ހަބަރު

ރާއްޖޭގެ މައްސަލާގައި ދުނިޔެ ހިމޭނުން އޮވެގެން ނުވާނެ: ކޯފީ އަނާން

ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޓަކައި ހަރުދަނާ މިނިވަން މުއައްސަސާތައް ކޮންމެހެން މުހިއްމު ކަމަށާއި ރާއްޖޭގެ ކަންތަކުގައި ބައިނަލް އަގުވާމީ މުޖުތަމައު ހިމޭނުން ތިބެގެން ނުވާނެ ކަމަށް އދ. ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން ވިދާޅުވެއްޖެ އެވެ.

މިއަދު ނެރުއްވި ބަޔާނެއްގައި އަނާން ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއާއި ކުރިއެރުން ވަނީ ނުރައްކަލުގެ ތެރޭގައި ކަމަށެވެ.

"މި އަހަރުގެ ފަހުކޮޅުގައި ބާއްވަން ތާވަލުކޮށްފައިވާ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވާނެކަމުގެ ޔަގީންކަން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އަލުން ކަށަވަރުކޮށްދޭން ހުރިހާ ފިޔަވަޅެއް އަޅަން ޖެހެއެވެ. ވަރުގަދަ މިނިވަން މުއައްސަސާތަކެއް ހުރުމަކީ އެކަމަށް ޓަކައި ކޮންމެހެން ބޭނުން ކަމެކެވެ. ބައިނަލް އަގުވާމީ މުޖުތަމައުން ހިމޭނުން ތިބެގެން ނުވާނެއެވެ،" ބަޔާނުގައި އަނާންް ވިދާޅުވިއެވެ.

އެކެއް ފެބުރުއަރީގެ އަމުރަށް ފަހު ރާއްޖޭގައި ހިނގައި ދިޔަ ކަންތައްތައް އަނާން ސިފަ ކުރައްވާފައި ވަނީ އެއީ ރާއްޖޭގެ މުއައްސަސާތަކަށް ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ދެއްވި ޑިމޮކްރަސީއާ ބީރަށްޓެހި ހަމާލާއެއްގެ ގޮތުގަ އެވެ. އަދި ވިދާޅުވީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"ސުޕްރީމްކޯޓުގެ އަމުރަށް ބޭއިހުތިރާމް ކުރުމާއި ވަކިވަކި ފަނޑިޔާރުންނަށް ހުރަސް އެޅި އެޅުން އަޅުގަނޑު ކުށްވެރި ކުރަމެވެ. މި އަމަލުތަކަކީ ގާނޫނީ ހުކޫމަތަށް ތަބާ ނުވުމާއި ޝަރުއީ ނިޒާމަށް އިހުތިރާމް ނުކުރުމުގެ އަމަލުތަކެވެ."

އެކެއް ފެބްރުއަރީ އަމުރާ ގުޅިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ކުރުން އަނާން ސިފަ ކުރައްވާފައި ވަނީ ސިޔާސީ ބޭނުމަށް އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ.

"ސިޔާސީ ގައިދީން މިނިވަން ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ފުރަތަމަ ނެރުނު އަމުރު ތަންފީޒު ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން އަޅުގަނޑު ގޮވާލަމެވެ،" ބަޔާނުގައި އަނާން ވިދާޅުވިއެވެ.

ސުޕްރީމްކޯޓުގެ 1 ފެބުރުއަރީގެ އަމުރާ ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގެ ސުޕްރީމް ކޯޓަށް ސަލާމަތީ ބާރުތައް ވައްދައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ. އަދި ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ވެސް ހައްޔަރުކޮށްފަ އެވެ. އެ ބޭފުޅުން ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ސުޕްރީމްކޯޓުގެ ބާރުތައް ނަގައިގެނެވެ.

އެކަންކަން ރާއްޖޭގައި ހިނގުމުން ދުނިޔޭގެ ބައެއް ގައުމުތަކުންނާއި އދ. އިން ވަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.