ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫނާ ބައްދަލު ނުކުރެވޭނެކަން ވަކީލުންނާއި އާއިލާއަށް އަންގައިފި

ތަހުގީގު ޖަލު، ދޫނިދޫއިން މާފުށީގެ ތަންފީޒު ޖަލަށް ބަދަލުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެމަނިކުފާނުގެ ވަކީލުންނާއި އާއިލާގެ މެންބަރުންނާ ބައްދަލު ކުރެއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދެކޮޅު ހަދާފައިވާ ކަމަށް ގާނޫނީ ވަކީލުންނާއި އާއިލާގެ މެންބަރުން ބުނެފި އެވެ.

ނިޝާން ޣާޒީގެ އިތްޒަތްތެރި ވެރިޔާ، މައުމޫން ހައްޔަރު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ ހައްގުތަކެއް ހަނިކޮށްގެނެވެ. އޭގެ ތެރޭގައި ހައްޔަރުކުރާ މީހާއަށް ލިބޭ ގިނަ ހައްގުތަކެއް ވެސް ހިމެނެ އެވެ. ނަމަވެސް ގާނޫނީ ވަކީލެއްގެ ފުރުސަތުގެ ހައްގަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ހަނި ނުކުރެވޭ ހައްގެއް ކަމަށް ގާނޫނު އަސާސީގައި ވެއެވެ.

މައުމޫނުގެ ވަކީލުންގެ ޓީމްގައި ހިމެނި ވަޑައިގަންނަވާ އެ މަނިކުފާނަށާއި ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ބޭބެ ވިދާޅުވާ މައުމޫން ހަމީދު މިއަދު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އޮތުމުން ރައީސް މައުމޫނާ އެއްވެސް ވަކީލަކު ބައްދަލު ކުރަން ފުރުސަތު ނުދޭނެ ކަމަށް ކަރެކްޝަންއިން ބުނެފައިވާ ކަމަށެވެ. އޭގެ އިތުރަށް އާއިލީ ބައްދަލުވުމެއް ދެވެން ނެތް ކަމަށް ވެސް އަންގާފައިވާ ކަމަށެވެ. އޭގެ ކުރިން ރައީސް މައުމޫނާއި ވަކީލުން އަރަބި ބަހުން ވާހަކަ ދައްކަވާތީ އެކަން ވެސް މައްސަލައަކަށްވެ، ވަނީ މަނާކޮށްފައެވެ.

ކަރެކްޝަނުން މިކަންކަން މަނާ ކުރިއިރު، މީގެ ކުރިން މައުމޫން ދޫނިދޫގައި ހުންނެވިއިރު، ފުލުހުން ވަނީ އެ މަނިކުފާނަށް އެ ފުރުސަތު ދީފަ އެވެ. އާއިލާ ބޭފުޅުން ވެސް އެމަނިކުފާނަށް ޒިޔާރަތް ކުރެއްވި އެވެ.

ރައީސް މައުމޫންގެ އެހެން ގާނޫނީ ވަކީލެއް ކަމަށްވާ ހުސެއިން ޝަމީމް ވިދާޅުވީ، މައުމޫނާ ގުޅިގެން ކަރެކްޝަނުން މިއައި ކަންކަމަކީ ގަބޫލު ކުރެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކަރެކްޝަންގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ. ކުއްލި ހާލަތުގައި މައުލޫމާތު ދިނުމާއި ހޯދުމުގެ ހައްގުވެސް ވަނީ ހިފަހައްޓާފަ އެވެ.

ރައީސް މައުމޫނަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުއްވުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުން ހިމެނެ އެވެ. އެކަމާ ގުޅޭ ހެކިބަހާއި ހެލި ލިބިފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ތުހުމަތުތަކަށް ރައީސް މައުމޫން އިންކާރު ކުރައްވަ އެވެ. ރައީސް މައުމޫނަކީ ރާއްޖޭގެ ރައީސްކަން 30 އަހަރު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ދިވެހި ދައުލަތުގެ އެންމެ މަތީ ޝަރަފު އަރުވާފައިވާ ތިން ބޭފުޅުންގެ ތެރެއިން މިވަގުތު ދުނިޔޭގައި ހުންނެވި ހަމައެކަނި ދިވެހި ރައްޔިތަކީ ވެސް މައުމޫނެވެ. ދެން އެ ޝަރަފު އަރުވާފައި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް ނާސިރު ވަނީ އަބވަހާރަވެފަ އެވެ. އެ ޝަރަފު ދެން އަރުވާފައި ވަނީ އިނގިރޭސި ރާނީ އެލިޒެބަތު ދޭކަށެވެ.