އިދިކޮޅު މެންބަރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެ، މަޖިލިސް ހުޅުވާނެ ދުވަހެއް ސާފުކުރަން މިއަދު މަޖިލީހަށް ދިޔަ ނަމަވެސް ސިފައިން އެ މެންބަރުންނަށް ހުރަސް އަޅައި ވަނަ ނުދީ ހިފަހައްޓައިފި އެވެ.
މިއަދު 1:15 ހާއިރު އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަތުމަށް މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް އެންމެ ފުރަތަމަ މަޖިލީހުގައި ގޭޓާ ހިސާބުން ސިފައިން ވަނީ އެ މެންބަރުން ވަނުމަށް ހުރަސް އަޅައިފަ އެވެ. ނަމަވެސް އިރުކޮޅެއް ފަހުން މެންބަރުންނަށް ގޭޓުން ވަދެވޭ ގޮތްވި ނަމަވެސް މަޖިލީހުގެ އިދާރާ ތެރެއަށް ނުވަދެވޭ ގޮތަށް ދޮރުތައް ބަންދުކޮށް ނުވަދެވޭ ގޮތަށް ސިފައިން ތިބީ އެތުރިފަ އެވެ.
މަޖިލީހަށް ވަނުމަށް މަސައްކަތް ކުރި މެންބަރުންގެ ތެރެއިން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ މަޖިލީހުގައި ކުރަން ޖެހޭ ގިނަ މަސައްކަތްތައް އެބަ ހުރި ކަމަށާއި އެގޮތުން މަޖިލީހަށް މިއަދު ވަޑައިގަތީ އަމީންއާންމެ ނައިބާ ބައްދަލުކޮށް މަޖިލީސް ފެށޭނެ ދުވަހެއް ސާފު ކުރަން ކަމަށެވެ. ނަމަވެސް މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން އެކަމަށް ހުރަސް އެޅުމުން ވަކިވަކި ފަރާތްތަކުގެ މައްސަލަ ބާލާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މައްސޫލިއްޔަތެއް ސަރުކާރު ޒިންމާދާރު ކުރުމާއި ކުރާ ޖަރީމާތައް ބެލުމަކީ، އެހެންވެ އެ މައްސޫލިއްޔަތު އަދާ ކުރުމަށް ކުރަން ޖެހޭ ގިނަ މަސައްކަތް އެބަ ހުރި، އެގޮތުން މަސައްކަތް ފެށޭނެ ދުވަހެއް ބަލަން މިއަދު މި އައީ ނަމަވެސް ސިފައިން ހުރަސް މި އަޅަނީ،" އާޒިމް ވިދާޅުވި އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މި އަހަރުގެ ޖަލްސާތައް މި މަހުގެ ކުރީކޮޅު ފަށަން ޖެހެ އެވެ. އަދި ރިޔާސީ ބަޔާން އިއްވުމަށް ތައްޔާރުވެފައި ވަނިކޮށް 1 ފެބްރުއަރީގެ އަމުރާ ގުޅިގެން ނެރުނު ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު އެ ޖަލްސާ ވަނީ ވަކި މުއްދަތެއް ނެތް ގޮތަަށް ފަސްކޮށްފަ އެވެ. އެކަމާ ގުޅިގެން އާޒިމް ވިދާޅުވީ މަޖިލީސް ފެށޭނެ ދުވަހެއް ހޯދުމަށް އިދިކޮޅު ފަރާތްތަކުން ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ރަސްމީ ގޮތުން އެ އިދާރާއަކުން ޖަވާބެއް ނުދޭ ކަމަށެވެ.