ވިޔަފާރި

1،500 ޓޫރިސްޓުންނާއެކު ކްރޫޒްލައިނާއެއް މާލެ ބަނދަރުގައި!

Feb 10, 2018

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައި އޮއްވާ، ގާތްގަނޑަކަށް 1،500 އެއްހާ ޓޫރިސްޓުންނާއެކު ބޮޑު ކްރޫޒްލައިނާއެއް މާލެއަށް ބަނދަރު ކޮށްފި އެވެ.

ކްރޫޒްލައިނާތައް ރާއްޖެ ގެންނަ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނި ގޮތުގައި ގިނަ އަދަދެއްގެ ޓޫރިސްޓުންނާއެކު ހުކުރު ދުވަހު ބޮޑު ކްރޫޒްލައިނާއެއް ބަނދަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި އުޅަނދުން އައި މީހުންގެ އަދަދެއް އެ ޖަމިއްޔާ އިން ނުބުނެ އެވެ.

މިހާރު ބަނދަރުގައި އޮތީ، އިޓަލީގެ މަޝްހޫރު ކޮސްޓާ ކުންފުނީގެ ބޮޑު ކްރޫޒްލައިނާއެކެވެ. މި ކްރޫޒްލައިނާގައި 1500 އެހާ ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށް އެނގިފައިވެ އެވެ.

ކްރޫޒްލައިނާ ތަކުން އަންނަ ޓޫރިސްޓުން ފައިބަން މަސްވެރިންގެ ޕާކު ސަރަހައްދު ސަރުކާރުން ވަނީ ހަމަޖައްސައިދީފަ އެވެ. ނަމަވެސް މިހާރު މާލެ ބަނދަރުގައި އޮތް އުޅަނދުން މާލެ ފައިބާފައިވަނީ މަދު ބައެކެވެ. ސަބަބަކީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާ ނުކޮށްފައި އޮތުމުންނެވެ. އެހެންވެ، ޓޫރިސްޓުން ފައިބަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއެކު ގިނަ ގައުމުތަކުން ރާއްޖެ އައިސް އުޅުމުގައި ސަމާލުވުމަށް އެ ގައުމުތަކުގެ ރައްޔިތުންނަށް ވަނީ އަންގާފަ އެވެ. މިގޮތުން ޓްރެވަލް އެޑްވައިޒަރީތައް ނެރެފައިވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އެމެރިކާ އަދި އޮސްޓްރޭލިޔާ އާއި ޗައިނާގެ އިތުރުން އިންޑިޔާ ހިމެނެ އެވެ.