ހަބަރު

ޒުވާނުންގެ މުޒާހަރާއިން ފަސް މީހަކު ހައްޔަރުކޮށްފި

Feb 10, 2018
8

ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒު ކުރަން ގޮވާލައި އެމްޑީޕީގެ ޔޫތް ވިންގް މިއަދު ކުރި މުޒާހަރާގެ ތެރެއިން ފަސް މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

އެމްޑީޕީގެ ޔޫތް ވިންގުން މިއަދު ހަވީރު އިންތިޒާމްކުރި މި މުޒާހަރާ ބާއްވާފައި ވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ޖަންގްޝަންގަ އެވެ. ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒު ކުރަން ގޮވާލައި ޝުއޫރުތައް ލިޔެފައިވާ ފޮތިގަނޑަކާއި ބޯޑްތަކެއް ހިފައިގެން މުޒާހަރާ ކުރަމުން ދަނިކޮށް އެ ސަރަހައްދަށް ފުލުހުން އައިސް ވަނީ އެ މީހުން މަގު މެދުން ޕޭމަންޓަށް އަރުވައިފަ އެވެ. އަދި އެއަށް ފަހު އެ މީހުން އަތުގައި ހުރި ފޮތިގަނޑުތަކާއި ބޯޑްތައް ފުލުހުން އަތުލަން މަސައްކަތް ކުރުމުން ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގި އެވެ. އެ ހަމަނުޖެހުމުގެ ތެރެއިން އެމްޑީޕީގެ ޔޫތް ވިންގްގެ ރައީސްއާ އެކު ޖުމްލަ ފަސް މީހަކު ހައްޔަރު ކުރި އެވެ.

އޭގެ ތެރޭގައި ގިނައީ އަންހެނުން އެވެ. އެ މީހުން އަޑު އުފުލަމުން ދިޔައީ ސުޕްރީމް ކޯޓްގެ ހުކުމް ތަންފިޒުކޮށް ގާނޫނުގެ ވެރިކަން ދަމަހައްޓަން ސަރުކާރުން ފިޔަވަޅު އެޅުމަށެވެ.