ހަބަރު

ފުލުހުން ހަދަނީ ބުހުތާނު ދޮގު ކަމަށް މައުމޫން ވިދާޅުވި: ވަކީލުން

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް އެންމެ ފުރަތަމަ ވެސް ހައްޔަރުކުރި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް އެކި ތުހުމަތުތައްކޮށް ފުލުހުން ހަދަމުން ދަނީ ބުހުތާނު ދޮގު ކަމަށް ރައްޔިތުންނަށް ދެންނެވުމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ވަކީލުން ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫންގެ ވަކީލުންގެ ޓީމުން މިއަދު އެމަނިކުފާނުގެ އަނބިކަނބަލުން ގެކޮޅު ކަމަށްވާ އެންދެރިމާގޭގައި ހުންނަ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ކުރަމުންދާ ތުހުމަތުތަކާ ގުޅޭ ގޮތުން ރައީސް މައުމޫންގެ ބަސްފުޅު ވިދާޅުވެފައިވެ އެވެ. އަދި، ފުލުހުން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަން ވަކީލުން ވެސް ފާހަގަކުރައްވާފައިވެ އެވެ.

"ރައީސް މައުމޫން ދެންނެވީ އެއީ ކަނޑައެޅިގެން ދޮގޭ، ތިމަންނައަކީ މީހުންނަށް ފައިސާ ދީ ރިޝްވަތު ހަދާ އުޅޭ މީހެއް ނޫން ކަމަށް، އެކަމާ ބެހޭ ހެއްކެއް ވެސް ނުހުންނާނެއޭ، ރައީސް މައުމޫން ވިދާޅުވަނީ ހެއްކެއް ހުރިއްޔާ ދައްކަބަލާށޭ، ލިބިފަ ހުރި އެއްޗެއް، ތިމަންނާ ޗެލެންޖް ކުރަމޭ އެކަހަލަ އެއްވެސް އެއްޗެއް ނުހުންނާނެކަން، ކަނޑައެޅިގެން އެއީ ދޮގެކޭ، އެކަހަލަ އެއްވެސް ކަމެއް ވެސް ކުރައްވާފައެއް ނޯންނާނެއޭ، އެކަހަލަ އެއްވެސް ލިޔުމެއް ނުހުންނާނެއޭ، އެކަހަލަ ކަމަކާ ގުޅޭ ގޮތުން މީހަކާ ވާހަކަ ވެސް ދައްކާފައި ނުވާނެއޭ،" ރައީސް މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕީޖީ ހުސެއިން ޝަމީމް ވިދާޅުވި އެވެ.

ރައީސް މައުމޫނަށް ފުލުހުން ކުރާ ތުހުމަތުތަކަކީ، ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުން ހިމެނެ އެވެ. އެކަމާ ގުޅޭ ހެކިބަހާއި ހެލި ލިބިފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ކަމާ ގުޅޭ ބައެއް ލިޔެކިޔުންތައް ކަޅު ފޮއްޓަކުން ފެނުނު ކަމަށް ވެސް ވަނީ ބުނެފައިވެ އެވެ.

އެ ފޮއްޓާ ގުޅޭ ގޮތުން ވެސް ޝަމީމް ވާހަކަ ދެއްކެވި އެވެ. އެ ފޮށި ފުލުހުންނަށް ފެނުމުގެ ކުރިން ފޮއްޓެއް ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިކަން އޭނާ ފާހަގަކުރެއްވި އެވެ.

