ވިޔަފާރި

ހުޅުމާލޭގައި ކޭޝް ކާޑުން ޓެކްސީއަށް ފައިސާ ދެއްކޭ ގޮތް ހަދައިފި

Feb 13, 2018

ހުޅުމާލޭގައި ޕީއޯއެސް މެޝިނުން ޓެކްސީއަށް ފައިސާ ދެއްކޭ ހިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މިއަދު ތައާރަފުކޮށްފި އެވެ.

"ބީއެމްއެލް ކޭޝްލެސް ރައިޑް" ގެ ނަމުގައި ތައާރަފު ކުރި މި ހިދުމަތާ ބެހޭ ގޮތުން ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަން މުހައްމަދު ސައީދު ވިދާޅުވީ މި ހިދުމަތް ހުޅުމާލޭގައި ލިބިގެން ދިއުމަކީ ހުޅުމާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ފަސޭހައެއް ކަމަށެވެ.

"ބޭންކުގެ ކޮންމެ ކާޑަކުން ވެސް މި ހިދުމަތް ބޭނުން ކުރެވޭނެ. ބީއެމްއެލް މޮބައިލް ޕޭ މެދުވެރިކޮށްވެސް،" ސައީދު ވިދާޅުވި އެވެ.

ބީއެމްއެލް ކޭޝްލެސް ޑްރައިވްގެ ހިދުމަތް ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

ސައީދު ވިދާޅުވީ މި ހިދުމަތް ވެގެން ގޮސްފައިވަނީ ގިނަ ބަޔަކު ބޭނުންކުރާ ހިދުމަތަކަށް ކަމަށެވެ. އަދި މި ހިދުމަތް ހޯދަން ބޭނުންވާ ޑްރައިވަރުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހިދުމަތުގެ އެކްސްޕީރިއަންސް ވަރަށް ރަނގަޅު. މާލޭގައި މިހާރު 100 އަށްވުރެ ކާރުގައި މި ހިދުމަތް ލިބޭނެ. ހުޅުމާލޭގައި މި ހިދުމަތް އަދި މި ފެށީ ދެ ކާރުގައި،" ސައީދު ވިދާޅުވި އެވެ.

ބީއެމްއެލްގެ "އަހަރެންގެ ބޭންކް، ދިވެހިން" ގެ ބޭންކް މި ޝިއާރުގެ ދަށުން ކޮންމެ ދުވަހަކު ހިންގާ ހަރަކާތްތަކުގެ ދަށުން ކުރިއަށް ގެންދިޔާ މި ޕްރޮގްރާމުގެ ދަށުން މިމަހު 28 ހަރަކާތެއް ހިންގުމަށް ވަނީ ނިންމާފަ އެވެ. އެ ބޭންކުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ކޭޝް ކާޑް މެޝިންގެ އަދަދު 4،000 އަށްވުރެ ގިނަ އެވެ.