ހައުސިން މިނިސްޓްރީ

ކޮލަމް ފޮޅުވަތް: ފްލެޓް ބޭއިންސާފަށް ވަރިހަމަތަ؟ ނޫން!

Feb 11, 2018
9

ބޮޑު ބަޔަކީ ކުލި ދައްކައިގެން މާލޭގައި ގަނަތެޅޭތާ އުމުރުން ވީހާ ދުވަހެއްވީ މީހުން އެވެ. އަޅުގަނޑު ވެސް އެހެން އެވެ. މި މަހުވެސް ފުރަތަމަ ކަމަކަށް އެކަން ނިންމާފައި އަދި މިއުޅެނީ އެހެން ކަމެއް ނުކުރެވި އެވެ. ކުލީގެ އަޅުންނަށް ވެގެން ތިބެން ޖެހިފައި މި އޮތް މަޖުބޫރީ ހާލަތު ނިމުމަކަށް ގެނެސްދޭނެ ކަމަށް ހުރިހާ ސިޔާސީ ލީޑަރުން ވެސް ވައުދުވި އެވެ. އެކަން ހައްލު ކޮށްދޭން މަސައްކަތް ކުރާ ކަމަށް ވެސް ދައްކަ އެވެ. އެކަމަކު މި ވޭނާއި ހިތްދަތި ކަމަށް ނިމުމެއް ނާދެ އެވެ. އަދި ބޯހިޔާވަހި ކަމަށް ސަލާން ޖެހުން ފިޔަވާ ނިމަކެތި ރައްޔިތުންނަށް ކުރެވޭނެ މާބޮޑު ކަމެއް ވެސް ނެތެވެ.

މި ހުރިހާ ކަމެއް މިހެން އޮއްވާ މިފަހުން ހުޅުމާލެއިން އާންމު ރައްޔިތުންނަށް ދިން 704 ފްލެޓް ސަރުކާރުން ބަހާލި ގޮތާ މެދު މި އޮތީ ހަގީގަތުގައި ވެސް ސުވާލު އުފައްދަން ޖެހޭ ހާލަތެކެވެ. މައްސަލަ ފެށުނީ ހައުސިން މިނިސްޓްރީ އިން ކަންކުރި ގޮތުންނެވެ.

މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ދޭން އިއުލާން ކުރި މި ފްލެޓްތައް ލިބުނު ފަރާތްތަކުގެ ނަން މިނިސްޓްރީ އިން ފޮރުވި އެވެ. ހަމައެކަނި އިއުލާން ކުރީ ފޯމް ނަމްބަރު ތަކެކެވެ. އަދި ފޯމް ނަމްބަރުތައް ބަލައިގެން ފްލެޓް ނުލިބުނުކަން ޔަގީންކޮށް އެތައްހާސް ބަޔަކު އެންމެ ފަހުން މިނިސްޓްރީއަށް ޝަކުވާތައް ބަންޑުން ކޮށްލި އެވެ. އެކަމަކު މިނިސްޓްރީއަށް "ޑަރު" ވެސް ހީނުވި އެވެ. ކުޑަމިނުން ފްލެޓް ލިބުނު މީހުންގެ ވަނަވަރާއި އެ މީހުންނަށް ލިބުނު ޕޮއިންޓްގެ އަދަދު ވެސް އިއުލާން ނުކުރި އެވެ.

އެކަމުގައި މިނިސްޓްރީގެ ބަހަނާއަކަށްވީ ފްލެޓް ލިބުނު މީހުންގެ ޕްރައިވެސީ ގެއްލިދާނެތީ އެވެ. އެއީ ހަމަ ބަހަނާ އެކެވެ. ފްލެޓެއް ލިބިގެން އެކަން ފޮރުވަން ބޭނުން ވާނީ ކާކު ހެއްޔެވެ؟ އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ ދާއިމީ ބޯހިޔާވަހި ކަމެއް ލިބުމުން އެއީ ބޮޑު ފަހުރެކެވެ. އެކަހަލަ ކަމެއް ފޮރުވަން އުޅޭނީ ކާކު ހެއްޔެވެ؟ އަދި އެ ފްލެޓްތައް ލިބޭ މީހުން ފްލެޓްގައި އުޅެން ފެށީމާ އެއީ ކޮން ބައެއްކަން އެންމެންނަށް ވެސް އެނގެ އެވެ. ވީމާ އެކަން ކުރި ގޮތުން ފްލެޓް ލިބުނު މީހުންގެ ނަންތައް ފޮރުވުމަކީ ސަރުކާރުން ކަމެއް ސިއްރު ކުރަން ދެއްކި ބަހަނާއަކަށް އެންމެ ފަހުންވީ އެވެ.

