ހަބަރު

ނަފުރަތު އުފައްދާ ކަމަށް ވިދާޅުވެ ނަޝީދުގެ ފާޑުކިޔުން ރާއްޖެޓީވީއަށް

އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށް ކޮންޓެންޓް ގެނެސްދޭ ރާއްޖެޓީވީއަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މީގެކުރިން ރާއްޖެޓީވީއަށާއި އެ ޓީވީގެ ނޫސްވެރިންނަށް އެކި ފަހަރު މަތިން ތައުރީފް ކުރައްވައި ރައީސް ނަޝީދު ފުރަތަމަ ފަހަރަށް ރާއްޖެޓީވީއަށް ފާޑުވިދާޅުވީ އެ ސްޓޭޝަނަށް ދެއްވި އިންޓަވިއުއެއްގެ ތެރޭގަ އެވެ.

ރާއްޖެޓީވީއާމެދު ހިތްހަމަނުޖެހިވަޑައިގެން، ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވީ ރާއްޖޭގެ ނިޒާމް، ބަރުލަމާނީ ނިޒާމަށް ފުރޮޅާލައްވާނަންތޯ އެމަނިކުފާނާ ތަކުރާރުކޮށް ސުވާލު ކުރެއްވުމުންނެެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެޓީވީއިން ބޭނުން ވަނީ "ސެންސޭޝަން"ކަން ވަރަށް ރަނގަޅަށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

"ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލު ތަފާތުކުރުމާއި ނަފުރަތު އުފެއްދުމާއި ފޯލްޓް ލައިނެއް ގެނައުން، އެހެންނަމަވެސް ގަބޫލު ކުރައްވާ، ދެނެވަޑައިގަންނަވާ، އަޅުގަނޑުމެންގެ އަތް ވެސް ނުގުޑާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އަތުގެ ދެ އިނގިލި ދެއްކެވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތިއްބަވާނީ އެގޮތަށް ބަދަހިކޮށް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ނޫސްވެރިން ބޭނުން ވަނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ބައިވަރު ސުވާލުތަކެއް އުފެއްދުމަށްކަން، ތިޔަ ބޭފުޅުން ދެކެވަޑައިގަންނަވާ ނޫސްވެރިކަމުގައި އެއީ ރަނގަޅު ކަމަކަށް ވެސް ވެދާނެ، އެހެންނަމަވެސް އަޅުގަނޑެއް އެ ދަރަޖައަކަށް ނުދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ސިޔާސީ ވާހަކަތައް ޒާތީކޮށްގެން ނުވާނެ އެވެ. ނެތިމޮށުމާއި ޣީބަބުނުމާއި ދެބައޮޑުވުން އޮވެގެން ނުވާނެ ކަމަށެވެ. އެއީ ސިޔާސީ މަޝްވަރާ ކުރުން ނޫން ކަމަށް ވިދާޅުވި އެވެ.

"އެ ކަންތައްތައް ނުކުރާށޭ، ދެން ކޮންމެ މީހަކު އައިސް އޭނާ ބުންޏޭ މިހެން މީނަ އޭނާ ބުންޏޭ، އޭނާ ބުންޏޭ މިހެން އެހެން ހަދަނީއޭ، އެއްގޮތަކަށް ވެސް އަޅުގަނޑަކަަށް ނުފެނޭ އެއީ ސިޔާސީ ކަމެއް ކަމަކަށް، ބަސްތައް ވެސް ސިޔާސީ މަޝްރަހާ ގުޅޭ ގޮތަށް ބޭނުން ކުރާށޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މި ސަރުކާރުގައި ކުރައްވާނެ މަސައްކަތްޕުޅަކީ ރައީސް ސޯލިހުގެ ވެރިކަން ދެމެހެއްޓުމުގެ މަަސައްކަތްޕުޅު ކަމަށެވެ. ގާނޫނީ ގޮތުން އެކަމަށް އެމަނިކުފާނަށް ކުރެއްވޭނެ ކޮންމެ ކަމެއް ވެސް ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މި ދިވެހިރާއްޖޭގެ ސިޔާސި ކަންކަމުގައި އަޅުގަނޑު ނޫޅޭނެ އެއްގޮތެއް ވެސް ނެތް، ހަމަ އެއްގޮތެއް ވެސް ނެތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެ އިންޓަވިއުގައި ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ދައްކަވާ ތާއިދު ތަކުރާރު ކުރައްވާފަ އެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ރައްޔިތުންނަށް އެންމެ މަންފާ ބޮޑީ އެ ނިޒާމްގަ އެވެ. ރައީސް ސޯލިހަށް ވެރިކަމުގެ ދައުރެއް ލިބެންޖެހޭކަން ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.