ވިޔަފާރި

މެދުއިރުމަތީގައި ރާއްޖޭގެ އިޝްތިހާރު ކުރަން މަޓާޓޯ

މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގައި ރާއްޖޭގެ އިޝްތިހާރު ކުރުމުގެ ގޮތުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޑްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ރޯޑްޝޯ ތަކެއް ފަށައިފި އެވެ.

މަޓާޓޯ އިން ބުނި ގޮތުގައި މެދުއިރުމަތީގައި ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން، ދުބާއީ އާއި ކުވެއިތު އަދި ދޯހާގައި ރޯޑްޝޯތަކެއް ފަށާފައިވާ ކަމަށެވެ. މި ރޯޑްޝޯތަކުގައި ރާއްޖޭގެ 12 ކުންފުންޏަކުން ބައިވެރިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެ އެވެ.

މުއްސަނދިން ގިނަ މެދުއިރުމައްޗަކީ ގައުމުން ބޭރަށް ދަތުރުކުރާ ގިނަ އަދަދެއްގެ ބަޔަކު ހިމެނޭ ސަރަހައްދެކެވެ. މިގޮތުން މެދުއިރުމަތީން ގިނަ ބަޔަކު ރާއްޖެއަށް ވެސް އާދެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ސަރަހައްދުން ރާއްޖެއަށް 49,193 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. ނަމަވެސް މި އަދަދަކީ 2016 ވަނަ އަހަރު އައި 51,330 މީހުންނާ އަޅާބަލާއިރު 4.2 ޕަސެންޓް ދަށް އަދަދެކެވެ.

މަޓާޓޯ އިން ވަނީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގައި ގިނަ ހަރަކާތްތަކެއް މި އަހަރު ހިންގަން ނިންމާފަ އެވެ. މުޅި އަހަރަށް ބަހާލައިގެން ކޮންމެ މަހަކު ވެސް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި އަހަރު ވެސް 15 ފެއާއެއްގައި މަޓާޓޯ އިން ބައިވެރިވާނެ އެވެ.

ރާއްޖެ އިޝްތިހާރު ކުރުމަށް އަމިއްލަ ޖަމިއްޔާތަކާއި އިންޑަސްޓްރީ އަދި ސަރުކާރު ގުޅިގެން ކުރަމުންދާ މަސައްކަތްތަކުން، މިދިޔަ އަހަރު 1.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ. އަދި މިދިޔަ ޑިސެމްބަރު މަހު އެކަނި ވެސް 143,041 މީހުން ޒިޔާރަތް ކުރި އެވެ. މިއީ ރާއްޖެއަށް އެއް މަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން ޒިޔާރަތް ކުރި މަހެވެ.