ހަބަރު

ރިލްވާންގެ މައްސަލަ މިއަދު ވެސް ކެންސަލް

ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ފޮރުވި މައްސާލާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ވެސް ކެންސަލްކޮށްފި އެވެ. މިއަދު 2:00 އާއި 3:00 އަށް އަޑުއެހުންތައް ތާވަލުކުރި އެވެ. އެ ދެ އަޑުއެހުން ވެސް ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ.

މައްސަލާގެ މިއަދުގެ އަޑުއެހުންތަކަކީ ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރެއިން ބާކީ ތިބި ހެކިވެރިންގެ ހެކި ބަސް ނެގުމަށް ތާވަލުކުރި އަޑުއެހުމެކެވެ.

މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވެފައިވަނީ މައްސަލަ އަވަހަށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި އެހެންވެ ހެކިބަސް ނެގުމަށް ޖެހިޖެހިގެން އަޑުއެހުންތައް ގިނަ ވަގުތު ކަނޑައަޅައިގެން ބާއްވާނެ ކަމަށެވެ. ހޯމަ ދުވަހު ވަނީ ދައުލަތުން ހުށަހެޅި ހަތަރު ސިއްރު ހެކިވެރިޔަކު ހެކި ބަސް ދީފަ އެވެ.

ހެކީގެ ގޮތުގައި ދައުލަތުން ރިލްވާންގެ އާއިލާގެ ގިނަ މެންބަރުބްތަކެއްގެ ނަން ވެސް ހުށަހަޅާފައިވާއިރު އެ މީހުންނަށް ހެކި ބަސް ދޭން މިއަދު ކޯޓަށް ހާޒިރުވާން ވަނީ އަންގާފަ އެވެ.

ރިލްވާން ފޮރުވި ކަމަށް ތުހުމަތުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންއާ ދެކޮޅަށެވެ. ދެ މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

މައްސަލާގައި ޖުމްލަ 29 ހެއްކެއް ދައުލަތުން ހުށަހެޅި އެވެ. ދިފާއުގައި އާލިފާއި ނޫރައްދީންގެ ފަރާތުން ފަސް މީހެއްގެ ނަން ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.