އިންޑިޔާ އަސްކަރިއްޔާއިން ރާއްޖެ ނުފޮނުވާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ފަރާތުން ސަރުކާރަށް ދީފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި މިހާރު ހިނގާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިޔާ ސިފައިން ފޮނުވުމަށާއި އެ ގައުމުގެ އަސްކައިއްޔާ އިން ފިޔަވަޅުތަކެއް އަޅުމަށް ގޮވާލާ ހިތްވަރު ދެމުން ބައެއް ފަރާތްތަކުން އަންނަ ކަމަށެވެ. ނަމަވެސް ރާއްޖެ އާއި އިންޑިޔާ ދެމެދު ޒަމާނުއްސުރެއް އޮންނަ ގާތް ގުޅުމުގެ މިހާރުވެސް ދަމަހައްޓަމުންދާ ކަމަށާއި އިންޑިޔާއިން ސިފައިން ރާއްޖެއަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން ސަރުކާރަށް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
"...މިފަދަ ވާހަކަތަކަކީ އިންޑީޔާ އާއި ރާއްޖެ ދެމެދު އޮންނަ ޒަމާންވީ ގުޅުމާމެދު ސުވާލު އުފެއްދުމުގެ ނިޔަތުގައި ދައްކަމުންދާ ވާހަކަތަކެއް، އެފަދަ ވާހަކަތައް ނުދައްކަން އިލްތިމާސް ކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ބޭރުގެ އެއްވެސް ފަރާތެއްގެ އެހީތެރިކަމަށް ސަރުކާރުން އެދިފައި ނުވާނެ ކަމަށާއި އެހެންކަމުން ސިފައިން އަތުވެދާނެ ކަމުގެ ބިރުވެރިކަމެއް ވެސް ނެތް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި ގައުމުގެ މިނިވަންކަން ގެއްލޭނެ ފަދަ ކުޑަ ކަމަކަށް ވެސް ސަރުކާރުން ޖާގައެއް ނުދޭނެ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އިންޑީޔާ އަސްކަރިއްޔާ އިން ރާއްޖެ އައުމަށް ފުރަތަމަ ގޮވާލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ނަމަވެސް އެމަނިކުފާނުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޗައިނާ އިން ވަނީ އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވައިފި ނަމަ އެކަން ހުއްޓުވަން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފަ އެވެ.