ހަބަރު

އަމުރަށްފަހު އަދީބުގެ ހަބަރެއް ނުވޭ: ވަކީލް

ސުޕްރީމް ކޯޓުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫކޮށްލުމަށް އަމުރުކުރި ދުވަހުން ފެށިގެން އޭނާގެ އެއްވެސް ހަބަރެއް ނުވާ ކަމަށް ވަކީލް ވިދާޅުވެއްޖެ އެވެ.

އަދީބުގެ ވަކީލް މޫސާ ސިރާޖު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ފެބުރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ ރޭ އަދީބު މާފުއްޓަށް ބަދަލުކުރިކަން ކުރު ފޯނު ކޯލަކުން ވަކީލަށް އެންގި ކަމަށެވެ. ނަމަވެސް އޭގެ ފަހުން އަދީބުގެ އެއްވެސް ހަބަރެއް އާއިލާއަށް ވެސް ނުވާ ކަމަށެވެ.

"އާއިލާއަށް ވެސް އަދި ވަކީލުންނަށް އަދީބުގެ އެއްވެސް ހަބަރެއް ލިބިފައެއް ނުވެ، ވަކީލުންނާ، އޭގެ ފަހުން ބައްދަލުވެވޭ ގޮތް ހަމަޖައްސައި ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ތަކުރާރުކޮށް އެދުނުނަމަވެސް މިއަދާ ހަމައަށްވެސް އެކަން ހަމަޖައްސާފައެއް ނުވޭ، އަދި ބައްދަލުވުން ހަމަޖައްސައި ނުދޭ ސަބަބެއްވެސް ބަޔާންކޮށްފައެއް ނުވޭ،" ވަކީލް ވިދާޅުވި އެވެ.

އަމުރު ނެރުނު ފަހުން އެ އަމުރު ތަންފީޒުނުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު އެ ދުވަސްތަކުގައި ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދެއްކެވި ކޮންމެ ފަހަރަކު ވެސް އަދީބުގެ ވާހަކަ ދައްކަވާފައިވެ އެވެ. އެގޮތުން އަމުރަށްފަހު ފުރަތަމަ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، "މި ބިން މަތީގައި އަދީބުގެ އެއްވެސް ހައްގެއް ނޯންނާނެ،" ކަމަށެވެ. އޭގެފަހުން ރޭ ރައީސް ވިދާޅުވީ، އަމުރާ އެއްގޮތަށް އަދީބު ދޫކޮށްލައި ލޯންޗަށް އެރުވިކަން ވެސް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އަދީބު ހުންނަން ޖެހޭނީ ގޮޅީގައިކަން ސަލާމަތީ ބާރުތަކަށް ވިސްނިގެން އަލުން ގޮޅިއަށްލީ ކަމަށެވެ.

ވަކީލް މޫސާ ސިރާޖު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދީބަށް ވެސް ލިބިދޭންޖެހޭ ހައްގުތައް ދުސްތޫރާއި، ބަންދުގައި ތިބޭ މީހުންގެ ހައްގުތައް ބަޔާންކޮށްދޭ ގާނޫނުތަކުގައި ވަނީ ކަނޑައަޅައި ބަޔާންކޮށްފަ ކަމަށާއި ގާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިހުރި އެ ހަމަތަކަށް ގޮންޖެއްސެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ރައީސް އެހެން ވިދާޅުވެފައިވާ ދަނޑިވަޅެއްގައި، އަޅުގަނޑުމެންގެ މުވައްކިލުގެ އެއްވެސް ހަބަރެއް ނުވުމާއި، ވަކީލުންނާ ބައްދަލުނުކުރުވާ، އަދި ފޯނުންވެސް ވާހަކަ ދެއްކޭނޭ ގޮތް ހަމަޖައްސައި ނުދީ، އަދި އަޅުގަނޑުމެންގެ މުވައްކިލާބެހޭ އެއްވެސް މައުލޫމާތެއް އަޅުގަނޑުމެންނަށް ނުދޭތީ އެކަމާ އިންތިހާއަށް ކަންބޮޑުވަން،" ބަޔާނުގައިވެ އެވެ.

އަދީބާމެދު އަމަލުކޮށްފައިވަނީ ކިހިނެތްކަން ނޭނގޭއިރު، އެކަން ބަލައި ހަގީގަތް ހޯދުމަށް މުއައްސަސާތަކާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކުން ބާރުއަޅުއްވައި އެހީތެރިވުމަށް ވެސް ވަކީލު ވަނީ ގޮވާލައްވާފަ އެވެ.

އަދީބުގެ އެއްވެސް ހަބަރެއް ވަކީލުންނަށް އަދި އާއިލާއަށް ނުވާއިރު، ޑޮކްޓަރުން ވަނީ އޭނާގެ ލޮލުގެ އޮޕަރޭޝަން ވީއެންމެ އަވަހަކަށް ހެދުމަށް ލަފާ ދީފަ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު އެއީ ނުފޫޒުން ހިންގާފައިވާ ޝަރީއަތްތަކެއް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކުރައްވާ ނެރުނު އަމުރުގައިވެ އެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމަށްފަހު ސުޕްރީމް ކޯޓުގެ ބާރު ކަނޑުވާފައި އޮތްވާ ނެރުނު ތިން ފަނޑިޔާރުންގެ އަމުރުގައި އެބައި ވަނީ ބާތިލުކޮށްފަ އެވެ.