ރިޕޯޓް

މި ހާލަތުން އެންމެ "ތަދުވާނެ" މީހުން!

ސިޔާސީ ހަލަބޮލިކަމުން ގައުމު "ހޫނު ކޮށްލައިފި" އެވެ. މިއާއެކު ގިނަ ބައެއްގެ ސިކުނީޑީގައި ކެކެނީ މި ހަލަބޮލިކަމެވެ. އެންމެންގެ ދައްކަނީ ވެސް މި ވާހަކަ އެވެ. ފަހަރުގައި މިކަމުން ފައިދާވާނެ ބަޔަކު ވެސް ތިބެދާނެ އެވެ. އެކަމަކު މީގެ ރަހަ ވަރަށް ހިތިކޮށް ލިބޭ ބަޔަކު ރާއްޖޭގައި އެބަ ތިއްބެވެ. އެއީ މި މީހުންނެވެ. މުޅި ރާއްޖޭގައި ހީވާގިކަމާއެކު މަސައްކަތްކުރާ ލޯކަލް ކުދި ވިޔަފާރި ތަކެވެ.

"ކުރިން ކޮންމެ ދުވަހަކު 6،000ރ. ގެ ވިޔަފާރި ކުރޭ. އެކަމަކު މިހާރު ދުވާލެއްގެ މައްޗަށް 1،000ރ. ވެސް ނުލިބޭ. ވަރަށް ދެރަކަމެއް މިއީ. އެކަމަކު ކުރާނެ ކަމެއް ނެތް،" މާރުކޭޓު ގޮޅިއެއްގައި އެއްޗިހި ވިއްކަން ހުރި އަހުމަދުބެ "އަވަސް" އަށް އިއްޔެ ބުންޏެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ ދުވެލި "މަޑުޖެހިއްޖެއޭ" ބުނެވިދާނެ އެވެ. ސަބަބަކީ ވިޔަފާރި ތަކަށް ކުރިން ލިބެމުން ދިޔަ "އިންކަމް" ބުރަކި ޖެހުމެވެ. މިކަމުގެ ގެއްލުން އެންމެ ބޮޑަށް ކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށެވެ. ހާއްސަކޮށް ކުދި ގެސްޓްހައުސްތަކާއި ކަންމަތީ ފިހާރަތައް އަދި ކެފޭ ފަދަ ތަންތަނުގެ ވިޔަފާރި ދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. ތިރީގައި އެ ވަނީ މިހާރުގެ ހާލަތުން އެންމެ ބޮޑު "ވޭނެއް" ކުރިމަތިވާނެ ފަރާތްތަކެވެ.

ކުދި ވިޔަފާރި

މަޖީދީ މަގުގައި ފައިވާނުގެ ވިޔަފާރިކުރާ މަޝްހޫރު ފިހާރައެއްގެ ވެރިއަކު ބުނި ގޮތުގައި މީގެ މަހެއްގެ ކުރިން ރެއަކު 10،000ރ. ލިބުނު ނަމަވެސް މިހާރު ލިބެނީ 2،000ރ. އެވެ. އަދި މިގޮތަށް ސިޔާސީ ހަލަބޮލިކަން ދިގު ދެމިގެންދާނަމަ ބޮޑެތި ގެއްލުން ތަކެއް ވާނެ ކަމަށް ބުންޏެވެ.

"ވަރަށް ބޮޑު ގެއްލުމެއް މިހާރު މި ވަނީ. މީގެ ފިހާރައެއްގެ ކުލި މި އުޅެނީ 80،000ރ. އަށް. އެހެންވެ މިވަރުގެ އާމްދަނީ އަކުން ދެކޮޅު ޖައްސާނެ ގޮތެއް ނުވިސްނޭ. މުވައްޒަފުންނަށް މުސާރަ ވެސް ދޭން ޖެހޭ، ކަރަންޓު ބިލު ދައްކަން ޖެހޭ. މިވަރުން ދެކޮޅެއް ނުޖެހޭނެ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

މާލޭގައި ހޯލްސޭލް ވިޔަފާރިކުރާ ވިޔަފާރިވެރިއަކު ބުނީ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ވިޔަފާރިއަށް އަސަރު ކުރަން ވަނީ ފަށާފައިވާ ކަމަށެވެ.

