ހަބަރު

މެންބަރު އަމީތާއި އަބްދުﷲ ހައްޔަރުކޮށްފި

Feb 23, 2018

އެމްޑީޕީ ހަރުގެ ކުރިމަތީގައި މިއަދު ހަވީރު އިދިކޮޅު ޕާޓީތަކުން ބޭއްވި އެއްވުމަށް ހުރަސް އަޅައި އެއްވުމުގައި އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ހައްޔަރުކޮށްފި އެވެ.

އަމީތާއި އަބުޅޯ ހައްޔަރު ކޮށްފައިވަނީ މަޖީދީމަގުން ކަމަށް މައުލޫމާތު ލިބެ އެވެ. ހައްޔަރު ކުރުމަށްފަހު ފުލުހުންގެ ވެހިކަލްގައި އެ ދެ ބޭފުޅުން ވަނީ ގެންގޮސްފަ އެވެ.

އިދިކޮޅުން އެމްޑީޕީ ހަރުގެ ކުރިމަތީގައި މިއަދު ކުރިއަށްގެންދިޔަ މުޒާހަރާއަކީ 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އެ ފަރާތްތަކުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާ އެކެވެ. ފުލުހުން ވަނީ މިއަދުގެ އެއްވުމަށް ވެސް ހުރަސް އަޅައި މުޒާހަރާ ހުއްޓުވަން މަސައްކަތްކޮށްފަ އެވެ.

އިދިކޮޅަށް ނިސްބަތްވާ ދެ މެންބަރަކު ހައްޔަރު ކޮށްފައިވާއިރު އެ ސަރަހައްދުން އާންމުންގެ މީހަކުވެސް މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ވެއެވެ.