ރާއްޖޭގައި މިހާރު އުފެދިފައިވާ ސިޔާސީ މައްސަލައާ ހެދި އިންޑިއާއިން ރާއްޖެއާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް ނާޅާނެ ކަމަށާއި އެހެން ނަމަވެސް އެކަން އެހެން ކޮށްފާނެ ކަމަށް ދައްކާ ވާހަކައިގެ ސަބަބުން މައްސަލަތަކެއް ޖެހިދާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ލިބެން ހުރި އިންވެސްޓްމެންޓްތަަކަށް އަސަރު ކުރުމާއި އެގައުމަށް ގޮސް އުޅުމުގައި ދަތިތައް ކުރިމަތިވުން ފަަދަ މައްސަލަތައް އެވާހަކަތަކުގެ ސަބަބުން އުފެދިދާނެ ކަމަށެވެ.
" ... އެހެން ނަމަވެސް މިކަމުގެ ސަބަބުން ދިވެހިންގެ މެދުގައި އިންޑިއާ މީހުންވެ މައްޗަށް އޮންނަ އިހުތިިރާމް ކުޑަވުން އެއީ ވެދާނެ ކަމެއް. އިންޑިއާއިން ދިވެހިންނާ ދޭތެރޭގައި ކުރާ އިހުތިރާމާ ގަދަރު ކުޑަވުން އެއީ ވެދާނެ ކަމެއް. އިންޑިއާއިން ރާއްޖެއަށް ލިބެން ހުރި އިންވެސްޓްމެންޓްތަކަށް އަސަރުކޮށްފާނެ. އިންޑިއާގެ ވިޔަފާރި ވެރިން ރާއްޖެއަށް އައުމުގައި، އަޅުގަނޑުމެން އިންޑިއާއަށް ގޮސް އުޅުމުގައި އުނދަގޫތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިބާވަތުގެ ކަންކަމުން އަސަރު ކުރަނީ ދެގައުމުގެ ވެސް އާއްމު ރައްޔިތުންނަށް ކަމަށާއި އެހެންވީމާ ރާއްޖޭގައި އުފެދޭ މިކަހަލަ މައްސަލަތައް ހައްލުކުރަން މިއަށް ވުރެ ޒިންމާދާރުކަމާ އެކީގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވައިފާނެ ކަމަށް ފަތުރަމުންދާ ވާހަކަތައް ކުށްވެރި ކުރައްވާ ކަމަށެވެ.
މިނިސްޓަރު މިމޭރުމުން ވާހަކަ ދެއްކެވީ އިންޑިއާ ސިފައިން ރާއްޖެއަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން ލިބިފަައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ބަޔާނެއް ވެސް ނެެރެފައި ވަނިކޮށެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖެ އާއި އިންޑިޔާ ދެމެދު ޒަމާނުއްސުރެއް އޮންނަ ގާތް ގުޅުމުގެ މިހާރުވެސް ދަމަހައްޓަމުންދާ ކަމަށާއި އިންޑިޔާއިން ސިފައިން ރާއްޖެއަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން ސަރުކާރަށް ލިބިފައިވާ ކަމަށެވެ.
"...މިފަދަ ވާހަކަތަކަކީ އިންޑީޔާ އާއި ރާއްޖެ ދެމެދު އޮންނަ ޒަމާންވީ ގުޅުމާމެދު ސުވާލު އުފެއްދުމުގެ ނިޔަތުގައި ދައްކަމުންދާ ވާހަކަތަކެއް، އެފަދަ ވާހަކަތައް ނުދައްކަން އިލްތިމާސް ކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިންޑީޔާ އަސްކަރިއްޔާ އިން ރާއްޖެ އައުމަށް ފުރަތަމަ ގޮވާލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. ނަމަވެސް އެމަނިކުފާނުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޗައިނާ އިން ވަނީ އިންޑިއާއިން ރާއްޖެއަށް ސިފައިން ފޮނުވައިފި ނަމަ އެކަން ހުއްޓުވަން ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފަ އެވެ.