ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ބައްދަލު ކުރުމުގެ ފުރުސަތު ވަކީލުންނަށް އެބައޮތް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ. ކަރެކްޝަން އިން މިހެން ބުނީ ރައީސް މައުމޫން ދޫނިދޫ އިން މާފުށީ ޖަލަށް ބަދަލުވި ފަހުން އެމަނިކުފާނަށް ވީގޮތެއް ނޭނގޭ ކަމަށާއި ބައްދަލު ކުރަން ފުރުސަތު ނުދޭ ކަމަށް ވަކީލުން ބުނުމާ ގުޅިގެނެވެ.
އެކަމާ ގުޅިގެން ކަރެކްޝަނުން ބުނީ ރައީސް މައުމޫންއަށް އެމަނިކުފާނުގެ ވަކީލުންނާ ފޯނުން ގުޅޭނެ ކަމަށާއި ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. ނަމަވެސް އާއިލާއާ ބައްދަލު ކުރުމުގެ ފުރުސަތު ލިބޭނީ މާފުށީ ޖަލުގެ މިހާރުގެ ސެކިއުރިޓީ ހާލަތު އެކަށީގެންވާ ވަރަށް ދަށް ކުރުމަށް ފަހުގައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މައުމޫންގެ ހާލުކޮޅާ މެދު ވެސް ވަކީލުންނާއި އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެމަނިކުފާނު މާފުށީ ޖަލަށް ގެންދިޔަ އިރު ހުރީ ހުން އައިސްފައި ކަމަށް ވަކީލުން ބުނެ އެވެ. ނަމަވެސް ކަރެކްޝަން އިން މިއަދު ބުނީ ރައީސް މައުމޫންގެ ހަލު ރަނގަޅު ކަމަށެވެ.
ރައިސް މައުމޫންއަށް ކުރާ ތުހުމަތުަތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދިނުން އަދި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުން ހިމެނެ އެވެ. ނަމަވެސް އެމަނިކުފާނުގެ ވަކީލުން ވަނީ އެ ހުރިހާ ތުހުމަތުތަކަކަށް ރައީސް މައުމޫން އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.