"މި ހުރިހާ ކަމެއް ވެސް އޮތީ ގުޅި ލާމެހިފަ. އެހެންވެ މުދާ ކިތަންމެ ވަރަކަށް ގެނައި ނަމަވެސް ގެއްލުންވާނެ. ކަސްޓަމްސް ހިސާބުތަކުން ދައްކަފާނެ އިމްޕޯޓު އިތުރުވާކަން. ރިސޯޓުތައް ހަދަންޏާ މުދާ އެތެރެކުރާނެ ތާ! އެކަމަކު މިހާރު ވެސް މުދާ ވިކުން ވަނީ މަދުވެފަ. ގެއްލުންވަމުން ދޭ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ކުދި ވިޔަފާރި އަށް އަލަށް އައި ޓްރެންޑަކީ ދިވެހި ޒުވާނުންގެ ބައިވެރިވުމާއެކު ހުޅުވި ކުދި ކެފޭތަކާއި ޓޭކްއަވޭ ތަކެވެ. އެގޮތް މިގޮތުން ލާރި ހޯދައިގެން ޒުވާން ކުދިން ފެށި މި ވިޔަފާރި ތަކަށް ވެސް މިހާރުގެ ހާލަތުގެ ނުބައި އަސަރު ކުރަން ފަށައިފި އެވެ.

ދާދި ފަހުން ހުޅުވި ކުޑަ ޓޭކްއަވޭއެއް ހިންގާ ޒުވާނަކު ބުނި ގޮތުގައި ސިޔާސީ ހަލަބޮލިކަމުން ސޭލް އަށް ދަނީ ގެއްލުން ވަމުންނެވެ.

"މި މަހުގެ އެކެއްގެ ކުރިން ދުވާލަކު 1،500ރ. ލިބުނު. އެކަމަކު މިހާރު 500ރ. ކިރިޔާ ލިބެނީ. އެހެންވެ ހަދާނެ ގޮތް ނޭނގެ. ދުވާލަކު ހާހެއްހާ ރުފިޔާ އެބަ ޖެހޭ ލިބެން. އެހެންނޫނީ ރެންޓު ދައްކަން ދަތި ވާނެ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ކުރިން ދުވާލަކު 1،500ރ. ލިބޭ. އެކަމަކު މިހާރު 500ރ. ކިރިޔާ ލިބެނީ. ދުވާލަކު ހާހެއްހާ ރުފިޔާ އެބަ ޖެހޭ ލިބެން. އެހެންނޫނީ ރެންޓު ދައްކަން ދަތި ވާނެ
ކުޑަ ޓޭކްއަވޭއެއް ހިންގާ ޒުވާނެއް

ގެސްޓްހައުސް ވިޔަފާރިތައް

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަނީ "ވަން އައިލެންޑް- ވަން ރިސޯޓު" މަންޒިލެއްގެ ގޮތުގަ އެވެ. ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ގެސްޓު ބުކިންތައް ކެންސަލް ކުރުމުން ގެސްޓްހައުސް ވިޔަފާރި އަށް ވަނީ އަސަރުކޮށްފަ އެވެ. ހާއްސަކޮށް އާއިލީ ވިޔަފާރީގެ ގޮތުގައި އެކި ތަންތަނުން ލޯނު ނަގައިގެން މި ވިޔަފާރި ފަށާފައިވާ ގިނަ ބަޔަކަށް މީގެ ގެއްލުން ބޮޑުވާނެ އެވެ. ސަބަބަކީ އެ މީހުންގެ އަތުގައި ރައްކާކޮށްފައި މާގިނަ ފައިސާއެއް ނެތްއިރު، ގެސްޓްހައުސް ނޫނީ މި ވިޔަފާރިއާ ގުޅުން ހުރި ވިޔަފާރިއެއް ފަށަން ލޯނު ނަގާފައިވުމުން އެ ލޯނު ދައްކާނެ މަގެއް ނެތުމެވެ.

