ދުނިޔެ

ޔަމަންގައި ހަމަލާ ބަދަލުކުރުން ފަސް ދުވަހަށް ހުއްޓާލަނީ

އިންސާނީ އެހީ އަށް ފުރުސަތު ދިނުމަށް ހަނގުރާމަވެރިންގެ ހަމަލާތައް ހުއްޓާލާނީ މާދަމާ އެވެ.

ހަމަލާތައް ހުއްޓާލަން ހަނގުރާމަވެރިން އެއްބަސްވެފައިވާއިރު އެމީހުންގެ ބާރުގެ ދަށަށް ޔަމަންގެ ސަރުކާރު ގެންދިއުމުން އެމީހުންނާ ދެކޮޅަށް ސައޫދީ އަރަބިއްޔާގެ ވައިގެ ސިފައިން ހަމަލާ ދޭތާ މިހާރު ވަނީ މަސް ދުވަސްވެފަ އެވެ. ސައޫދީ ސިފައިންގެ ހަމަލާތަކާ ގުޅިގެން ޔަމަންގެ އިންސާނީ ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ.

އެގޮތުން ކާބޯތަކެއްޗާއި ބޭސްފަރުވާ އަދި ތެލަށް ޖެހިފައިވާ މީހުންގެ އަދަދު ވަރަށް ވެސް ގިނަ އެވެ.

ހާލުގައި ޖެހިފައިވާ އާންމުންނަށް އެހީ ފޯރުކޮށް ދިނުމުގެ ނަމުގައި ހަމަލާތައް ހުއްޓާލަން ހަނގުރާމަވެރިން އިއުލާނުކުރުމުން ސައޫދީ އާއި ޔަމަނުން ފައްސާލާފައިވާ އަބްދު ރައްބޫ މަންސޫރު ވިދާޅުވެފައި ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލާ މުއްދަތުގެ ތެރޭގައި ހަނގުރާމަވެރިންގެ އެއްވެސް ބަޔަކު ހަތިޔާރު ނަގައިފި ނަމަ ވަގުތުން ރައްދު ހަމަލާ ދޭނެ ކަމަށެވެ.

ޔަމަނުގައި މިދިޔަ މާޗް މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކާ އެކު އެ ގައުމު ދެ ފަޅިއަކަށް ފަޅައިގެން ގޮސްފައިވާއިރު މިހާރު ފެންނަމުން ދަނީ ސުންނީންނާއި ޝިއައީންގެ ކުރިމަތިލުމެކެވެ. އަދި މި ކުރިމަތިލުމުގެ ތެރެއިން ޔަމަންގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް ވަނީ ޝިއައީ ހަނގުރާމަވެރިންނަށް ވެސް ބައިއަތު ހިފައިފަ އެވެ.

ސާލިހް އާއި ޝިއައީ ހަނގުރާމަވެރިންގެ ގޮތުގައި ތިބި ހޫތީންނަށް އީރާނުން އެއްބާރުލުން ދެމުން އަންނައިރު މި ކުރިމަތިލުމުގައި ސުންނީންގެ ހިމާޔަތަށް ނުކުމެފައި ވަނީ ސުންނީންގެ ބާރުގަދަ އަދި އީރާނާ ހިޔާލުތަފާތުވެފައި އޮންނަ ސައޫދީ އެވެ.