ބޮލީވުޑް

ބޮމްބޭ ވެލްވެޓް ގައި ބޭނުންކުރި ހެދުންތަކެއް ނީލަމުގައި ވިއްކާލަނީ

May 11, 2015

މިމަހުގެ 15 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ބޮމްބޭ ވެލްވެޓް" ގެ ލީޑްރޯލުން ފެނިގެންދާ ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރުމާ މި ފިލްމުގައި ބޭނުންކޮށްފައިވާ ހެދުންތައް ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.

ސްރީ ލަންކާ އާއި ބޮމްބޭގައި ޝޫޓްކޮށްފައިވާ މިފިލްމުން ފެނިގެންދާނީ 1960 ގެ އަހަރުތަކުގެ މަންޒަރުތައް ކަމުން، މިފިލްމުގައި މިދެތަރިން ބޭނުންކޮށްފައިވާ ހުރިހާ ހެދުމެއް ވެސް ވަނީ އޭރުގެ ސްޓައިލްތަކާ އެއްގޮތަށް ޑިޒައިންކޮށްފަ އެވެ.

މިފިލްމު އުފެއްދި ފަރާތުން މިހާރު ވަނީ ރަންބީރު އާއި އަނުޝްކާ މިފިލްމުގައި ބޭނުންކޮށްފައިވާ 1200 އާއި 1500 އާ ދެމެދުގެ އަދަދެއްގެ ހެދުންތައް އޮންލައިންކޮށް އަންނަ ހަފްތާގައި ނީލަންކިއުމަށް ނިންމާފަ އެވެ. އަދި މިހެދުންތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާކުރާނީ ޗެރިޓީ އަކަށްކަމަށްވެސް ވެ އެވެ.

ފަސްދޮޅަހުގެ އަހަރުތަކާ ވީހާވެސް ބޮޑަށް ގުޅުވުމަށް މިފިލްމުގައި ބޭނުންކޮށްފައިވާ ހުރިހާ ހެދުންތަކަކީ ހާއްސަ ޑިޒައިނަރުން ބޭނުންކޮށްގެން ޑިޒައިންކޮށްފައިވާ ހެދުންތަކެކެވެ.

ފިލްމުގެ މުޅި ކާސްޓުން ބޭނުންކޮށްފައިވާ ހެދުންތަކުގެ ބަރުދަނުގައި 25،000 ކިލޯ ހުރިކަމަށްވެ އެވެ.

މިއިން ކޮންމެ ހެދުމެއްވެސް ފަރުމާކޮށްފައިވަނީ ވަރަށް ފަރުވާތެރިކަމާ އެކު ބުރަ މަސައްކަތުންނެވެ. ކުރީ ޒަމާނުގައި ބޭނުންކޮށް އުޅުނު ހެދުން ތަކަކީ ވަރަށް ޖަރީކޮށްފައި ހުރި ހެދުންތަކެއް ކަމުން، މިފިލްމަށް ހެދުން ފަރުމާކުރުމުގައި އެންމެ ބޮޑަށް އިސްކަންދީފައިވަނީ އެޒަމާނުގައި މީހުން ހެދުން އަޅައި އުޅުނު ގޮތް ވީހާވެސް ބޮޑަށް ދައްކާލުންކަމަށް ވެސް މިފިލްމު އުފެއްދި ފަރާތުން ބުނެފައިވެ އެވެ.

މިފިލްމުގެ އިސް ރޯލުތަކުން ފެނިގެންދާ ތަރިންގެ ހެދުންތައް ވެސް ގިނަ އަދަދެއްގެ ފެހުންތެރިން ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އިރު ޖޫނިއާ އާޓިސްޓުން ބޭނުންކޮށްފައިވާ ހެދުންތައް ވެސް ވަނީ ޑިޒައިންކޮށްގެން ފަހާފަ އެވެ.

މީގެ ފަސް އަހަރު ކުރިން ހަދަން ފެށި މިފިލްމުގައި އަނުޝްކާ ބޭނުންކުރި ހެދުމެއްގެ ބަރުދަނުގައި 35 ކިލޯ ހުރެއެވެ.

"ބޮމްބޭ ވެލްވެޓް" އަކީ ޕްރޮފެސަރު ގިޔާން ޕްރަކާޝް ލިޔެފައިވާ ފޮތެއް ކަމަށްވާ "ބޮމްބޭ ފޭބްލްސް"ގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

ރަންބީރު މިފިލްމުގައި ކޭޖް ފައިޓާއެއް ކަމަށްވާ ޖޯނީ ބަލްރާޖްގެ ރޯލުން ފެނިގެންދާއިރު، އަނުޝްކާ ފެނިގެންދާނީ ރޯޒީ ކިޔާ ޖޭޒް ލަވަކިޔުންތެރިއެއްގެ ރޯލުންނެވެ. ޕްރޮޑިއުސަރު-ޑައިރެކްޓަރު ކަރަން ޖޯހަރު ވެސް ވަރަށް މުހިންމު ރޯލަކުން ފެނިގެންދެ އެވެ. ނުބައިބައި ރޯލަކުން އޭނާ ފެނިގެންދާނީ ކައިޒާދު ކަމްބާޓާ ކިޔާ ފާރިސީ ވިޔަފާރިވެރިއެއްގެ ގޮތުގަ އެވެ.

އަނޫރާގް ކަޝްޔަޕް ޑައިރެކްޓްކޮށްފައިވާ މިފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ވިކްރަމަދިތްޔަ މޮޓްވާނޭ، ވިކާސް ބާލް އަދި ފޮކްސް ސްޓާ ސްޓޫޑިއޯގެ ފަރާތުންނެވެ.

މިއީ 80 ކުރޯޑް (800 މިލިއަން ރުޕީޒް)ގެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.