މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ނެތުމާއި ނޫސްވެރިންނަށް ކެނޑިނޭޅި އިންޒާރުތައް ލިބެމުންދާތީ ރާއްޖެޓީވީގެ އާންމު ބްރޯޑްކާސްޓިންގެ ހިދުމަތް މިރޭ މެދުކަނޑާލައިފި އެވެ.
ރާއްޖެޓީވީން ހިދުމަތް ކަނޑާލި އިރު މިރޭ އެންމެ ފަހުން ގެނެސްދެމުން ދިޔައީ އިދިކޮޅު ފަރާތްތަކުން މިރޭ ކުރިއަސްގެންދާ އެއްވުމުގެ ލައިވް ކަވަރޭޖެވެ.
އެ ޓީވީގެ ޓްރާންސްމިޝަން މެދުކަނޑާލުމަށްފަހު އެ ޓީވީން ސްކްރީނަށް އަރުވާފައިވާ މެސެޖުގައި ބުނެފައިވަނީ ޓީވީ އާއި ޓީވީގެ މުއައްޒަފުންނަށް އެކި އިންޒާރުތައް ލިބެމުންދާތީއާއި ފުލުހުން ރާއްޖެޓީވީ އަށް ދެމުންދިޔަ ހިމާޔަތް މެދުކަނޑާލާފައިވާތީ އާއި މީޑިއާތައް އިންޒާރެއް ނެތި ވަގުތުން ހުއްޓުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވާތީ އެ ޓީވީގެ ބްރޮޑްކާސްޓިން މެދުކަނޑާލާފައިވާ ކަމަށެވެ.
ރާއްޖެ ޓީވީން މިހެން ބުނެފައިވާއިރު، މިރޭ ސިފައިންގެ އިދާރާއިން ވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވާ ޒާތުގެ މައުލޫމާތާއި ކޮންޓެންޓް މީޑިއާއާ އެ ނޫންވެސް ފަރާތްތަކުން ފަތުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި ވަގުތުން ދައްކާ ބައެއް ޕްރޮގްރާމްތަކުން އާންމުންގެ ހިތަށް ބިރުވެރިކަނަ ވައްދައި ގައުމުގެ އަމާންކަން ގެއްލޭގޮތަށް ޕްރޮގްރާމްތައް ދައްކާ ކަމަށާއި، އެފަދަ ގޮތްގޮތަށް ޕްރޮގްރާމްތަކާއި މައުލޫމާތުތައް ފަތުރާނަމަ އިންޒާރުދިނުމެއް ނެތި އެ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާގޮތަށް މައުލޫމާތާއި ހަބަރު ފަތުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުންވެސް ވަނީ ބުނެފަ އެވެ.
ނޮވެމްބަރު 6، 2015 ގައި ވެސް ރާއްޖެ ޓީވީން އަމިއްލައަށް ހިދުމަތް ކަނޑާލި އެވެ. އެ ފަހަރު ރާއްޖެޓީވީން އާންމު ބްރޯޑްކާސްޓް ހުއްޓާލައި ފޮނުވީ ލަވައެވެ. އެނބުރި ހިދުމަތަށް އައީ ދެ ދުވަސް ފަހުން އަމިއްލައަށެވެ.