"ފޮށި ފެނުމާ ގުޅޭ ގޮތުން ވެސް އިލްހާމެއްބާ މިވީ؟، އެ ފޮށީގަ ހެކި ހުންނާނެ ކަމާއި ފޮށި ފެންނާނެކަން އެމަނިކުފާނު މާކުރިން ވިދާޅުވި، އެހެންވީމަ އެއީ ކިހިނެއް ހިނގާފައިވާ ކަމެއްކަމާމެދު އަޅުގަނޑުމެންނަށް ސުވާލު އުފެދޭ، ފުލުހުންގެ ކަންކަން ހުންނަ ގޮތުން އެބަ ދިމާވޭ ފޮށި ފޮއްޓަށް އެއްޗެހި ލުމުގެ ކަންކަން، އަދި ހާއްސަކޮށް ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އިއްތިފާގުން މިކަން މި ދިމާވަނީ ވެސް، އެހެންވީމަ މި ފޮށީގެ ކަންތަކަކީ ކަނޑައެޅިގެން ދޮގެއް، ފޮށި މި ފެނުނީ މާފަހުން، އަދި އެ ފޮއްޓަކު ހެކި ހުރި ކަމަށް އެ ފޮށި ބަލާ ފާސްކޮށްފަ ދިން ލިޔުމަކު ވެސް ނެތް، ފޮއްޓެއް ނުފެންނަ ކަމަށް ފުރަތަމަ ލިޔުން ވެސް ދެއްވީ، އެ ފޮށިން ހެއްކެއް ފެނުނިއްޔާ އެއީ ފުލުހުން ލާފައިވާ އެއްޗަކަށް ވާނީ، އެއީ ލިޔުންތަކުން އެނގޭކަށް ނެތް އެ ފޮށިން އެއްވެސް އެއްޗެއް ފެނުނު ކަމެއް،" ޝަމީމް ވިދާޅުވި އެވެ.

ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ތަހުގީގަށް އެއްބާރުލުން ނުދެއްވާ ކަމަށް ފުލުހުން މިއަދު ބުނި ބުނުމަކީ ސީދާ ދޮގެއް ކަމަށެވެ. މިހާތަނަށް ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމްއާ އެއްވެސް ސުވާލެއް ތަހުގީގުގައި ކޮށްފައި ނުވާ ކަމަށެވެ.

"ސުވާލުތަކެއް ނުކުރައްވާ ކިހިނެއްތޯ ވިދާޅުވާނީ ތިމަންނަމެންނަށް ދަތި ކުރައްވަނީއޭ، ތިމަންނަމެންނަށް އެއްބާރުލުމެއް ނުދެއޭ، ކަނޑައެޅިގެން މި ބޭފުޅުންގެ ފަރާތުން އިންކާރުކުރަން އެ ވާހަކަ، އެ ބޭފުޅުންނަށް ރައްދުވާ ގޮތަކަށް އެ ވާހަކައެއް ފުލުހުންނަށް ނުދެއްކޭނެ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

ހުސެއިން ޝަމީމް ވިދާޅުވީ، ތަހުގީގުގައި އިތުރަށް ވާހަކަ ދެއްކޭނީ ސުވާލުކޮށްގެން ކަމަށެވެ. ސާފުކުރަން ބޭނުންވާ ކަމެއް ވެސް އެނގިގެން ކަމަށެވެ.

"ފުލުހުން އެބަ ބުނޭ ހެކި ނުދޭ ކަމަށް، އަޅުގަނޑުމެން ވަރަށް އެބަ މަސައްކަތް ކުރަން ހެކި ދޭން، އެކަމަކު ކޮން ހެއްކެއްތޯ ދޭނީ، ކަނޑައެޅިގެން އެބަ އިންކާރު ކުރައްވާ، އެ ހުރިހާ ކުށަކަށް އިންކާރު ކުރައްވާ، ފުލުހުންގެ މަސައްކަތަށް އެއްބާރުލުން ދޭން ވެސް ބޭނުންވޭ، އެކަމަކު ކޮން އެއްޗެއްތޯ ދޭނީ، ކިހިނެއްތޯ ހަދާނީ، އަޅުގަނޑުމެންނަށް ހެއްކެއް ނުވެސް އުފެއްދޭނެ، ފުލުހުންނަށްތާ ހެކި އުފައްދަން ވެސް މަސައްކަތް ކުރެވޭނީ، އެހެންވެ އެ ދައްކަވާ ވާހަކައަކީ އާންމުކޮށް ތަހުގީގުގައި ނޫޅުއްވާ ބޭފުޅުން ޕްރެސްއަށް އަރައި ވާހަކަ ދައްކަންވީމަ ދެއްކޭ ވާހަކަތަކެއް، އެ ބޭފުޅުންނަށް ތަހުގީގު ހިނގާ ގޮތް މާބޮޑު ސާފު ނުވާތީ،" ޝަމީމް ވިދާޅުވި އެވެ.

