ހަބަރު

އިދިިކޮޅު މުޒާހަރާ ކަވާކުރަން އުޅުނު ނޫސްވެެރިއަކު ހައްޔަރުކޮށްފި

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި އިދިކޮޅު ޕާޓީތަކުން މިރޭ ކުރި މުޒާހަރާ ކަވާކުރަން އުޅުނު ނޫސްވެރިއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހައްޔަރުކުރި ވީމީޑިއާގެ މުވައްޒަފަކީ ކެމަރާމަން މުހައްމަދު ރިޔާޒު އެވެެ. އޭނާ ހައްޔަރުކުރީ މިރޭގެ މުޒާހަރާ ކަވާކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. ނަމަވެސް ވީމީޑިއާގެ އެއްވެސް އިކުއިޕްމަންޓެއް ފުލުހުން ނުގެންދެއެވެ.

ވީމީޑިއާގެ ކެމެރާމަނު ހައްޔަރު ކުރި ކުރުމާ މެދު ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. އޭނާ ހައްޔަރު ކުރީ ކޮން ތުހުމަތަކަށް ކަމެއް އެހެންވެ އަދި އޮޅުމެއް ނުފިލައެވެ. ފުލުހުން ވަނީ ރައްޔިތުުންގެ މަޖިލީހުގެ ދެ މެމްބަރަކުވެސް މިރޭ ވަނީ ހައްޔަރުކޮށްފަައެވެ. ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ ( މުހައްމާ)އެވެ.

ދެ މެމްބަރުން ހައްޔަރުކުރިކަން ކަށަވަރު ކުރެވިފައިވީ ނަމަވެސް އެކަމާ ބެހޭ ގޮތުން ފުލުހުން އަދި އެއްޗެއް ނުބުނެއެވެ. އެހެންވެ އެބޭފުޅުން ހައްޔަރު ކުރީ ކޮން ތުހުމަތަކަށް ކަމެއް އަދި ނޭނގެއެވެ.

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަަށް ގޮވާލައި އިދިކޮޅު މީހުން ކުރާ މުޒާހަރާތަކަށް ކޮންމެ ދުވަހަކު ވެސް ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ. ބައެއް ސިޔާސީ ލީޑަރުން މިނިވަންް ކުރަން ވެސް އަންގާފައިވާ އެ އަމުރު ތަންފީޒު ނުކޮށް ސަރުކާރުން ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. އަދި އެ އަމުރަކީ ބަޣާވާތެއް ކަމަށް ސިފަކޮށް އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ. އެ ދެބޭފުޅުންނާއި ކުރީގެ ރައީސް މައުމޫނަށް ސަރުކާރުން ކުރަނީ ގާނޫނާ ހިލާފަށް ވެރިކަން ވައްޓައިލަން އުޅުނުކަމުގެ ތުހުމަތެވެ.