ކުއްލި ނުރައްކަލުގެ ހާލަތު

"ކުއްލި ހާލަތުގައި ވެސް ފަނޑިޔާރުންގެ ހިމާޔަތް ނިގުޅައިނުގަނެވޭނެ"

ފަނޑިޔާރުންނަށް ލިބިގެންވާ ހިމާޔަތަކީ ދައުލަތުގެ އެއް ބާރު ތަމްސީލުކުރާ ބައެއްގެ މައްޗަށް އަނެއް ބާރުން ނުފޫޒު ފޯރުވިޔަ ނުދިނުމަށްޓަކައި ދީފައި އޮންނަ ހިމާޔަތަކަށްވާއިރު، ކުއްލި ނުރައްކަލު ހާލަތުގައި ކަމުގައިވީނަމަވެސް އެ ހިމާޔަތް ނިގުޅައެއް ނުގަނެވޭނެ ކަމަށް ވަކީލުންތަކެއް ވިދާޅުވެއްޖެ އެވެ.

މިހެން ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ނެރެފައިވާ ގަރާރު ގާނޫނާ ހިލާފު ކަމަށް ވިދާޅުވެ، 62 ވަކީލުން ނެރުއްވި ބަޔާނެއްގަ އެވެ. އެ ބަޔާނަކީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އިސްކޮށް ތިއްބަވާ ނެރުއްވާފައިވާ ބަޔާނެކެވެ.

ބަޔާނުގައި ބުނެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވޭނީ ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ކަނޑައަޅާފައިވާ
ސަބަބުތަކުން ކުރެ ސަބަބެއް މެދުވެރިވުމުން ކަމަށް ސާފު އިބާރާތުން ބަޔާން ކޮށްފައިވާއިރު، ވަކި ކަމެއް ލާޒިމުކޮށް އަދުލުއިންސާފުގެ އެންމެ މަތީ ފަރާތުން ކުރާ އަމުރަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން ޖެހޭ ފަދަ ސަބަބެއް ކަމަށް ނުފެންނަ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ކަމުގައިވީ ނަމަވެސް، އެ ބާރުގެ ބޭނުން ކުރަން ވާނީ ގާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ކަމަށްވެފައި، އެފަދަ ގަރާރަކީ ރައްޔިތުންގެ މަސްލަހަތަށްޓަކައި ނެރުއްވާ ގަރާރަކަށް ވާންޖެހޭނެ ކަމަށް ބަޔާނުގައިވެ އެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ގަރާރަކީ، ރައްޔިތުންގެ މަސްލަހަތުގައި ނެރުއްވާފައިވާ ގަރާރެއްކަމުގައި ބަލަން އެކަށީގެންވާ ފުރުސަތެއް ނެތް ކަމަށެވެ.

"ކުއްލި ނުރައްކަލު ހާލަތު އިއުލާނު ކުރުމުގެ ގަރާރުގެ ހުދޫދަކީ ކޮބައިކަން ގާނޫނުއަސާސީގައި ބަޔާން ކޮށްފައި ވެއެވެ. އެފަދަ ގަރާރެއްގެ ދަށުން ހިފެހެއްޓޭނީ ހަމައެކަނި ބައެއް އަސާސީ ހައްގުތަކާއި، އެފަދަ ހައްގުތަކާ ގުޅޭ ގާނޫނުތައް އެކަނިކަން އެ މާއްދާގެ އިބާރާތަށް ބެލުމުން އެނގެ އެވެ. އެހެން ނަމަވެސް އެ ގަރާރުގެ ދަށުން، ގާނޫނުއަސާސީއިން ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުތައް ނިގުޅައިގަނެ، ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިފައިވާ އިމްތިޔާޒުތަކާއި، ރައްކާތެރިކަން ވެސް ހިފަހައްޓައި، މީގެ އިތުރުން ވެސް އަސާސީ ހައްގުތަކާ ގުޅުންނެތް ގާނޫނުތަކަށް ވެސް އަމަލުކުރުން ހުއްޓާލާފައިވަނީ ގާނޫނު އަސާސީގެ 254 މާއްދާއާ ކަނޑައެޅިގެން ހިލާފަށް،" ބަޔާނުގައިވެ އެވެ.

ވަކީލުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހައްޔަރު ކުރުމަކީ ދެން ތިއްބެވި ތިން ފަނޑިޔާރުންގެ އަމުރަކުން ވެސް ކުރެވެން އޮތް ކަމަށްވާއިރު، އެ ގޮތަށް އަމުރު ހޯދުމުގެ ބަދަލުގައި، ފަނޑިޔާރުންގެ ގާނޫނުގެ 12 ވަނަ މާއްދާއަށް އަމަލު ނުކުރާ ގޮތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ގަރާރުގައި ހިމަނާފައިވަނީ އެމާއްދާގައި ބުނެފައިވާ އިޖުރާއަތު ހިންގުމަކާ ނުލައި ސުޕްރީމް ފަނޑިޔާރުން ހައްޔަރު ކުރުމުގެ ބޭނުމުގައި ކަމަށް ތުހުމަތު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މީގެ އިތުރުން، ފަނޑިޔާރުންގެ ގާނޫނުން ފަނޑިޔާރުންނަށް ލިބިދީފައިވާ ހިމާޔަތާއި ރައްކާތެރިކަން ހިފެހެއްޓިފައި އޮތުމަކީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ބާކީ އޮތް މުއްދަތުގައި ފަނޑިޔާރު ކުރާ ހުކުމެއް، ނުވަތަ ނިންމާ ނިންމުމަކާމެދު ސަރުކާރު ހިންގާ ފަރާތާމެދު އުފެދޭ ހިޔާލު ތަފާތުވުމެއްގެ ނަތީޖާއެއްގެ ގޮތުން އެ ނިންމުމެއް ނިންމަވާ ފަނޑިޔާރު ހައްޔަރު ކުރެވުމުގެ ބިރު އޮންނާނޭ ކަމެއް ވެސް ކަމަށެވެ.