އަހުމަދު ރިލްވާން

ރިލްވާންއާ އެންމެ ފަހުން ދިމާވި މީހާގެ ވާހަކަ: އާދާޔާހިލާފު ކަމެއް ފާހަގަވި

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲއާ އެންމެފަހުން ބައްދަލުވެ ވާހަކަ ދެއްކެވުނު ކަމަށް ބެލެވޭ މީހާ މިއަދު ޝަރީއަތުގައި ހެކި ބަސް ދީފި އެވެ. އެމީހާއަކީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ އަށްވަނަ ދުވަހު ރިލްވާންއާއެކީ މާލެއިން ހުޅުމާލެއަށް ފެރީގައި ދިޔަ މީހާ އެވެ. އޭނާ އެ ދަތުރުގައި އިނީ ރިލްވާންއާ ޖެހިގެންނެވެ. އެ ދަތުރުމަތީގައި ދެ މީހުން އެކަކު އަނެއްކަކާ ވާހަކަ ވެސް ދެއްކި އެވެ.

މިއަދު އެމީހާ ހެކި ބަސް ދީފައިވަނީ ކާކުކަން ނޭނގޭ ގޮތަށް ސިއްރުންނެވެ. ހެކި ބަސް ދެމުން އޭނާ ބުނީ، ރިލްވާންއަކީ އޭނާ ދަންނަ ރައްޓެއްސެއް ކަމަށެވެ. އޭރު އެ ރަހުމަތްތެރި ކަމަށް ތިން ވަރަކަށް އަހަރުވެދާނެ ކަމަށެވެ. ހުޅުމާލެއަށް ފެރީގައި ދާއިރު، އާންމުކޮށް ރިލްވާންއާ ބައްދަލުވާ ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތުން އާދައިގެ މަތިން އެ ރޭ ވެސް ފެރީން ރިލްވާންއާ ބައްދަލުވި ކަމަށެވެ.

އޭނާ ބުނި ގޮތުގައި، އެ ރޭ ރިލްވާން އިނީ އޭނާގެ ވާތް ފަރާތުގަ އެވެ. ދަތުރު މަތީގައި ދެ މީހުންގެ ދެމެދު ވާހަކަތަކެއް ދެކެވުނު ނަމަވެސް އެ ވާހަކަތައް މިހާރު ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ. ހަނދާން ހުރީ އެންމެ ކަމެކެވެ. އޭނާ ރިލްވާންގެ ފަރާތުން އާންމުކޮށް ފެންނަ ކަމެއް ނޫންވީމަ އެކަން ހަނދާން ހުރީ ކަމަށް ބުންޏެވެ.

"އަހަރެންނާ ވާހަކަ ދައްކަން އިނދެފައި، އެއް ފަރާތަކަށް އެނބުރި ފޯނާ ބެހުނީ، ފޯނުން ކޮންމެ ވެސް ކަމެއް ކުރީ، އެއީ އޭނާ ކުރާ ކަމެއް ނޫން، ވަރަށް ގިނައިން ރިލްވާންއާއެކު ދަތުރުކުރަން،" ހެކިވެރިޔާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ، ހުޅުމާލެއަށް އާދެވުމުން ފެރީން ފޭބުމަށް ދެ މީހުން އެއްކޮށް ތެދުވި ހަނދާން އެބަހުރި ކަމަށާއި ނަމަވެސް އޭގެފަހުން ރިލްވާންއަށް ވީގޮތް ނޭނގޭ ކަމަށެވެ. ރިލްވާން ފެރީއިން ފޭބިކަން ޔަގީންތޯ ތަކުރާރުކޮށް ހެކިވެރިޔާއާ ސުވާލުުކުރުމުން އޭނާ ބުނީ، ރިލްވާން ފެރީން ފޭބިކަން އޭނާއަށް ޔަގީންކޮށް ނުދެވޭނެ ކަމަށެވެ. އޭނާ ފެރީން ފައިބައިގެން ދިޔައީ ރިލްވާން ކޮބައިތޯ ބެލުމަށްފަހު ނޫން ކަމަށް އޭނާ ބުންޏެވެ.. އެހެން ނަމަވެސް ފެރީން ފޭބުމަށް ރިލްވާން ކޮޅަށް ތެދުވިކަން ޔަގީން ކަމަށް އޭނާ ބުންޏެވެ.

