ވިޔަފާރި

ޗައިނާގެ ގިނަ ބުކިންތައް ކެންސަލްވެ، ކަންބޮޑުވުން!

ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާގެ ގިނަ ބުކިން ތަކެއް ކެންސަލްވަމުންދާތީ ޓޫރިޒަމް ވިޔަފާރިކުރާ ފަރާތް ތަކުން ކަންބޮޑު ވެއްޖެ އެވެ.

ގެސްޓްހައުސް އަށް ގިނަ އަދަދެއްގެ ޗައިނާ މީހުންގެ ގެންނަ ކ. މާފުށީ ގެސްޓްހައުސްއެއްގެ ވެރިއަކު ނޫހުގައި ނަން ނުޖެހުމަށް އެދި ވިދާޅުވީ އެ ގެސްޓްހައުސް ވިޔަފާރީގެ 43 ޕަސެންޓް ބަރޯސާވެފައިވާ ޗައިނާ މީހުންނަށް ކަމަށާއި އެހެންކަމުން މިހާރުގެ ހާލަތުން ގެއްލުންވާން ފަށާފައިވާ ކަމަށެވެ.

"ޗައިނާގައި ވަރަށް ގަދަ އަށް ހަބަރުތައް ފެތުރޭ ރާއްޖޭގެ ހާލަތު ވަރަށް ގޯސް ކަމަށް. މައްސަލައަކީ ސްޓޭޓް އޮފް އިމަޖެންސީ. މީގައި އިންޑިޔާގެ އިންވޯލްމަންޓް އުޅޭތީ އިތުރަށް ގޯސްވޭ. އެހެންވެ ވަރަށް ގިނަ ޓުއާ އޮޕަރޭޓަރުން ވަރަށް ވާހަކަ ދައްކާ އެބަ ކިހިނެއްތޯ ރާއްޖޭގެ ސިޗުއޭޝަން އުޅެނީ،" ރާއްޖޭގައި އެންމެ ފުރަތަމަ މި ވިޔަފާރި ފެށި ގެސްޓްހައުސްގެ ވެރިއަކު ބުންޏެވެ.

ޗައިނާގެ ގިނަ ބުކިންތަކެއް ކެންސަލްވާން ފަށާފައިވަނީ، ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެން އެ ގައުމުގެ މީހުން މިވަގުތު ރާއްޖެ ނާންނަން ޗައިނާ ސަރުކާރުން އެންގުމުންނެވެ.

ޗައިނާ ޓޫރިސްޓުން ގެންނަ އެހެން ގެސްޓްހައުސްއަކުން ބުނި ގޮތުގައި ޗައިނާގެ ބައެއް ބުކިންސްތައް ވަކިގޮތެއް ނާންގައި "ހޯލްޑް" ވެސް ކުރަމުންދާ ކަމަށެވެ.

"ބަޖެޓް މާކެޓުގައި ބޮޑަށް އުޅޭނެ ޗައިނީޒް ވެސް. މީގައި ޖެހޭނެ އަނެއް މައްސަލައަކީ މީގެ އެންމެ ބުކިންސްއެއް ކެންސަލްވިއަސް ވަރަށް ހައިވާނެ ގެއްލުން. މީގެ އެންމެ ބުކިންއެއްގައި ވެސް 30 ވަރަކަށް ޕެކްސް އުޅޭނެ. ޔޫރަޕު މީހުން މި އަންނަނީ ހަތަރު ވަރަކަށް މީހުން. އެކަމަކު ޗައިނީޒް މި އަންނަނީ ބޮޑެތި ގްރޫޕު. މިއާއެކު ބުކިންސްގެ އިތުރުން އެކްސްކާޝަންތައް ވެސް ކެންސަލް ވާނެ. މިއީ ބޮޑު ގެއްލުމަކަށްވާނެ،" ޗައިނާގައި އޮފީސް ހުޅުވައިގެން ހަރަކާތްތެރިވާ ކުންފުނީގެ ވެރިއަކު ނަން ނުޖެހުމަށް އެދި ބުންޏެވެ.

އޭނާ ބުނި ގޮތުގައި ރާއްޖެ އަށް ދަތުރުކުރާ ބައެއް ޗައިނާގެ އެއާލައިންތަކުން ޓޫރިސްޓުންނަށް ރީފަންޑް ދޭނެ ކަމަށް ވެސް ބުނަމުންދާ ކަމަށެވެ. އެ ފަދަ ހާލަތެއްގައި ގެސްޓުން ގެނެސްގެން ތިބި ފަރާތްތަކަށް ވެސް ރީފަންޑް ދޭން ޖެހޭނެ ކަމަށެވެ.

"ބައެއް ޗައިނާގެ އެއާލައިންސްތައް ހުއްޓާލަން އުޅޭ ކަހަލަ ވާހަކަ ތަކެއް ވެސް އެބައުޅޭ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޗައިނާއިން މިދިޔަ އަހަރު 306,530 މީހުން އައިސްފައިވެ އެވެ. އެ ގައުމުން އައި ޓޫރިސްޓުން ވަނީ ރާއްޖޭގެ ޓޫރިޒަމްގެ 22 ޕަސެންޓް ހިއްސާކޮށްފަ އެވެ.

"ޗައިނާގެ ވަރަށް ގިނަ ބުކިންތައް ވަނީ ކެންސަލްކޮށްފަ. ޗައިނާ އިން އަންނަން އޮތް އިންވެސްޓްމަންޓެއް ވެސް ކެންސަލް ވެއްޖެ. މިހާރުގެ ސިޗުއޭޝަނުން އަންނަން ބޭނުން ނުވަނީ. ކާކު ބޭނުންވާނީ ރިސްކެއް ނަގަން،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގައި އެންމެ ބޮޑު ގެއްލުމެއް ވާނީ މިކަން ދިގު ދެމިގެން ހިންގައްޖެނަމަ ކަމަށެވެ.

"މިއީ ފުލް ސީޒަން. މިހާރު މިވާ ގެއްލުން އަދި ބޮޑު ވެގެން ދާނީ އޮފް ސީޒަންގައި. އޭރުން ފިއުޗާ ބުކިންތައް ނެތުމުން ހަގީގީ ގެއްލުމާ ކުރިމަތިވާނީ،" ރިޔާޒު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޗައިނާއިން މިދިޔަ އަހަރު 306,530 މީހުން އައިސްފައިވެ އެވެ. އެ ގައުމުން އައި ޓޫރިސްޓުން ވަނީ ރާއްޖޭގެ ޓޫރިޒަމްގެ 22 ޕަސެންޓް ހިއްސާކޮށްފަ އެވެ.