ބޮލީވުޑްގެ އެންމެ މަޝްހޫރު ޖޯޑު ކަމަށްވާ ރަންބީރު ކަޕޫރު އާއި ކެޓްރީނާ ކައިފްގެ ކައިވެންޏާއި ބެހޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވޭތާ ލައްކަ ދުވަސްތަކެއް ވެއްޖެ އެވެ.
ނަމަވެސް މިފަހަރު ރަންބީރު މިވަނީ އޭނާގެ ލޯބިވެރިޔާ ކެޓްރީނާއާ އަންނަ އަހަރުގެ ފަހުކޮޅުގައި ކައިވެނި ކުރަން ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ.
ދެހާސް ނުވަ ވަނަ އަހަރު ނިކުތް ފިލްމް "އަޖަބް ޕްރޭމްކީ ގަޒަބް ކަހާނީ" ޝޫޓްކުރަމުން ދިޔަ ދުވަސްވަރު ރައްޓެހިވި ކަމަށް ބުނާ މިދެތަރިން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ރަންބީރު އެއްބަސްވެފައިވަނީ ދާދިފަހުން ބޭއްވި އޭނާގެ ފިލްމު "ބޮމްބޭ ވެލްވެޓް" ގެ ޕްރޮމޯޝަނަލް އިވެންޓްއެއްގަ އެވެ.
ރީޖަނަލް މެގަޒިން އެއްކަމަށްވާ އަނަންދް ބާޒާރް ޕެޓްރިކާ އަށް ދިން އިންޓަވިއުއެއްގައި ރަންބީރު ބުނީ އަންނަ އަހަރުގެ ފަހު ކޮޅުގައި ކެޓްރީނާއާއި ކައިވެނި ކުރާނެ ކަމަށެވެ. މިއަހަރު ދެމީހުންވެސް ބިޒީކަމުން ކައިވެނިކުރަން ވަގުތު ނެތުމުން އަންނަ އަހަރުގައި ކައިވެނި ކުރަން ނިންމީކަމަށްވެސް ރަންބީރު ވަނީ ބުނެފަ އެވެ.
"ދެމީހުންވެސް އެއްބަސްވެގެން އަންނަ އަހަރު ފަހުކޮޅު ކައިވެނި ކުރަން މިހާރު ވަނީ ނިންމާފައި" ރަންބިރު ބުންޏެވެ.
މިހާރުވެސް ރަންބިރު އަންނަނީ މިމަހުގެ 15ވަނަ ދުވަހު ރިލިޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ބޮމްބޭ ވެލްވެޓް"ގެ ޕްރޮމޯޝަންސްތަކުގައި ވަރަށް ބިޒީކޮށް ހަރަކާތްތެރިވަމުންނެވެ. އަދި ކެޓްރީނާވެސް އަންނަނީ މިމަހުގެ 13 އިން 24ގެ ނިޔަލަށް ބާއްވާ ކޭންސް ފިލްމު ފެސަޓިވަލްގެ ރެޑް ކާޕޭޓްގައި ހިނގާލުމަށް ތައްޔާރުވަމުންނެވެ.
ނަމަވެސް ކައިވެނީގެ ކުރިން ބާއްވާ ހަފްލާއެއް ކަމަށްވާ "ރޯކާ" މިމަހުގެ ފަހުކޮޅު ބާއްވަން ނިންމާފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެ އެވެ.
މީގެއިތުރުން ރަންބީރު ވަނީ އެދެމީހުންވެސް މިގުޅުމާއި މެދު ވަރަށް ސީރިއަސްކަމަށާއި، އެހެންކަމުން މިހާރު ކައިވެނީގެ ވާހަކަ ނުދައްކައިފިނަމަ އެއީ އެދެމީހުންގެވެސް ގުޅުމަތް އިހްތިރާމް ނުކުރުން ކަމަށްވެސް ބުނެފަ އެވެ.
އަދި އޭނާގެ އުމުރުން މިހާރު 33 އަހަރު ކަމަށާއި، އެހެންކަމުން އޭނާވެސް އަދި ކެޓްރީނާވެސް ބޭނުންވަނީ ކައިވެނިކޮށްގެން ރަނގަޅު އާއިލާއެއް ބިނާކުރަން ކަމަށެވެ.
ރަންބިރު އިތުރަށް ބުނީ އޭނާއާއި ކެޓްރީނާއަކީ އެކްޓަރުންކަމުން ކައިވެނީގެ ކަންތައް ކިތަންމެ ފޮރުވަން އުޅުނަސް، ނުފޮރުވޭނެ ކަން ގަބޫލުވެސްކުރާ ކަމަށެވެ.
ދާދި ފަހުން ރަންބީރު އާއި ކެޓްރީނާވަނީ އެކުގައި ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެވެސް އައިސްފަ އެވެ.ނަމަވެސް ޗުއްޓީގެ މެދުތެރެއިން ކެޓްރީނާ އެނބުރި ދާންޖެހުމުން ދެމީހުންނަށްވެސް ވަނީ އެކުގައި މާގިނަ ދުވަސްތަކެއް ހޭދަނުކުރެވިފަ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މިދެތަރިން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެކުގައި ދިރިއުޅެންވެސް ފަށާފަ އެވެ.
އަންނަ އަހަރު މިދެތަރިން ކައިވެނިކުރާނެ ކަން މިހާރު މިވަނީ ޔަގީންވެފަ އެވެ. ހިތްހަލާކުވާނެ އެތަކެއް ބައެއް ތިބޭނެކަންވެސް ޔަގީނެވެ.
މިކައިވެނި ވެގެންދާނީ ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއް ބައިވެރިވާނެ ކުލަގަދަ ރަސްމިއްޔާތަކަށް ކަމަށް މި ވަނީ ބެލެވިފަ އެވެ.