ރިލްވާންއާ ފެރީން ދިމާވި މީހާގެ އިތުރުން ރިލްވާން ދިރިއުޅޭ ފްލެޓް ކައިރި އެހެން ފްލެޓްތަކެއްގައި ދިރިއުޅޭ ތިން މީހަކު ވެސް މިއަދު ހެކި ބަސް ދިނެވެ. އެއީ ދެ އަންހެނުންނާއި ފިރިހެނެކެވެ.

އެގޮތުން، ސިއްރު ހެކި ބަސް ދިން ފުރަތަމަ މީހާ ބުނީ، އެ ރޭ 2:00 އެހާއިރު އާދާޔާ ހިލާފު އަޑެއް އިވިގެން ބެލްކަނިން ބޭރު ބަލައިލިއިރު ގަދަކަމުން މީހަކު ރަތް ކުލައިގެ ކާރަކަށް އަރުވާތަން ފެނުނު ކަމަށެވެ. އަދި އެ ކާރު ވަރަށް ބާރަށް ދުއްވާފައި ދިޔަ ކަމަށާއި ކާރު ދުއްވާފައި ދިޔައިރު، ދޮރު ވެސް ހުޅުވިފައިހުރި ކަމަށެވެ. ނަމަވެސް ގަދަކަކުން ކާރަށް އެރުވީ ކާކު ކަމެއް އަދި ދެން އެތަނުގަ ތިބި ބަޔެއް އޭނާއަށް ސާފެއް ނުވެ އެވެ. ކާރުގެ ރެޖިސްޓާ ނަންބަރަކަށް ވެސް އޭނާއަކަށް ސަމާލު ކަމެއް ނުދެވެ އެވެ. އޭނާ ބުނީ، ރިލްވާންއަކީ ދަންނަ މީހެއް ކަމަށާއި އޭނާގެ ފްލެޓް ބެލްކަނީ ސިނގިރޭޓް ބޯން ހުންނަތަން އާންމުކޮށް ފެންނަ ކަމަށެވެ.

ދެން ހެކި ބަސް ދިން އަންހެން މީހާ ވެސް ދެއްކީ ގާތްގަނޑަކަށް އެއް ވާހަކައެކެވެ. ބާރަށް މީހަކު ހަޅޭލަވާގަތް އަޑަށް އޭނާ ވެސް ނުކުތީ ބެލްކަންޏަށެވެ. އޭރު މީހަކު ފަހަތުގައި ހުރެގެން ގަދަކަމުން މީހަކު ރަތް ކުލައިގެ ކާރަކަށް އަރުވާ ކަމަށް އޭނާ ބުންޏެވެ. ކާރަށް އެމީހާ އެރުވީ ކޮއްޕާފައި ކަމަށާއި ދެން ހުރި މީހާ ވެސް ކާރަށް އަރައިގެން ބާރަށް ކާރު ދުއްވާފައި ދިޔައީ ކަމަށެވެ. އޭރު ކާރުގެ އެއް ދޮރު ވެސް ހުޅުވިފައިވާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭނާއަށް ވެސް އެއީ ކޮން ބައެއް ކަމެއް ސާފުވާ ވަރެއް ނުވެ އެވެ. އެއަށްވުރެ އެ ސަރަހައްދު އަނދިރި ކަމަށް އޭނާ ބުންޏެވެ.

