ރިޕޯޓް

"ބަޣާވާތް" އޮތް ކަޅުފޮށި، އެތައް ސުވާލެއް

މިހާރު އެންމެ އަޑުގަދަ ވާހަކައަކީ ކަޅު ފޮއްޓެއްގެ ވާހަކައެކެވެ. ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ، "އިއްޒަތްތެރި ބަޣާވާތްފުޅު" ރޭވިގެން ދިޔަކަމުގެ އެންމެ ވަރުގަދަ ހެކި ހުރީ މިބުނާ ކަޅު ފޮއްޓެއްގަ އެވެ. އެހެންކަމަށްވާއިރު، މިހާ ވަރުގަދަ ކަޅު ފޮއްޓެއްގެ ވާހަކަ ފެށިގެން އައި ހިސާބު ބަލައިލަން ހިނގާށެވެ؟

މި ފޮށީގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ ފުލުހުނެއް ނޫނެވެ. ރައީސް ޔާމީނެވެ. މިކަންތަކުގައި ފޮއްޓެއް ޝާމިލުވާކަން އެންމެ ފުރަތަމަ ހާމަކުރެއްވީ އެމަނިކުފާނެވެ. ފޮށި ފަހާ، ފުލުހުން "ދުވިކަން" ވެސް ހާމަކުރެއްވީ ރައީސް ޔާމީނެވެ. ރައީސް ޔާމީން ޕީޕީއެމްގެ ރުމާލު ޖަގަހައިގައި ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ފޮށީގައި ހުރީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންއާ ގުޅޭ ކޮރަޕްޝަންގެ ހެކިތަކެވެ.

"ބޮޑެތި މައްސަލަތަކުގެ ހެކި ކިހާ ވަރަކަަށް މިދިޔަ ދުވަސްތަކުގަ ގެއްލިގެން ދިޔައީ، އެއީ ފާރިސް މައުމޫންގެ މައްޗަށް ކޮށްފަ އޮތް ކޮރަޕްޝަނުގެ ހެކި، ނަދީމް އެ ފޮށި ހަވާލުކުރީ، އޭނަ ދޫކޮށްލާށޭ ބުނީމަ ހެއްކާއެކު އެކަން އެ ދިޔައީ، ކޮންފަދަ ބޮޑު ބޭއިންސާފެއްތޯ މިކުރީ، ކޮންފަދަ ބޮޑު އަނިޔާއެއްތޯ، ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރުންނަކަށް ފައިސާ ބެހި ކަމުގެ ލިޔުންތައް ކަންނޭނގެ އޭގަ ހުރީ، އަޅުގަނޑަކަށް ނޭނގޭ އޭގަ ހުރީ ފައިސާ ކަމެއް، ގައިމު ކަމެއްވެ ދެއްތޯ އެކަކު އަތުން އަނެއްކަކު އަތުން ފުލުހުން ޓެއިލްކޮށްގެން ދުއްވިއިރު ވެސް އެ ލިބޭވަރު ނުވީ، އެހެންވެގެން އެންމެ ފަހުން ގޮސް ކޯޓު އަމުރަކުން ނަދީމް ނެގީ، އެ ކާރު ދުއްވި މީހާ އާއި ދެން ކާރު ބަދަލުކޮށްފަ ދުއްވި މީހާ އާއި ދެން ކާރަށް އެރި އަންހެނާ ތިބީ ނަގާފައި،" ރައީސް ވިދާޅުވެފައިވެ އެވެ.

އެ ވާހަކަފުޅު ރައީސް ދެއްކެވީ، ފެބުރުއަރީ މަހުގެ ހަވަނަ ދުވަހު އެވެ. އޭގެ އަނެއް ދުވަހު ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ސަރުކާރު ވައްޓާލަން ރިޝްވަތު ދިން ކަމުގެ ތުހުމަތު ރައީސް މައުމޫން ހިމެނޭ ގޮތަށް ގިނަ ބޭފުޅުންނަށް ކުރި އެވެ. އަދި އެކަމާ ގުޅުންހުރި ތަންތަނަށް އެ ވަގުތު ވެސް ފުލުހުން ވަދެ، ބަލައި ފާސްކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޔަގީން ކުރެވިފައިވާ ގޮތުގައި އެ ވަގުތު ފުލުހުން ވަދެ އުޅުނީ ރައީސް މައުމޫންގެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ ނަޖުމާ އިބްރާހިމްގެ ގެއަށެވެ. އޭގެ ކުރިން ވެސް ނަޖުމާގެ ގެ ބަލާ ފާސްކުރި އެވެ. އޭރު ފުލުހުން ގެންދިޔައީ ބުރުގަލަކާއި އޭނާގެ ފޯނެވެ. ކަޅު ފޮއްޓެއް އެ ދުވަހު ނުގެންދެ އެވެ.

ނަޖުމާގެ ގެ ބަލާ ފާސްކުރިއިރު، އެ ގޭގައި ހުރި މީހަކު ކިޔައިދިން ގޮތުގައި، އެ ދުވަހު ވެސް އެ ކަޅު ފޮށި އެ ގޭގައި ހުއްޓެވެ. ނަމަވެސް އެ ފޮއްޓަކީ އަންނައުނު އަޅާފައި ހުރި ފޮއްޓެއް ކަމުން ފުލުހުން އެ ދުވަހު އެ ފޮށި ނުގެންދެ އެވެ. ރައީސް ފޮށީގެ ވާހަކަފުޅު ދައްކަވައި ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް ނަޖުމާގެ ގެއަށް ވަނީ ސީދާ އެ ފޮށި ނަގަން ކަމަށް އޭނާ ބުންޏެވެ.

އެ ދުވަހު ނަޖުމާގެ ގެ ބަލާ ފާސްކުރަން ފުލުހުން އައިއިރު، ނަޖުމާ ބަލާ ފާސްކުރި ފްލޯގައި ނެތް ކަމަށާއި އޭނާ ފްލޯއަށް ދިޔައިރު ފުލުހުން ތިބީ އެ ފޮށި ހުޅުވައިގެން ކަމަށް އޭނާ ތުހުމަތުކުރި އެވެ. ފޮށި ގެންދިޔައީ އޭގެ ފަހުންނެވެ.

ފޮށީގެ މައްސަލަ ބޮޑުވެގެން ރައީސް މައުމޫންގެ ގާނޫނީ ވަކީލް، ކުރީގެ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމް ވެސް އެ ވާހަކަ ވަނީ ދައްކަވާފަ އެވެ. އެ ފޮށި ފުލުހުންނަށް ފެނުމުގެ ކުރިން ފޮއްޓެއް ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިކަން އޭނާ ފާހަގަކުރެއްވި އެވެ.

"ފޮށި ފެނުމާ ގުޅޭ ގޮތުން ވެސް އިލްހާމެއްބާ މިވީ؟، އެ ފޮށީގަ ހެކި ހުންނާނެ ކަމާއި ފޮށި ފެންނާނެކަން އެމަނިކުފާނު މާކުރިން ވިދާޅުވި، އެހެންވީމަ އެއީ ކިހިނެއް ހިނގާފައިވާ ކަމެއްކަމާމެދު އަޅުގަނޑުމެންނަށް ސުވާލު އުފެދޭ، ފުލުހުންގެ ކަންކަން ހުންނަ ގޮތުން އެބަ ދިމާވޭ ފޮށި ފޮއްޓަށް އެއްޗެހި ލުމުގެ ކަންކަން، އަދި ހާއްސަކޮށް ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އިއްތިފާގުން މިކަން މި ދިމާވަނީ ވެސް، އެހެންވީމަ މި ފޮށީގެ ކަންތަކަކީ ކަނޑައެޅިގެން ދޮގެއް، ފޮށި މި ފެނުނީ މާފަހުން، އަދި އެ ފޮއްޓަކު ހެކި ހުރި ކަމަށް އެ ފޮށި ބަލާ ފާސްކޮށްފަ ދިން ލިޔުމަކު ވެސް ނެތް، ފޮއްޓެއް ނުފެންނަ ކަމަށް ފުރަތަމަ ލިޔުން ވެސް ދެއްވީ، އެ ފޮށިން ހެއްކެއް ފެނުނިއްޔާ އެއީ ފުލުހުން ލާފައިވާ އެއްޗަކަށް ވާނީ، އެއީ ލިޔުންތަކުން އެނގޭކަށް ނެތް އެ ފޮށިން އެއްވެސް އެއްޗެއް ފެނުނު ކަމެއް،" ޝަމީމް ވިދާޅުވެފައިވެ އެވެ.

ވަކީލް މައުމޫން ހަމީދު ވެސް އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ. މައުމޫން ހަމީދު ވިދާޅުވީ، މީގެ ކުރިން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ކަޅު ދަބަހެއް ވެސް ފެނުނު ކަމަށެވެ. އަދި އެ ދަބަސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން، ދަބަހުން ބޮމެއް ފެނުނުކަން ފުލުހުން ހާމަ ވެސް ކުރި ކަމަށެވެ. އެ ބޮން އެ ދަބަހުން ފެނުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުންކަން ފަހުން އެނގިގެން ދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ. މިހާރު ފެނިގެން އުޅޭ ކަޅު ފޮށި ވެސް މައުމޫން ހަމީދު ފާހަގަކުރެއްވީ އެކަހަލަ ކަމެއްގެ ގޮތުގަ އެވެ.

މި މަހުގެ 11 ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަޅު ފޮށީގެ ވާހަކަ ހާމަކޮށް ފުލުހުން ބުނީ، ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެއިން ސިއްރު ގޮތެއްގައި ނެރެގެން ގެންދިޔަ ކަޅު ކުލައިގެ ފޮއްޓަކުން މައްސަލައިގެ ތަހުގީގަށް ބޭނުންވާ ހެކި ލިބިފައިވާ ކަމަށެވެ. އެ ފޮށީގެ ތެރެއިން ކަނޑައެޅިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ފާރިސް މައުމޫން މަސައްކަތް ކުރެއްވި ކަމުގެ ޑޮކިއުމެންޓް އެވިޑެންސް ލިބިފައިވާ ކަމަށެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، މައުމޫންގެ ސެކްރެޓަރީއެއް ކަމަށްވާ، ނަޖުމާ އިބްރާހިމްގެ ގެއިން ފެނުނު ކަޅު ފޮށިން ފެނުނު ލިޔުމަކުން މައުމޫން ވިދާޅުވެގެން ފާރިސް މައުމޫން ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރަކާ ބައްދަލުކުރިކަމާއި މައްސަލަތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަން އެނގިފައިވާ ކަމަށެވެ.

ކަޅު ފޮށީގެ މުހިންމު ކަމުގެ ވާހަކަ ޕީޕީއެމްއިން ވެސް ވަނީ ދައްކާފަ އެވެ. އެ ޕާޓީގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށް ގެންނަން އުޅުނު "ބަޣާވާތު"ގައި އެންމެ މުހިންމު އެއްޗަކަށްވީ ކަޅު ފޮށި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ބަޣާވާތުގެ ކަޅު ފޮށި "ދަމައި ނެރުނީ" އެންދެރިމާގެ ތެރެއިން ކަމަށާއި ބަޣާވާތުގެ ގިނަ މައުލޫމާތު އެ ފޮށީގައި ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ފްލައިޓެއް ވެއްޓުމުން އޭގެ ސަބަބު ހޯދަން ވެސް ހޯދަނީ ކަޅު ފޮށިކަން އޭނާ ފާހަގަ ކުރެއްވި އެވެ.