ދުނިޔެ

ރޭޕްކުރުމުން ބަނޑުބޮޑުވި 10 އަހަރުގެ ކުއްޖާ އަށް އެބޯޝަންގެ ފުރުސަތެއް ނެތް

މިއީ މި ދުވަސްކޮޅު ދެކުނު އެމެރިކާގެ ގައުމެއް ކަމުގައިވާ ޕެރަގުއޭ ގުގުމާލައިގެން އުޅޭ ބޮޑު ޚަބަރެވެ. އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް އޭނާ ބަނޑުބޮޑުވީ އެވެ. ބަނޑަށް މިހާރު 22 ހަފުތާ އެވެ.

މި މައްސަލާގައި ތުހުމަތުގެ އިނގިލި އެ ކުއްޖާގެ ދޮންބައްޕަ، އުމުރުން 42 އަހަރުގެ ބެނިޓޭޒް ޖިލްބާޓޯ ޒަރާޓޭ ނަމަކަށް ކިޔާ މީހަކަށް ކުރެވޭއިރު އޭނާ ދަނީ މި ތުހުމަތަށް އިންކާރުކުރަމުންނެވެ.

މި މައްސަލަ އަދި މި އަށް ވުރެ ބޮޑުވެ ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން މިހާރު ލިބިގެން އުޅެނީ ރޭޕްކުރުމުގެ ސަބަބުން ބަނޑުބޮޑުވެ، މިހާރު ބަލިވެއިން ކުޑަ އަންހެން ކުއްޖާ އަށް އެބޯޝަންގެ ފުރުސަތު ދިނުމަށް އެގައުމުގެ ސަރުކާރުން ދެކޮޅުހަދަމުންދާތީ އެވެ.

ޕެރަގުއޭގައި އެބޯޝަން ވަނީ ގާނޫނަކުން މަނާކޮށްފަ އެވެ. މި ގާނޫނު ބުނާ ގޮތުން ބަނޑުގައި އޮންނަ ދަރިއަކު ވައްޓާލެވޭނީ ނުވަތަ ނަގައި އެއްލާލެވޭނީ މަންމަގެ ފުރާނަ އަށް ނުރައްކާވެފައިވާ ހާލަތެއްގައި އެކަނި ކަމަށެވެ. މި ކުޑަކުއްޖާގެ މައްސަލާގައި ދުނިޔޭގެ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތައް ރަތަށް އަރާފައިވާއިރު ޕެރަގުއޭގެ ސަރުކާރުން ބުނަމުން ދަނީ 10 އަހަރުގެ އަންހެން ކުއްޖާގެ ފުރާނަ އަށް އެއްވެސް ކަހަލަ ގެއްލުމެއް ނެތް ކަމަށާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅަށް އަދި ވިހެއުމަށް ފަހު 10 އަހަރުގެ އަންހެން ކުއްޖާ އަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ސަރުކާރު ތައްޔާރަށް އޮތް ކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމިއްޔާތަކުން މި މައްސަލާގައި ޕެރަގުއޭގެ ސަރުކާރާ ވިއްދާލާފައިވާއިރު ބަލިވެއިން ކުޑަކުއްޖާގެ އާއިލާ އިން ވެސް ދަނީ އެ ކުއްޖާ އަށް އެބޯޝަންގެ ފުރުސަތު ދީ އޭނާގެ ބަނޑުގައި އޮތް ދަރި ވައްޓާލުމަށް ގޮވާލަމުންނެވެ.

ޕެރަގުއޭގެ އޮފިޝަލުންނަށް، މި ކުއްޖާ ބަނޑުބޮޑުކަން އެނގުނީ އޭނާގެ ބަނޑުގައި މާ ގަދަ އަށް ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު އެވެ. އެހިސާބުން ވަގުތުން ތަހުގީގު ފެށީ އެވެ.

އެއަށް ފަހު އެ ކުއްޖާގެ ދޮން ބައްޕަ ހައްޔަރުކޮށްފައިވާއިރު މަންމަ ވެސް ވަނީ މި މައްސަލާގައި ހައްޔަރުކޮށްފަ އެވެ. ކުއްޖާ ރޭޕްކުރި ކަމަށް ދެކޮޅުހަދަމުން އަންނަ ދޮން ބައްޕަ މިހާރު ދަނީ އޭނާގެ ވާހަކަ ސާބިތުކޮށް ދިނުމަށް ޑީއެންއޭ ޓެސްޓެއް ހެދުމަށް ބާރުއަޅަމުންނެވެ.

މި މައްސަލައެއް ހޫނުވެގެން އުޅޭއިރު އިއްޔެ މުޅި ދުނިޔޭގައި ފާހަގަކުރީ ކުޑަކުދިންގެ ދުވަހެވެ. އދ. އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި، އުމުރުން 14 އަހަރުން ދަށުގެ ދެ މިލިއަން ކުދިން ކޮންމެ އަހަރަކު ބަލިވެ އިނދެ، ވިހައި މަންމައިންނަށް ބަދަލުވާ ކަމަށެވެ.