ހަބަރު

އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހިންގަނީ ބޮޑު ޖަރީމާއެއް: އެމްޑީޕީ

Feb 10, 2018
3

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށް، ތަހުގީގުގެ ނަމުގައި ހިންގަނީ ބޮޑު ޖަރީމާއެއް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއިން ބުނެފި އެވެ.

އެމްޑީޕީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އުއްތަމަ ފަނޑިޔާރު ބަންދުކޮށްފައިވަނީ ގަދަ ބާރުން، އެންމެ މަތީ ކޯޓުގެ ހުރުމަތް ކަނޑާ، ގާނޫނުތަކާ ހިލާފަށް ހައްޔަރުކޮށް، ސިޔާސީ ދައުވާތައްކުރުމުގެ ބޭނުމުގަ ކަމަށެވެ. ފުލުހުންނާއި ސިފައިންގެ އެހީތެރިކަމާއެކު ދައުލަތުގެ އެއްބާރުން އަނެއްބާރުގެ މައްޗަށް ވެރިވެގަންނަމުންދާތީ އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

"ތަހްގީގުކުރުމުގެ ނަމުގައި، ފުލުހުން ކުރަމުންގެންދާ މި ބޮޑު ޖަރީމާ މިހާރުން މިހާރަށް ހުއްޓާލާ އުއްތަމަ ފަނޑިޔާރު މިހާރުން މިހާރަށް މިނިވަން ކުރުމަށް ގޮވާލަން، އުއްތަމަ ފަނޑިޔާރު އަދުލު އިންސާފުގެ އެންމެ މަތީ ކޯޓުގައި ހުންނަވަނިކޮށް، އެކޯޓުގެ މައި ދޮރު ވައްޓާލައިގެން އެމަނިކުފާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ބިންމަތީ ދަމާ ކޫއްތައިގެން ދޫނިދޫގައި ބަންދުކޮށް އަދި މިހާރު ތަހުގީގުކުރަމުން ގެންދަނީ ކަނޑައެޅިގެން ގާނޫނުތަކާ ހިލާފަށް،" އެ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.

އެމްޑީޕީއިން ބުނީ، އެކަމުން ވެސް ދޭހަވަނީ ރާއްޖޭގައި މިހާރު ގާނޫނުގެ ވެރިކަން ހިނގާ ސަރުކާރެއް ނެތްކަން ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްއިރު، މިއީ ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމަށް ހިންގޭ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު ޖަރީމާއެއް ކަމަށެވެ.

މިފަދަ އަނިޔާވެރިކަމެއްގެ މެދުވެރިއަކަށް ނުވެ، ގާނޫނީ ހަމަތަކުގެ މަތީން ސަލާމަތީ ބާރުތައް އަމަލުކުރުމަށް ފުލުހުންނަށާއި ސިފައިންނަށް އެ ޕާޓީން ވަނީ ގޮވާލާފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ބާރުތައް ސަސްޕެންޑް ކުރާށެވެ. އިތުރު އެއްވެސް ބިރެއް އޮވެގެން ނޫނެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކުރާ މީހުންނާއި ބަންދުކުރެވޭ މީހުންގެ ގިނަ ހައްގުތަކެއް ވަނީ ހިފަހައްޓާފަ އެވެ. އެގޮތުން ގާނޫނު އަސާސީގެ މުހިންމު މާއްދާތަކެއް ހިފެހެއްޓި އެވެ.

އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރޭ މާއްދާތަކަކީ، 45 ވަނަ މާއްދާ (ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން) އާއި 46 ވަނަ މާއްދާ (ހައްޔަރުކުރުމާއި، ބަންދުކުރުމުގެ ބާރު) އާއި 49 ވަނަ މާއްދާ (ކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުން) އާއި 56 ވަނަ މާއްދާ (އިސްތިއުނާފުކުރުމުގެ ހައްގު) އެވެ. އޭގެއިތުރުން، 65 ވަނަ މާއްދާ (ހައްލުހޯދުމަށްޓަކައި ދައުވާކުރުމުގެ ހައްގު) ވެސް ވަނީ ހިފަހައްޓާފަ އެވެ.

މީގެއިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ވެސް ވަނީ ހިފަހައްޓާފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަކީ ޝަރީއަތް ހިންގާނެ އުސޫލުތަކާއި މަރުހަލާތައް ބަޔާންކުރާ ގާނޫނެވެ. އެ ގާނޫނު ހިފެހެއްޓުމުން ޝަރީއަތް ހިންގުމުގެ ވަރަށް އަސާސީ ހައްގުތައް ހަނިވެގެން ދާނެ އެވެ. ހައްޔަރުކުރާ މީހާ އާއި ދައުވާކުރެވޭ މީހާގެ ވެސް ހައްގުތައް ހަނިވެގެން ދާނެ އެވެ.

ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުމާއި ހައްޔަރުކުރެވޭ މީހުންނާއި ބަންދު ކުރެވޭ މީހުންގެ ހައްގުތަކާއި ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތައް އެއްވެސް ވަރަކަށް ހަނި ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ.