ހަބަރު

ސިނާން އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ

Feb 9, 2018
11

މިއަދު ފުލުހުން ހޯދަން އިއުލާން ކުރި، މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ދާދި ދެންމެއަކު އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ އެވެ. އިލްހާމް އާއި ސިނާން ހޯދަން މިއަދު ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ.

ސިނާން އާއިލާގެ މެންބަރުން މިއަދު، "އަވަސް" އަށް ވިދާޅުވީ ފުލުހުންގެ ތަހުގީގަކަށް ސިނާން ހޯދަން އިއުލާންކޮށްފައި ވާތީ، ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން އަމިއްލައަށް ސިނާން ފުލުހަށް ގޮސްފައިވާ ކަމަށެވެ. އިލްހާމް ފުލުހަށް ދިޔަ ކަމެއް ވެސް ނުވަތަނަ ނޫން ކަމެއް ވެސް ނޭނގެ އެވެ.

ސިނާން ހައްޔަރު ކުރަން ޕީޖީ އިން އެދިގެން ކްރިމިނަލް ކޯޓްގެ ގާޒީ އަލީ އާދަމް ސޮއި ކުރައްވާ އިއްޔެ ނެރުނު އަމުރުގައި ބުނެފައި ވަނީ ސިނާން ހައްޔަރު ކުރަނީ، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު މަޖިލީހުގެ ތެރެއިން ވައްޓާލުމަށް ޓަކައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިފައި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރޭވުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ. އަދި ސިނާން ހައްޔަރުނުކޮށް ބަހައްޓައިފި ނަމަ މުޖުތަމައަށް ނުރައްކާވެ ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ބެލެވޭތީ ކަމަށް ވެސް އަމުރުގައިވެ އެވެ. އަދި ސިނާން ހައްޔަރު ކުރުމަށް ލިބިފައިވާ ހަމައެކަނި ހެއްހަކީ ސިއްރު ހެއްކެއްގެ ބަޔާން ކަމަށް ކޯޓް އަމުރުގައިވެ އެވެ.

އެހެން ނަމަވެސް ސިނާން އާއި އިލްހާމް ވެސް ވިދާޅުވެފައި ވަނީ، އެ ތުހުމަތަކަށް އިންކާރު ކުރައްވާ ކަމަށާއި ފާރިސްއަށް އެބޭފުޅުން އެފަދަ އެއްވެސް މުއާމަލާތެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ކޯޓުން މިނިވަންވި ދުވަހު ވެސް ސިނާން ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ ގޮތުން ހިޔާލުތަފާތު ވުމުގެ ސަބަބުން އޭނާގެ މައްޗަށް ކުރާ ދޮގު ތުހުމަތުތަކެއް ކަމަށެވެ. ސިނާން އާއި އިލްހާމް އަކީ މީގެ ކުރިން ސުޕްރީމް ކޯޓުން އިއްވި ހުކުމެއްގެ ސަބަބުން މެންބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަސް އިން ބުނެފައިވާ ދެބޭފުޅުން އެވެ.

ފުލުހުން މީގެ ކުރިން ސިނާން އާއި އިލްހާމް ހޯދަން އިއުލާން ކުރުމުން، ރާއްޖެއިން ބޭރުގައި ތިބެފައި އެދެބޭފުޅުން ރާއްޖެ ވަޑައިގަތް ތަނުން އެއާޕޯޓުން ވަނީ ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް އެދެ ބޭފުޅުންގެ މުއްދަތު ޖަހަން ގެންދިޔުމުން އެދެ ބޭފުޅުން ވެސް ވަނީ ކޯޓުން މިނިވަންކޮށްފަ އެވެ. ސިނާން އާއި އިލްހާމް މީގެ ކުރިން ހައްޔަރު ކުރަން އިއުލާން ކުރި އިރު ފުލުހުން ބުނެފައި ވަނީ އެދެބޭފުޅުން ހޯދަނީ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ތުހުމަތުތަކާ ގުޅިގެން ތަހުގީގުގައި ސުވާލު ކުރުމަށް ކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓުން ފަހުން ނެރުނު ހުކުމުގެ ސަބަބުން، ގޮނޑި ގެއްލުނު ކަމަށް ޕީޕީއެމް އިން ބުނި 12 މެންބަރުންގެ ގޮނޑި ގެއްލިފައެއް ނުވެ އެވެ. މަޖިލީހުގެ އިދާރާއިން ވެސް އެކަން އެގޮތަށް އިއުލާންކޮށްފައިވެ އެވެ.