އާދާޔާ ހިލާފު ކަމަކަށްވުމުން ފިރިމީހާއަށް ގޮވި ކަމަށާއި ފިރިމީހާ ފުލުހަށް ވެސް ގުޅި ކަމަށް އޭނާ ބުންޏެވެ. ކަން ހިނގިތާ 20 މިނެޓް ފަހުން ފުލުހުން އެ ސަރަހައްދަށް އައި ކަމަށް ބުންޏެވެ. އޭރު އެކަން ހިނގި ސަރަހައްދުގެ ޕޭވްމަންޓް ކައިރީގައި ވަޅިއެއް ވެއްޓިފައި އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

ދެން ހެކި ބަސް ދިނީ އޭނާގެ ފިރިމީހާ އެވެ. ސިއްރުން ހެކި ބަސް ދިން އެމީހާއަށް ކަން ހިނގިދިޔަ ގޮތުގެ މާބޮޑު ތަފްސީލެއް ނޭނގެ އެވެ. ރަތް ކާރެއް ވެސް އަދި ބަޔަކު ވެސް އޭނާ ނުދެކެ އެވެ. ނަމަވެސް މީހަކު ހަޅޭލެވި އަޑު އިވިގެން އަނބިމީހާ ގޮވުމުން އޭނާ ތިރިއަށް ފޭބީ އެވެ. ފޭބުމަށްފަހު ފުލުހުންނަށް ގުޅި އެވެ. ފުލުހުން އައިސް އެތަނުގައި ވެއްޓި ވަޅި ތަހުލީލުކުރި ކަމަށް އޭނާ ބުންޏެވެ.

ރިލްވާން ފޮރުވި ކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވަނީ، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންއާ ދެކޮޅަށެވެ. ދެ މީހުން ވެސް ވަނީ ދައުވާއަށް އިއްޔެ އިންކާރުކޮށްފަ އެވެ. ދައުލަތުން ބުނާ ގޮތުގައި ރަތް ކާރަކީ އާލިފްގެ ކާރެކެވެ. އެ ކާރު ހުޅުމާލެއަށް ގެންދިޔައީ ނޫރައްދީން ދުއްވުމަށެވެ. އަދި ގަވައިދާ ހިލާފަށް ވަކި ކަމެއް ކުރުމަށް ރާވައިގެންނެވެ. މި މައްސަލާގައި ޖުމްލަ 29 ހެއްކެއް ދައުލަތުން ހުށަހެޅި އެވެ. އޭގެ ތެރެއިން ހަތަރު ހެއްކެއްގެ ހެކި ބަސް މިއަދު ނެގިއިރު މާދަމާ ވެސް ތިން ސިއްރު ހެއްކެއްގެ ހެކި ބަސް ނަގާނެ އެވެ.

އޭގެއިތުރުން މާދަމާ ވަގުތު އޮތްނަމަ ފާޅުގައި ހެކި ބަސް ދޭ ހެކިވެރިންގެ ހެކި ބަސް ނަގާނެ އެވެ. ދިފާއުގައި އާލިފާއި ނޫރައްދީންގެ ފަރާތުން ފަސް މީހެއްގެ ނަން ހެކީގެ ގޮތުގައި ހުށަހަޅާފައިވާއިރު އެމީހުންގެ ހެކި ބަސް ނެގުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މާދަމާ ހުރިހާ ހެކިންގެ ހެކި ބަސް ނުނެގިއްޖެނަމަ، އޭގެ އަނެއް ދުވަހު ވެސް އެކަމަށް އަޑުއެހުމެއް ބާއްވާނެ އެވެ.

އާލިފާއި ނޫރައްދީންގެ އިތުރުން، މި މައްސަލާގައި ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދަށް ވެސް ދައުވާކުރި އެވެ. އޭނާ މަރުވެފައިވާ ކަމަށް އާއިލާއިން ބުނާތީ އާއި އޭނާ އުޅޭ ތަނެއް އަދި މަރުވެފައިވާ ކަމެއް ވެސް ދައުލަތުގެ އިދާރާތަކަށް ބުނެދެވިފައިނުވާތީ މައްސަލަ ވަނީ އަނބުރާ ފޮނުވާލާފަ އެވެ.