"އެމީހަކާ ސުވާލުނުކޮށް ތަހުގީގު ނުކުރާ މައްސަލައެއްގައި އެމީހަކާ ދެކޮޅަށް ދައުވާއެއް ނުކުރެވޭނެ، އެެހެންވީމަ އެމީހަކާ ހޭ އަހާނުލާ އެމީހަކާ ދެކޮޅަށް ދައުވާކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން، މިހާރު ފުލުހުން މީޑިއާގައި މި ދައުވާ ކުރައްވަނީ ޝަރީއަތް ހިންގަނީ، ޝަރީއަތް ކުރާނީ ކޯޓުގަ، މީޑިއާ ކުރި މައްޗެއްގަ ނޫން،"

މިއަދު ބޭއްވި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސްޕޯކްސްޕާސަން، އަހުމަދު ޝިފާން ވިދާޅުވީ، މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށްދާއިރު، ބައެއް ފަރާތްތަކުން އެ މައްސަލައިގައި ހެކި ދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ. އެފަދަ ފަރާތްތަކުން ތަހުގީގަށް ހުރަސް އަޅައި ފުލުހުންގެ ދައުރަށް ދަތިކުރި ކަމުގެ މައްސަލަ ބަލައި އެ މައްސަލައިގައި ދައުވާ ކުރަން ވަރަށް އަވަހަށް ޕީޖީއަށް ފޮނުވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މައުމޫން ހަމީދު ވިދާޅުވީ، ކޮރަޕްޝަނާއި ފަސާދައިގެ ސަގާފަތެއް ދަމަހައްޓަން ބޭނުންވާ ބަޔަކު އެބަ އުޅޭ ކަމަށާއި އެކަމާ ދެކޮޅަށް އެކަން އިސްލާހުކުރުމަށް އުޅޭ ކޮންމެ މީހަކު ހައްޔަރުކޮށް މައްސަލައެއް އުފައްދަމުންދާ ކަމަށެވެ. ރައީސް މައުމޫން ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާ ބޭފުޅުން ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ ދެކެ ބިރުން ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. އެކަން ވަރަށް ސާފުކޮށް މިހާރު އެބަ އެނގޭ ކަމަށެވެ. ގާނޫނުގެ ސިފަ ޖައްސައިގެން ގާނޫނާ ހިލާފު ކަންކަން ބަޔަކު ލައްވާ ކުރުވަމުންދަނީ އެހެންވެ ކަމަށެވެ.

"ރައީސް މައުމޫން ވިދާޅުވަނީ ތިމަންނަ އެއްވެސް ޖިނާއީ ކުށެއް ނުހިންގަމޭ، ގާނޫނީ އިޖުރާއަތާ އެއްގޮތަށް ކަން ކުރައްވާށޭ، އޭރަށް ޖަވާބު ދާރީވާނަމޭ،" މައުމޫން ހަމީދު ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ، އެމަނިކުފާނު ފެއްޓެވި އިސްލާހީ މަސައްކަތްޕުޅުގައި އެއްވެސް ފަސް ޖެހުމެއް ނެތި ހުންނަވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ދޮގު ތުހުމަތުތަކެއްކޮށް އެ ވާހަކަ ދައްކާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ދެ ދުވަހަށް މި ބައްދަލުވިއިރު ވެސް އެމަނިކުފާނުގެ މޫނުފުޅު މަތިން އެއްވެސް ކަހަލަ ނުތަނަވަސް ކަމެއް ވެސް ފެންނާކަށް ނެތް، ވަރަށް ހަމަޖެހިގެން ހުންނަވަނީ، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަންތައްތައް ހިނގަމުން މިދާ ގޮތް، ވަރަށް ސާބިތުކަމާއެކު ވަރަށް މަޑުމައިތިރިކަމާއެކު ވިދާޅުވަނީ އެމަނިކުފާނު ބޭނުންފުޅުވާ ވާހަކަތައް،" ޝަމީމް ވިދާޅުވި އެވެ.

