ޕާކިސްތާން

ރާއްޖޭގެ މައްސަލައިގެ ތެރެއަށް ވަންނާކަށް ނެތިން: ޕާކިސްތާނު

ރާއްޖޭގެ އެތެރޭގެ މައްސަލަތަކުގެ ތެރެއަށް ނުވަންނާނެ ކަމަށާއި އދ. ގެ މިންގަނޑުތަކަށް ބޯލަނބާނެ ކަމަށް ޕާކިސްތާން ސަރުކާރުން ބުނެފި އެވެ.

އެކެއް ފެބުރުއަރީގެ އަމުރަށް އަމަލު ނުކޮށް ރާއްޖޭގައި ކުއްލި ހާލަތު އިއުލާން ކުރުމާއެކު ދުނިޔޭގެ ގިނަ ގައުމުތަކުންނާއި ބައިނަލްއަގުވާމީ ބޮޑެތި ޖަމިއްޔާތަކުން ދަނީ ސަރުކާރުގެ ނިންމުމާ ދެކޮޅަށް އަޑު އުފުލައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ގޮވާލަމުންނެވެ. އެއާއެކު ރާއްޖޭގެ މައުލޫމާތު ބޭރު ދުނިޔެއަށް ހާމަ ކޮށްދިނުމަށް ސަރުކާރުން ވަނީ ޗައިނާ، ސައޫދީ އަދި ޕާކިސްތާނަށް ރައީސްގެ މަންދޫބުންގެ ގޮތުގައި ކެބިނެޓްގެ ބައެއް މިނިސްޓަރުން ފޮނުވާފަ އެވެ.

ފޮރިން މިނިސްޓަރު ޑރ މުހައްމަދު އާސިމް ވަޑައިގެންނެވީ ޕާކިސްތާނަށެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޗައިނާ އަށެވެ. އަދި މިނިސްޓަރު ޝައިނީ ސައޫދީ އަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އާސިމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ކަމުގައި މިހާރު ހުންނެވި ޝާހިދް އައްބާސީ ވަނީ މިނިސްޓަރު އާސިމްއާ ބައްދަލުކުރައްވާ ރާއްޖެ މިހާރު އޮތް ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރައްވާފައި ކަމަށް ޕާކިސްތާނުގެ މީޑިއާ ރިޕޯޓުތައް ހާމަކުރެ އެވެ.

"ޕާކިސްތާން ޓުޑޭ" ނޫހުން ބުނީ، ރާއްޖެ މިހާރު އޮތް ހާލަތުގައި ޕާކިސްތާނުން އެ މައްސަލަތަކުގެ ތެރެއަށް ވަންނަން ބޭނުން ނުވާ ކަމަށެވެ. އަދި މައްސަލަތަކާ ގުޅިގެން އދ. ގެ މިންގަނޑުތަކަށް ފުރިހަމައަށް ގަބޫލުކުރާ ކަމަށާއި އެހެން ނަމަވެސް ރާއްޖެ އޮތް ހާލަތާ މެދު ކަންބޮޑުވާ ކަމަށް، ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުމުގައި ޕްރައިމް މިނިސްޓަރު އައްބާސީ ވިދާޅުވެފައިވާ ކަމަށެވެ.

"ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުމަކީ އެއްގައުމު އަނެއް ގައުމަށް އިހުތިރާމް ކުރުމާއި، ދޭދޭ އެކި ކަންކަމުގައި އެއްބާރުލުން ދިނުން ފަދަ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް، އެހެން ނަމަވެސް ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް ޕާކިސްތާން ނުވަންނާނެ." ކަމަށް އައްބާސީ ވިދާޅުވި ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.

ޕާކިސްތާނުން މިހެން ބުނެފައިވާއިރު ޕާކިސްތާނާ ގާތް ގުޅުމެއް އޮންނަ ޗައިނާ އިން ވެސް ވަނީ، ރާއްޖޭގައި މިހާރު ހުރި މައްސަލަތަކަކީ އެތެރޭގެ މައްސަލަތަކެއް ކަމަށާއި އެ މައްސަލަތަކާ ގުޅުންހުރި ފަރާތްތަކުން މަޝްވަރާކޮށްގެން ކަންކަން ފުރިހަމައަށް ހައްލުކުރެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ޗައިނާ އިން ބުނެފައިވަނީ ރާއްޖޭގެ ކަންކަން ހަމަ މަގަށް އަޅުވަން ރާއްޖޭގެ ހުރިހާ ފަރާތްތަކަށް ވެސް އެހީތެރިވެ، އެއްބާރުލުން ދޭނެ ކަމަށެވެ.

އާސިމް އާއި ޕްރައިމް މިނިސްޓަރު އައްބާސީގެ ބައްދަލުވުމުގެ ވާހަކަ އެ ގައުމުގެ ނޫސްތަކަށް ހާމަކޮށްފައިވީ ނަމަވެސް އޭގެ ރަސްމީ މައުލޫމާތެއް ރާއްޖޭގެ ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.