އެ ލިސްޓް މިނިސްޓްރީގެ ސިއްރެއްގެ ގޮތުގައި ބާއްވައިގެން އުޅެނިކޮށް ފްލެޓް ލިބުނު މީހުންގެ ލިސްޓް ކަމަށް ބުނާ ލިސްޓެއް އާންމުވެ މުޅި ސޯޝަލް މީޑިއާގައި ދައުރުވާން ފެށި އެވެ. އެއާއެކު ނުހަމަ ގޮތުގައި 200 އަށް ވުރެ ގިނަ މީހުންނަށް ފްލެޓް ދީފައި އޮތްކަމުގެ ތުހުމަތު ބޮޑުވީ އެވެ. އޭގެ ތެރޭގައި ތަނަވަސް އެތައް ބަޔަކާއި ސަރުކާރުގެ އިސްވެރިންގެ އާއިލާގެ ބޭފުޅުންނަށް މަދުން ޕޮއިންޓް ލިބުނު ނަމަވެސް ފްލެޓް ލިބިފައި އޮތްކަ ކަމަށް ތުހުމުތައް އައީ އެވެ. އެކަމަކު 100 އިން މަތިން ވެސް މާކްސް ލިބުނު މީހުންނަށް ފްލެޓް ނުލިބި ކެޓި އިރު، އެންމެ 50 ޕޮއިންޓާ ހަމައިން ވެސް ފްލެޓް "ދަމައިގަތް ނަސީބުވެރިން" ތިއްބެވެ. މިއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟

އޮސްޓްރޭލިޔާގައި މުޅި އުމުރު ވޭތުކުރި ބައެއް މީހުންނާއި މާލޭގައި ގެދޮރު ހުރި މީހުންނަށް ވެސް ފްލެޓް ލިބުނު ކަމަށް ވެއެވެ. މިއީ ކިހާ ބޮޑު ބޭއިންސާފެއް ހެއްޔެވެ؟ ފްލެޓް ލިބެން ޖެހޭ ނިކަމެތި އެތައް ރައްޔިތުންނެއް ބިކަކޮށް ޝަރުތު ހަމަ ނުވާ އެތައް ބަޔަކަށް ވަނީ ފްލެޓްތައް ބަހާލެވޭ ގޮތަކީ ކޮބައި ހެއްޔެވެ؟ މި ގޮތަކަށް ފްލެޓް ބެހުމަކީ ބޭއިންސާފަށް ނުވާނެ ހަމަ އެއްގޮތް ވެސް ނެތެވެ. އެކަން ވަންނާނީ ބޮޑު ކެކުރި ކުޑަކެކުރީގެ އިންސާފުގެ ތެރެއަށެވެ.

ހައުސިން މިނިސްޓްރީއަށް މިކަމުގައި އެދެވޭ ޖަވާބެއް އަދި ޖަސްޓިފިކޭޝަނެއް ވެސް ދެވިފައެއް ނެތެވެ. އެހެން އޮއްވާ ފްލެޓް ލިސްޓެއް މިނިސްޓްރީ ތެރެއިން ލީކްވި މައްސަލައިގެ ތަހުގީގެއް ވަނީ ފަށައިފަ އެވެ. މިނިސްޓްރީ އިން އެ ލިސްޓަކީ ހަދާފައިވާ ލިސްޓެއް ކަމަށް ބުނާއިރު ލިސްޓެއް ލީކްވި މައްސަލައިގެ އިދާރީ ތަހުގީގެއް ހިންގަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ. ހަދައިގެން އުޅޭ ލިސްޓެއް ގެންގުޅެފާނެ ނޫން ހެއްޔެވެ؟ އެހެން ނޫން ކަމަށް ވަންޏާ ފްލެޓް ދިނުމުގައި ނުހަމަ ކަންތައްގަނޑެއް ހިންގިކަމުގެ ކޮންމެވެސް ވަރެއްގެ ނިޝާންތަކެއް މި ފެންނަނީ އެވެ. ކަމެއް ނުހިނގާ ނަމަ މިނިސްޓްރީ އިން ހާސްވެ ތެޅިފޮޅެން ޖެހޭ ސަބަބެއް ވެސް ނެތެވެ.

ސަރުކާރެއްގެ ތެރޭގައި ނުކިއްސަރުކޮށް ކަމެއް ހިނގާފާނެ އެވެ. އެއީ ސަރުކާރެއްގެ ތޮބީއަތެވެ. ތިމަންނާމެންގެ ސަރުކާރެއްގައި އެފަދަ ކަމެއް ނުހިނގާނެއޭ ބުނެވޭނެ އެއްވެސް ސަރުކާރެއް ވެސް ޕާޓީއެއް ވެސް ނޯންނާނެ އެވެ. ވެރިއެއް ވެސް ނުހުންނާނެ އެވެ. އެހެން ނަމަވެސް، ގިނަ އިނގިލި ދާނީ އެއިރެއްގައި އޮންނަ ސަރުކާރަކާ ދިމާއަށެވެ. އެތައް ރައްޔިތުންނަށް އާދޭސް ކޮށްކޮށް ތިއްބައި އެ ހުރިހާ އާދޭހަކަށް ބީރު ކަންފަތެއް ދީ ފްލެޓްތައް ބެހުމަކީ ނިކަމެތި ރައްޔިތުންގެ މޫނު މަތީގައި ޖަހާ ތަފާލެވެ. މިހާރުގެ ޝަކުވާތައް މިއޮތީ މި ސަރުކާރާ ދިމާއަށެވެ.

