ފިނިޕޭޖް

އެންމެންގެ ނަޒަރު މި ކުއްޖާގެ ކަތި ނަޒަރަށް!

ހެނދުނު ހޭލައިގެން ފޭސުބްކަށް ވަދެ ބަލާއިރު މުޅި ނިއުސްފީޑުގައިހެން އޮންނަނީ މި އަންހެން ކުއްޖާގެ ފޮޓޯ އާއި މި އަންހެން ކުއްޖާއާއެކު ފިރިހެން ކުއްޖެއް ފެންނަ ވީޑިއޯ އެކެވެ.

މި ވީޑިއޯގައި ފެންނަނީ ފިރިހެން ކުއްޖާ، މި އަންހެން ކުއްޖާއާ ދިމާއަށް ބަލާމުމަށްފަހު އެއް ބުމަ އަރުވާލާ މަންޒަރެވެ. ދެން ފެންނަނީ މި އަންހެން ކުއްޖާ، ފިރިހެން ކުއްޖާއާ ދިމާލަށް އޭނާގެ ދެ ބުމަ އަރުވާލާ ތަނެވެ. ފިރިހެން ކުއްޖާވެސް އަނެއްކާ ދެ ބުމަ އަރުވާލަ އެވެ. ރައްދުގައި މި އަންހެން ކުއްޖާ މަރާލަނީ އެއް ލޮލެވެ. އެހިސާބުން ފިރިހެން ކުއްޖާ ލަދުން ރަކިވެއްޖެ އެވެ.

އެންމެ ފުރަތަމަ ހީކުރެވުނީ މީ ހަމަ ފޭސްބުކްގައި ދައުރުވަމުންދާ އާދައިގެ ވީޑިއޯ ކްލިޕެއް ކަމަށެވެ.

ފޭސްބުކް އިން ނުކުމެ ޓުވީޓާ ބަލާލިއިރު ޓްވިޓާ ފީޑުގައި ވެސް މި އަންހެން ކުއްޖާގެ އެ ފޮޓޯ އާއި ވީޑިއޯތައް އެބަ ދައުރުވެ އެވެ. "ދަ ނިއު އިންޓަނެޓް ސެންސޭޝަން" އާއި "ދަ ނިއު ވޯލްޑްވައިޑް ކްރަޝް" ލިޔެ މީހުން މި އަންހެން ކުއްޖާގެ ފޮޓޯތައް ޕޯސްޓުކޮށްފައި އެބަހުއްޓެވެ. މީ ކާކުތޯ ބަލަން ބޭނުންވާ ހިސާބަކީ މިއީ އެވެ.

މި ވީޑިއޯއަކީ އަންނަ މާޗު މަހު ރިލީޒްކުރާ "އޯރޫ އަދާރް ލަވް" ކިޔާ މެލެޔާލަމް ފިލްމެއްގެ ލަވައެކެވެ. ޕްރިޔާ ޕްރަކާޝް ވާރިއާ ކިޔާ މި އަންހެން ކުއްޖާއަކީ މެލެޔާލަމް ފިލްމު އެކްޓާ އެކެވެ. މިއީ އޭނާގެ ފުރަތަމަ ފިލްމުވެސް މެއެވެ. މި ފިލްމަކީ ހައި ސުކޫލް ލަވް ސްޓޯރީއަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެެ.

ޕްރިޔާގެ މޫނަށް ގެންނަ ކުލަވަރުތަކާއި އޭނާގެ ހިނިތުންވުން އެތައް ބައެއް ޖާދޫގަ ޖައްސައިިފި އެވެ. މި ލަވަ ޔޫޓިއުބަށް ލުމާއެކު 20 ގަޑިއިރު ތެރޭގައި ވަނީ އެއް މިލިއަން ވިއުސް ހޯދާފަ އެވެ.