ވަކީލުން ވަނީ ކުއްލި ގޮތަކަށް ރައީސް މައުމޫން ކަރެކްޝަންގެ ބެލުމުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ވަކީލުންނާ ބައްދަލުކުރުމަށް 30 މިނެޓް ދޭން ނިންމި ނިންމުމަށް ފާޑުވިދާޅުވެފަ އެވެ. ޝަމީމް ވިދާޅުވީ، އެފަދަ އުސޫލުތައް ޓްވީޓްތަކުން ކަނޑަނޭޅޭނެ ކަމަށެވެ. އަމަލުކުރަން ޖެހޭ އުސޫލެއް ނެތްނަމަ އެ އުސޫލެއް ގެޒެޓްކޮށް ލިޔުމުން ފެންނަން އޮންނަން ޖެހޭނެ ކަމަށެވެ. އުސޫލަކީ ހިތުހުރި ގޮތަކަށް ކަންކުރުން ނޫން ކަމަށެވެ.

ގާނޫނީ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ، ބޮޑެތި ތުހުމަތުތަކެއް ކުރާއިރު އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދުވާލަކު 30 މިނެޓް ލިބުމަކީ އެއްގޮތަކަށް ވެސް އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ. އެ ބަދަލު ގެނެސްފައިވަނީ ވެސް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ހަނިކުރުމުގެ މަގުސަދުގަ ކަމަށް ފައިސަލް ވިދާޅުވި އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ވަކީލުންގެ ފުރުސަތު އެއްގޮތަކަށް ވެސް ހަނިނުކުރެވޭނެކަން ގާނޫނު އަސާސީގައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

މީގެއިތުރުން، ރައީސް މައުމޫނާއި ނަދީމް އަދި ފާރިސް ބަންދުގެ މުއްދަތަށް ކޯޓަށް ހާޒިރުނުކުރާ މައްސަލަ ވެސް ވަކީލުން ފާހަގަކުރެއްވި އެވެ. މައުމޫން ހަމީދު ވިދާޅުވީ، 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ މައްޗަށް ބަންދު ޖެހުމަށް ހާޒިރުކުރުމުގެ މާއްދާ ގަރާރު އިސްލާހުކޮށް ސަސްޕެންޑްކުރީ، ރައީސް މައުމޫނާއި ނަދީމް ހައްޔަރުކުރުމުގެ ފަހުން ކަމަށެވެ. އެހެންވެ އެ ދެ ބޭފުޅުން ހައްޔަރުކުރިއިރު އެ މާއްދާއަށް އަމަލުކުރަމުންދާތީ އެ ބޭފުޅުން ކޯޓަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ. މިހާރު އެ ބޭފުޅުން އެ ތިއްބެވީ ގާނޫނާ ހިލާފު ބަންދެއްގައި ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.

ފާރިސް މައުމޫން ހައްޔަރުކުރީ ގަރާރަށް އިސްލާހު ގެނެސް، އެ މާއްދާ ސަސްޕެންޑްކުރުމަށްފަހު އެވެ. ނަމަވެސް ފާރިސްއަކީ މަޖިލިސް މެންބަރަަކަށްވާއިރު، މަޖިލިސް މެންބަރެއް ހައްޔަރުކުރަން ޖެހޭނީ ފަނޑިޔާރަކު ނެރޭ އަމުރަކުން ކަމަށް ގާނޫނުގައި ބުނެފައިވާއިރު ބަންދާމެދު ވެސް ގޮތެއް ނިންމަން ޖެހޭނީ ފަނޑިޔާރެއްގެ އަމުރެއްގެ ދަށުން ކަމަށެވެ. އެހެން ނޫންނަމަ އެ ގާނޫނުން ލިބޭ ރައްކާތެރިކަމެއް ނުލިބޭ ކަމަށެވެ. އެހެންވެ، ފާރިސް މިހާރު އެ ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.