މިއީ ރަތްދެކަ އަވީގައި ދިގު ކިޔޫތަކުގައި ޖެހިގެން ފްލެޓް ހޯދަން ފޯމު ލީމައި ދޭ ހަދިޔާއެއް ހެއްޔެވެ؟ އެގޮތަށް ކަން ކުރުމަކީ އެތައް ރައްޔިތުންނެއްގެ ހައްގަށް އެރުމޭ ބުނީމާ އެކަން ވާނީ އަޅުގަނޑު ކުރާ ކުށަކަށް ހެއްޔެވެ؟ ރައްޔިތުންގެ އިހުސާސްތަކާ ގުޅުން ހުރި މިވަރުގެ ބޮޑު ކަމެއްގައި އިންސާފެއް ނެތް ނަމަ، ރައްޔިތުންގެ މެދުގައި އިންސާފެއް ގާއިމްކޮށްދޭނެ ގޮތެއް ވިސްނާ ވިސްނާ ވެސް އަޅުގަނޑަކަށް ނޭނގުނެވެ. މިހެން ބުނީމާވެސް ވާނީ އަޅުގަނޑު ކުރާ ކުށަކަށް ހެއްޔެވެ؟

ރީތިކޮށް ހަ ފަރާތް ފެންނަ ގޮތަށް ކުރެވެން އޮތް ކަމެއް ސިއްރުކޮށް، ރައްޔިތުންތަކެއް ހައްގުތަކުން މަހުރޫމް ކޮށްލުމަށް ސަރުކާރުގެ އިދާރާއަކަށް އޮތީ ކޮން ލައިސަންސެއް ހެއްޔެވެ؟

ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ފިތި ބާރުވެގެން ދިރިއުޅެން ޖެހިފައި އެބަ ތިއްބެވެ. އަލަތު ކައިވެނިކޮށްގެން އެކުގައި ރޭކުރާނެ ތަނެއް ނުލިބި، ގަނައެއް ތެޅެން ޖެހިފައިވާ ކިތަންމެ ބަޔަކު އެބަ ތިއްބެވެ؟ މި ހުރިހާ އުފާތަކަކުން މަހުރޫމް ވެގެން ވެރިރަށް މާލޭގައި ގަނަ ތެޅެނީ މަޖުބޫރުވެފައި އޮތީމަ އެވެ. ރަށުން މާލެ އައިސް މިތިބީއަކީ ރަށުގައި އޮރެންޖާ އާފަލާ ނުހެދޭތީ ކަންބޮޑުވެ ހިތް މޮޅުވެ، ރަށާ ނާރައިގެނެއް ނޫނެވެ. އަދި މި ރަށުގައި އުޅެން ހިތަށް ފަސޭހަވެގެނެއް ވެސް ނޫނެވެ. ހުރިހާ ގޮތަކުން މަޖުބޫރެއް އޮވެގެނެވެ.

އެކަމަކު ކޮންމެ ސަރުކާރެއްގައި ވެސް ބޯހިޔާވަހިކަން ދޭނެ ކަމަށް ބުނެ ހަނދަނީ ހުސް ދޮގެވެ. މިވާހަކަވެސް ވާނީ އަޅުގަނޑު ކުރާ ކުށަކަށް ހެއްޔެވެ؟ ފްލެޓް އެޅިއަސް އެ ބަހާލަނީ ކެމްޕޭން ކޮށްދޭން މަގުމައްޗަށް ނުކުންނަ އެކްޓިވިސްޓުންނަށާއި ނުފޫޒު ގަދަ ފަރާތްތަށް ބޭނުންވާ ބަޔަކަށެވެ. މިވާހަކަ ބުނުން ވެސް އެއީ އަޅުގަނޑު ކުރާ ކުށެއް ހެއްޔެވެ؟ ގެދޮރުވެރިކަމަށް ސަލާން ޖެހުމުން މިންޖުކޮށްދޭނެ ކަމަށް ބުނެ ކޮންމެ ސިޔާސީ ލީޑަރަކު ވެސް ހަދަނީ ދޮގެވެ. އިހަށް ވެސް ހެދީ ދޮގެވެ. މިހާރުވެސް ހަދަނީ ދޮގެވެ. މި ވާހަކަ ލިޔެގެން އަޅުގަނޑަށް ލިބޭ ފްލެޓަކަށް ވާނީ ޖަލު ގޮޅިއަށް ވިޔަސް ވަރިހަމަ އެވެ. މިތާވެސް ތެޅެނީ ގަނަ އެވެ. އެތާނގައި ވެސް އެގޮތް އޮންނާނެ ނޫން ހެއްޔެވެ؟ އެތާނގައި ކުލި ނުދައްކައިގެން ފަހާ ދުވާނެ ބަޔަކު ގައިމަށް ނުތިބޭ ކަމަށް ގޮޅިއަށްލީ މީހުން ބުނެ އެވެ.