ވިޔަފާރި

ރާއްޖޭގައި ޗުއްޓީއަށް ހުރަހެއް ނެތް: ކޮންޑެނާސްޓް ޓްރެވެލާ

Feb 10, 2018

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތް ނަމަވެސް، ޗުއްޓީ ހޭދަ ކުރަން އަންނަ މީހުންނަށް ރާއްޖޭގައި އެއްވެސް ހުރައެއް ނެތް ކަމަށް މަޝްހޫރު ކޮންޑެނާސްޓް ޓްރެވެލާ މަޖައްލާ އިން ބުނެފި އެވެ.

ޓްރެވަލް އެންޑް ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ކިޔާ މި މަޖައްލާ އިން ވަނީ ރާއްޖޭގައި ތިބި ބައެއް ޓޫރިސްޓުންގެ ހިޔާލު ހޯދާފަ އެވެ. ހުރިހާ ޓޫރިސްޓުން ވެސް ބުނެފައިވަނީ އެ މީހުންނަށް ރާއްޖޭގައި މިހާރުގެ ހަލަބޮލި ކަމުގެ އެއްވެސް އަސަރެއް ނެތް ކަމަށެވެ. ސަބަބަކީ ރާއްޖެ އުފެދިފައިވާ ގޮތުން ރިސޯޓުތައް ހިނގަނީ ވެރިރަށް މާލެއާ ވަކިން ކަމަށްވާތީ ކަމަށް އެ މަޖައްލާ އިން ބުނެ އެވެ.

ރާއްޖޭގެ ބައެއް ޓޫރިޒަމް އަމިއްލަ ޖަމިއްޔާ ތަކުން ވެސް ވަނީ މިގޮތަށް ބުނެފަ އެވެ. ރާއްޖޭގެ ޓޫރިޒަމް ބިނާ ވެފައިވަނީ "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަށްވުމުން ވެރިރަށުގައި ހިނގާ ކަމެއްގެ އަސަރު ޓޫރިސްޓުންނަށް ނުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ސިޔާސީ ހަލަބޮލިކަން އިތުރުވެ، ރާއްޖޭގައި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން ގިނަ ގައުމުތަކަކުން ވަނީ ރާއްޖެއަށް ޒިޔާރަތް ކުރުމުގައި ސަމާލުވެ ތިބުމަށް އަންގާފަ އެވެ. މިގޮތުން ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީ ނެރެފައިވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި ޗައިނާގެ އިތުރުން އިންޑިޔާވެސް ހިމެނެ އެވެ.