ތޮއްޑޫގައި ގެސްޓްހައުސް ވިޔަފާރިކުރާ މީހަކު ބުނީ ކުރި އަށް އޮތޯ އޮފް ސީޒަނަށްވުން މިހާރުގެ ހާލަތަށް ބަލާއިރު ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ.

"ގެސްޓްހައުސްތަކުގައި ކޮޓަރި މި ވިއްކަނީ 50 ޑޮލަރު ވަރަށް. އަންނަ ޓޫރިސްޓު މީހާގެ ދެން ހުރި އެހެން ހޭދަތައް މި ކުރަނީ އެހެން ވިޔަފާރިތަކަށް. އެކްސްކާޝަންތަކަށް. ބައެއް މީހުން ޑިންގީ ވެސް ގަނެފައި އެބަހުރި ލޯނު ނަގައިގެން އެކްސްކާޝަން ޖައްސަން. ކިހިނެއްތޯ މި ލޯނުތައް ދައްކަނީ؟ ބައެއް މީހުން ލޯނު ނަގައިގެން މާލެ ދަތުރު ކުރަން ލޯންޗު ގަނެގެން ޓޫރިސްޓުން އުފުލުމުގެ ހިދުމަތްދޭ. އެހެންވީމަ މިކަމުގެ ގެއްލުން މުޅި ރަށަށް ކުރާނެ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

އެހެން ގެސްޓްހައުސްއެއް ހިންގާ ވެރިއަކު ބުނި ގޮތުގައި މި ހާލަތު ދެމިގެންދާނަމަ ރަށްރަށް ފަގީރު ވެގެންދާނެ ކަމަށެވެ.

"ރަށަށުގައި މިހާރު ފައިސާ ކޮޅު ދައުރުވަނީ ގެސްޓްހައުސް ވިޔަފާރިން. މިހެންވެ މިކަމަށް ހުއްޓުމެއް އައިސްފިނަމަ އެތަށް ބައެއްގެ ވަޒީފާ ގެއްލޭނެ. މިވާނީ މުޅި ރަށަށް އަންނާނެ ހީނަރު ކަމަށް. މިއީ އެތަށް އާއިލާއެއްގެ އިންކަމް ގެއްލުން. އެހެންވީމަ މިކަން އެބަޖެހޭ ހައްލު ކުރަން،" ގެސްޓްހައުސްއެއްގެ ވެރިއަކު ބުންޏެވެ.

ރަށަށުގައި މިހާރު ފައިސާ ކޮޅު ދައުރުވަނީ ގެސްޓްހައުސް ވިޔަފާރިން. މިހެންވެ މިކަމަށް ހުއްޓުމެއް އައިސްފިނަމަ އެތަށް ބައެއްގެ ވަޒީފާ ގެއްލޭނެ. މި ވާނީ މުޅި ރަށަށް އަންނާނެ ހީނަރު ކަމަށް.
ގެސްޓްހައުސްއެއްގެ ވެރިއެއް

ކޮންމެއަކަސް ސިޔާސީ ހަލަބޮލިކަން، އަދި އޮތީ ކޮޅެއް މެދެއް އެނގޭ ހިސާބަކު ނޫނެވެ. ނަމަވެސް އެނގޭ ކަމަކީ މިއީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމެވެ. ހާއްސަކޮށް މި ހަލަބޮލިކަމުގެ ގެއްލުމުގެ ވޭން އެންމެ ބޮޑުވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށެވެ. މި ހާލަތުން އެންމެ "ތަދުވާނެ" ބަޔަކީ މިއީ އެވެ.