ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރުގެ އަމިއްލަ ފިލްމު ކުންފުނި ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ ފިލްމު "ކަޕޫރު އެންޑް ސަންސް" ގެ ޝޫޓިން އިއްޔެ ފަށައިފި އެވެ.
ފިލްމުގެ ޝޫޓިން ފެށިކަން އިއުލާންކޮށްފައި ވަނީ ކަރަން ޖޯހަރު ކޮށްފައިވާ ޓުވީޓެއްގަ އެވެ. އޭނާ ބުނެފައި ވަނީ މިފިލްމުގެ ޝޫޓިން އިއްޔެ ފަށާފައިވާ ކަމަށެވެ. އަދި ފިލްމުގެ ތަރިންނާއި ކްރޫއަށް ކާމިޔާބަށް އެދޭ ކަމަށް ބުނެފައިވެ އެވެ.
މިފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ހަގީގީ ލޯބިވެރިން ކަމަށް ބުނެވޭ ސިދާރްތު މަލްހޯތުރާ އާއި އާލިއާ ބަޓްގެ އަދި ޕާކިސްތާނުގެ އެކްޓަރު ފަވަދް ޚާން އެވެ. މިތަރިންތަކުގެ އިތުރުން މަޝްހޫރު އެކްޓަރު ރިޝީ ކަޕޫރު ވެސް މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ.
ފިލްމުގެ ޑައިރެކްޓަރަކީ 2012 ވަނަ އަހަރު ނިކުތް ފިލްމު "އޭކް މައި އައުރް އޭކް ތޫ"ގެ ޑައިރެކްޓަރު ޝަކުން ބަޓްރާ އެވެ. އެ ފިލްމަކީ ވެސް ދަރްމާ ޕްރޮޑަކްޝަން އިން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. އަދި ސިދާރްތު އާއި އާލިއާގެ ޑެބިއު ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ" ޑައިރެކްޓްކޮށް ޕްރޮޑިއުސްކޮށްފައިވަނީ ވެސް ކަރަން އެވެ.
އިއްޔެ ޝޫޓިން ފެށުމާއި އެކު އުފަލުން ހުރި ސިދާރްތު ވެސް ވަނީ މިފިލްމުގެ ޝޫޓިން ފެށި ވާހަކަ ޓުވީޓާގައި ހިއްސާކޮށްފަ އެވެ.
މިގެ ކުރިން ކަރަން ވަނީ މިފިލްމަކީ ތިނެސްކަން ލޯބީގެ ފިލްމެއް ކަމަށްބުނެފަ އެވެ. އަދި މިފިލްމުގައި މިޒަމާނުގެ އާއިލީ ދިރިއުޅުން ފެނިގެންދާނެކަމަށް ވެސް ބުންޏެވެ.
ކަރަންގެ ހޯމް ޕްރޮޑަކްޝަނުން އުފައްދާ ގިނަ ފިލްމުތަކެއް ކުރިއަށް ހުރިއިރު، ބެލުންތެރިންނާއި ހަމައަށް އެންމެ އަވަހަށް އަންނާނީ އަކްޝޭ ކުމާރު، ސިދާރްތު މަލްހޯތުރާ އަދި ޖެކުއަލީން ފާނެންޑޭޒްގެ "ބްރަދާސް" އެވެ.
ޑައިރެކްޓަރު ކަރަން ޖޯހަރު އެކްޓަރެއްގެ ގޮތުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ބޮމްބޭ ވެލްވެޓް" މިމަހުގެ 15ވަނަ ދުވަހު ރިލީޒްކުރާނެ އެވެ.