ހަބަރު

ކަޅު ފޮށިން ހެއްކެއް ފެނިއްޖެނަމަ އެއީ ފުލުހުންގެ އެއްޗެއް: ޝަމީމް

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާ ދެކޮޅަށް ކަޅު ފޮއްޓަކުން ހެކި ފެނިފައިވާ ކަމަށް ބުނެ ފުލުހުން ދައްކާ ވާހަކަތަކަށް އެމަނިކުފާނުގެ ވަކީލުން ރައްދު ދެއްވައިފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، މައުމޫންގެ ސެކްރެޓަރީއެއް ކަމަށްވާ، ނަޖުމާ އިބްރާހިމްގެ ގެއިން ފެނުނު ކަޅު ފޮށިން ފެނުނު ލިޔުމަކުން މައުމޫން ވިދާޅުވެގެން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ސުޕްރީމް ކޯޓްގެ ދެ ފަނޑިޔާރަކާ ބައްދަލުކުރިކަމާއި މައްސަލަތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަން އެނގިފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް ޝަމީމް ވިދާޅުވީ، އެ ފޮށި ފުލުހުންނަށް ފެނުމުގެ ކުރިން ފޮއްޓެއް ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ކަމަށެވެ. ރުމާލު ޖަގަހައިގައި ހައެއް ފެބުރުއަރީ ވަނަ ދުވަހުގެ ރޭ އޮތް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން އެ ފޮށީގެ ވާހަކަ ދެއްކެވި އެވެ. އަދި އެ ފޮށީގައި ހެކިތައް ހުންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އެ ފޮށި ނެގި ކަމަށް ފުލުހުން ބުނަނީ އޭގެ އަނެއް ދުވަހު ނަޖުމާގެ ގެ ބަލާ ފާސްކުރުމަށްފަހު އެވެ.

"ފޮށި ފެނުމާ ގުޅޭ ގޮތުން ވެސް އިލްހާމެއްބާ މިވީ؟، އެ ފޮށީގަ ހެކި ހުންނާނެ ކަމާއި ފޮށި ފެންނާނެކަން އެމަނިކުފާނު މާކުރިން ވިދާޅުވި، އެހެންވީމަ އެއީ ކިހިނެއް ހިނގާފައިވާ ކަމެއްކަމާމެދު އަޅުގަނޑުމެންނަށް ސުވާލު އުފެދޭ، ފުލުހުންގެ ކަންކަން ހުންނަ ގޮތުން އެބަ ދިމާވޭ ފޮށި ފޮއްޓަށް އެއްޗެހި ލުމުގެ ކަންކަން، އަދި ހާއްސަކޮށް ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އިއްތިފާގުން މިކަން މި ދިމާވަނީ ވެސް،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، "އެހެންވީމަ މި ފޮށީގެ ކަންތަކަކީ ކަނޑައެޅިގެން ދޮގެއް، ފޮށި މި ފެނުނީ މާފަހުން، އަދި އެ ފޮއްޓަކު ހެކި ހުރި ކަމަށް އެ ފޮށި ބަލާ ފާސްކޮށްފަ ދިން ލިޔުމަކު ވެސް ނެތް، ފޮއްޓެއް ނުފެންނަ ކަމަށް ފުރަތަމަ ލިޔުން ވެސް ދެއްވީ، އެ ފޮށިން ހެއްކެއް ފެނުނިއްޔާ އެއީ ފުލުހުން ލާފައިވާ އެއްޗަކަށް ވާނީ، އެއީ ލިޔުންތަކުން އެނގޭކަށް ނެތް އެ ފޮށިން އެއްވެސް އެއްޗެއް ފެނުނު ކަމަކަށް" ކަމަށެވެ.

ވަކީލް މައުމޫން ހަމީދު ވެސް އެކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ. މައުމޫން ހަމީދު ވިދާޅުވީ، މީގެ ކުރިން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ކަޅު ދަބަހެއް ވެސް ފެނުނު ކަމަށެވެ. އަދި އެ ދަބަސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން، ދަބަހުން ބޮމެއް ފެނުނުކަން ފުލުހުން ހާމަ ވެސް ކުރި ކަމަށެވެ. އެ ބޮން އެ ދަބަހުން ފެނުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުންކަން ފަހުން އެނގިގެން ދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ. މިހާރު ފެނިގެން އުޅޭ ކަޅު ފޮށި ވެސް މައުމޫން ހަމީދު ފާހަގަކުރެއްވީ އެކަހަލަ ކަމެއްގެ ގޮތުގަ އެވެ.

ރައީސް މައުމޫނަށް ފުލުހުން ކުރާ ތުހުމަތުތަކަކީ، ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމާއި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުން ހިމެނެ އެވެ. އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމާއި ފާރިސްއަށް ކުރަނީ އެކަންކަމުގައި ބައިވެރިވުމުގެ ތުހުމަތެވެ. އެކަމާ ގުޅޭ ހެކިބަހާއި ހެލި ލިބިފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ކަމާ ގުޅޭ ބައެއް ލިޔެކިޔުންތައް ކަޅު ފޮއްޓަކުން ފެނުނު ކަމަށް ވެސް ވަނީ ބުނެފައިވެ އެވެ.