅުވީ، ސަރުކާރުން ހާއްސަކޮށް ރައީސް އަބްދުﷲ ޔާމީނު އެބޭފުޅުންނާ ވާހަކަފުޅު ދައްކަވަން ދެކޮޅު ހެއްދެވި ކަމަށެވެ.
ތިން ސަފީރުންް ރާއްޖެއަށް ވަޑައިގެންނެވީ މިދިޔަ ބުރާސްްފަތި ދުވަހު ސުޕްރީމްކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވައި ނެރުއްވި އަމުރެއް ސަރުކާރުންް ތަންފީޒު ނުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާުރު އަލީ ހަމީދު ހައްޔަރު ކުރުމުން ރާއްޖޭގެ ހާލަތު ބެއްލެވުމަށެވެ. އެބޭފުޅުން ވަޑައިގެންނެވުމުގެ ކުރިން ސަރުކާރުން ބުނެެފައި ވަނީ ރާއްޖޭގެ ހާލަތު ބަލަން އައުމަށް ގައުމުތަކަށް ދައުވަތުދޭ ކަަމަށެވެ.